ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތު ރައްކާތެރި ކޮށްދެއްވުމަށް އެދި ގައުމުގެ ވެރިންގެ ކިބައިން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހު އިލްޔާސް ހުސައިން ގޮވާލައްވައިފި އެވެ.
އިލްޔާސް މިކަމަށް ގޮވާލެއްވީ "ލޮބުވެތި ނަބިއްޔާ" ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުސްގެ ތެރެއިންނެވެ.
އިލްޔާސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ އެމަނިކުފާނުގެ ނާއިބާއި އަދި މަޖިލީހުގެ މެންބަރުންވެސް އެބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވާގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. ކީރިތި ރަސޫލާގެ މާތް ޝަހުސިއްޔަތަށް ފުރައްސާރަކޮށް، އިސްލާމްދީނާ އެ ދީނުގެ ޝިއާރުތަކަށް ގޮންޖަހާ ވާހަކަ ދައްކާ ހަދައިފިި ކޮންމެ މީހަކީ ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުން ގެނައުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ. އެހެން ކަމުން އެފަދަ މީހުންނަށް ހައްގު އަދަބު ދޭން އިލްޔާސް ގޮވާލެއްވި އެވެ.
އިލްޔާސް ވިދާޅުވީ މުސްލިމަކު ނޭދެވޭ ކަމެއް ނުކުރާނެ ކަމަށާއި މުސްލިމުންގެ ބޮލުގައި އިލްޒާމް އަޅުވާ މީހުންނަށް ޝަޒާ ދޭންޖެހޭ ކަމަށެވެ. އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު އެންމެ ލޯބިވާ އެންމެ ގަދަރުކުރާ ދިވެހި ސިފައިންނާ ފުލުހުންނަށް ދަންނަވާލާނީ މި ދިވެހިރާއްޖޭގައި އިސްލާމީ ވަހުދަތާ، ސިޔާދަތަށް އޮޅުންއަރުވާ ކޮންމެ ބަޔަކާމެދު ފިޔަވަޅު އަޅުއްވާށޭ. ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަންޖެހޭނޭ. އެއީ މިގައުމުގެ ސަލާމަތަށްޓަކައި. ސަބަބަކީ ﷲ ގެ ޝަޒާ އަތުވެއްޖެނަމަ އަޅުގަނޑުމެންނަށް ނެތް އެއްވެސް ގޮތެއް." އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށް ދައްކަން ބަޔަކު ކިތަންމެ މަސައްކަތް ކުރި ނަމަވެސް އެކަން އެހެން ނުވާނެ ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ޝަހުސިއްޔަތަށް އުނިކަން ގެނައުމަށް ކުރާ މަސައްކަތް ވެސް މިދިވެހި ފަސްގަނޑުގައި ކާމިޔާބު ނުވާނެ ކަމަށެވެ.
"ހައްގުތައް ހޯދުމަށްޓަކައި ވަލިއްޔުލް އަމްރަށް އަޅުގަނޑުމެން ދަންނަވައިފި ނަމަ އެ ދެންނެވުމުން އަޅުގަނޑުމެންގެ ވާޖިބު އަދާވީ. ކުރުމާއި ނުކުރުން އެއީ ވަލިއްޔުލް އަމްރުގެ ކަމެއް. ވަލިއްޔުލް އަމްރު އެކަން ކުރައްވާނެ ކަމަށް އަޅުގަނޑުގެ ހިތް އެބަ ބުނޭ،" އިލްޔާސް ވިދާޅުވި އެވެ.
މުސްލިމުންނަށް އޮތީ ބަޔަކު ގޯސްކޮށް ކަމެއް ކުރުމުން އެކަމާ ދެކޮޅު ހަދާ އެކަންކަމަށް ފިޔަވަޅު އެޅުމަށް ގައުމުގެ އެންމެ އިސްވެރިޔާއަށް ގޮވާލުން ކަމަށާ ދިވެހިންގެ އަޑު ރައީސް އައްސަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް