އަންނަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް ކުރިމަތި ނުލައްވާނެކަން އެ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ އަވަސް ނޫހުން ގެނެސްދޭ އަވަސް ހުކުރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިހާން ވިދާޅުވީ ދެހާސް ސާދަވަނަ އަހަރު ކެމްޕެއިނަށް ކުރިމަތިލައިގެން ދިޔައިރު ވެސް 2019ގައި ކުރިމަތި ނުލައްވާނެ ވާހަކަ ޓީމް ކައިރީގައި ބުނެފަ އޮންނާނެ ކަމަށެވެ. ކުރިމަތި ނުލާން ނިންމަވަނީ ޒުވާން ކުއްޖަކަށް ފުރުސަތު ދިނުމަށް ކަމުގައި ނިހާން ވިދާޅުވިއެވެ.
އެކަން ހާމަކޮށް ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ދިހަ އަހަރުގެ ދައުރަކަށްފަހު އަނެއް ޔޫތް ޖެނަރޭޝަނަށް ގޮނޑި ދޫކޮށްލުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށާއި ނަމަވެސް މިއިން ގޮނޑިއަކަށް އަރައިފި މީހަކު މިއީ ފައިބަން ނޭނގިފައި ތިބޭ ކަމަށެވެ. ނިހާން ވިދާޅުވީ ޒަމާނުންސުރެ އޮތް އެ ސަގާފަތް ބަދަލުކުރަން ބޭނުން ކަމަށެވެ.
ވިލިމާލެ ދާއިރާއަށް ކުރިމަތި ނުލެއްވިޔަސް އެހެން ދާއިރާއަކަށް ކުރިމަތިލައްވާނެކަން އޭނާ ހާމަކުރެއްވިއެވެ. ނަމަވެސް އެއީ ސީދާ ކޮން ދާއިރާއެއްކަން ވިދާޅުވެފައެއް ނުވެއެވެ. ވިދާޅުވެފައިވަނީ ކުރިމަތިލައްވާނެ ދާއިރާއެއް އަދި ނިންމާފައި ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް