އޭސީސީގެ މެންބަރުން -
އޮޑިޓް އޮފީހުން ނެރުނު ފެނަކައާއި ގުޅޭ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ)
އިން ތަޙުޤީޤުކުރުމުގެ އިޚްތިޞާސްއަށް ފެތޭ މައްސަލަތަކަކީ ކޮބައިކަންބަލައި އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާނެކަމުގައި އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އޭސީސީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ އޮޑިޓަރ ޖެނެރަލްގެ
އޮފީހުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ގިނަ މައްސަލަތަކަކީ އެ ކޮމިޝަނުން
މިހާރުވެސް ތަޙުޤީޤު ކުރަމުންދާ މައްސަލަތަކެއްކަން ފާހަގަ ކުރާކަމަށާއި އެގޮތުން ފެނަކަ
ކޯޕަރޭޝަންގެ 161 މައްސަލަ އެ ކޮމިޝަނުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.
"މި މައްސަލަތަކުގެ ތެރެއިން 13 މައްސަލައެއްގައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން މަރުޙަލާ ފަށާފައިވާއިރު،
2022 ވަނަ އަހަރުން ފެށިގެން ފެނަކަ ކޯޕަރޭޝަނަށް ނިސްބަތްވާ ނުވަ މައްސަލައެއްގައި
އެކި ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ވަނީ ފޮނުވާފައި، އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދަޢުވާކުރެވި މިހާރުވަނީ ޙުކުމްކޮށްފައި"
އޭސީސީއިން ބުނެފައިވެއެވެ.
ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަޙުޤީޤު ކުރުމަށްފަހު،
އެ މައްސަލަތަކާ ގުޅިގެން، 21،458،280.86 (އެކާވީސް މިލިޔަން ހަތަރުސަތޭކަ ފަންސާސް
އަށް ހާސް ދުއިސައްތަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަ ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް
ކޮމިޝަނުން އަންގާފައިވާކަން ފާހަގަކޮށް އޭސީސީއިން ބުނެފައިވަނީ ފެނަކައާ ގުޅޭ އެކި
މައްސަލަތަކުގައި 96 ކަމެއް އިސްލާޙުކުރުމަށް، ކޮމިޝަނުން މިހާތަނަށް ވާނީ އެ ކުންފުންޏަށް
އަންގާފައި ކަމަށެވެ. އެކަންކަމުގެ ތެރޭގައި؛ ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ
ގޮތުގެ 49 ކަމަކާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 26 ކަމަކާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ
ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 10 ކަމަކާއި، ކުންފުނިން
ބަލައި ތަޙުޤީގުކުރުމަށް އަށް ކަމަކާއި އަދި އިތުރު ކަންކަން ހިމެނޭކަމަށް
ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް