ބޮޑު އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފްއިން ކުރިޔަށް ގެންދާ "އޮޕަރޭޝަން އަޟްހާ" ގެ ދަށުން ބަލާ ފާސްކުރި އޮޑި ދޯނި ފަހަރުގެ ތެރެއިން 19 އުޅަނދެއް ސަލާމަތީ ކަންކަން ފުރިހަމަ ނުވާތީ ފުރުން ހުއްޓުވައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް 92 އުޅަނދެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 19 އުޅަނދެއްގެ ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނުވާތީ ހުއްޓުވި ނަމަވެސް އަނެއް 63 އުޅަނދުގައި ސަލާމަތީގޮތުން ހުންނަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅިފައިހުރިކަމަށް ބުނެ އެވެ.
މި އޮޕަރޭޝަންގައި ބެލި ކަންކަމުގެ ތެރޭގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަކޮށްފައި ހުރިތޯ ބެލި އެވެ. އަދި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުމާއި އަދި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ އެހެން ބައެއް ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަންގެ ދަށުން އީދު ބަންދަށް ފަހު އޮޑި ދޯނި ފަހަރު އެނބުރި މާލެ އަންނަ އިރުވެސް ބަލާ ފާސްކުރާނެ ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހެމުންދާއިރު މިއަދާ މާދަމާވެސް ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް