ހުކުރު ދުވަހުން ފެށިގެން ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ

ޙައްޖުގެ ހުރިހާ މަނާސިކެއް ފުރިހަމަކޮށް ނިމި، ހުކުރު ދުވަހުން ފެށިގެން ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ ކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފިއެވެ. ޙައްޖު މިޝަނުން ބުނީ ޙައްޖުވެރިން ރާއްޖެ...

02 Jun 2026 | 14:48
N/A

N/A

ޙައްޖުގެ ހުރިހާ މަނާސިކެއް ފުރިހަމަކޮށް ނިމި، ހުކުރު ދުވަހުން ފެށިގެން ދިވެހި ޙައްޖުވެރިން ރާއްޖެ އަންނަން ފަށާނެ ކަމަށް ދިވެހި ޙައްޖު މިޝަނުން ހާމަކޮށްފިއެވެ.

ޙައްޖު މިޝަނުން ބުނީ ޙައްޖުވެރިން ރާއްޖެ އަންނާނީ ޖުމްލަ ހަތަރު ފްލައިޓެއްގައި ކަމަށެވެ. އޭގެ ތެރެއިން ދެ ފްލައިޓަކީ ސައުދިއާ އެއާލައިންސްގެ ފްލައިޓް ކަމަށާއި ދެ ފްލައިޓަކީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް ކަމަށެވެ. ހުރިހާ ފްލައިޓެއް ވެސް ފުރާނީ ސީދާ މަދީނާ އިންނެވެ.

ފުރަތަމަ ފްލައިޓުގައި މި މަހުގެ ފަސް ވަނަ ދުވަހު (ހުކުރު) ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަންނާނީ ސައުދިއާ ފްލައިޓެއްގައެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނީ ރާއްޖެ ގަޑިން 14:00 ގައެވެ. ދެ ވަނަ ފްލައިޓް ޖޫން ހަތެއްގައި މޯލްޑިވިއަންގައި 17:40 ގައި ޖައްސާ އިރު، ތިން ވަނަ ފްލައިޓް ޖޫން އަށެއްގައި ސައުދިއާގައި 14:00 ގައި ޖައްސާނެއެވެ. ފަހު ފްލައިޓް ޖޫން ނުވައެއްގައި މޯލްޑިވިއަންގައި ދަންވަރު 12:00 ހާ އިރު ޖައްސާނެ ކަމަށް ޙައްޖު މިޝަނުން ބުނެއެވެ.

ޙައްޖުގެ މަނާސިކުތައް ފުރިހަމަކޮށް ނިމިފައި ވާ އިރު، ކުރިއަށް އޮތީ މަދީނާ ދަތުރެވެ. ޙައްޖުގެ ބައެއް ނޫން ނަމަވެސް، އިސްލާމީ ތާރީޚުގެ މުހިންމު ބިނާތަކާ ގުޅިފައިވާ މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުން ފެށިގެން ޙައްޖުވެރިން މަދީނާ އަށް ދާން ފަށާނެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ލިބެނީ 1000 ކޯޓާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް