ޒީޝާން ކެމްޕަހަށް ދާން ވެގެން ތައްޔާރު ވަމުން ދިޔައިރުވެސް ޚިޔާލް ކުރެވެމުންދަނީ ނަވީލްއާއި މެދުގައެވެ. ނަވީލްގެ މިޒާޖު ކުއްލިއަކަށް އެބަދަލުވާ ބަދަލުވުމުގެ އަސްލަކީ ކޮބައި ކަމެއް މިވީ އެއްއަހަރު ދުވަހުގެ ތެރޭގައިވެސް އޭނާއަށްވަނީ ނުހޯދިފައެވެ. އޭނާ މާލޭގައި ހުރިއިރުވެސް މަދުމަދުން ނަވީލް މާލެގޮސް އުޅެއެވެ.ގިނަފަހަރަށް އޭނާ މާލެދަނީ އޭނާގެ ބައްޕަ އާއިއެކުގައެވެ. މާލެ ދިޔަނަމަވެސް މާލޭގައި މާގިނަދުވަހު ނަވީލްމެނެއް ނުތިބެއެވެ. މާލެދާ ބޭނުމެއް ނިމުނުހާ އަވަހަކަށް ރަށަށް އައުމަށް ނަވީލްގެ ބައްޕަ ނަސީމުބެ ބޭނުންވެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ބައެއް ފަހަރު ޝާހިދާދައްތަ ކިޔާވަރުން ދެހަފުތާއެއްވަރު ނަވީލް މާލޭގައި ބެހެއްޓި ނަމަވެސް ހަމަ އަވަހަށް ނަވީލް ބަލާ ނަސީމުބެ އާދެއެވެ. މިއީ އެއާއިލާއިން ޒީޝާންއަށް ދަސްނުވި އަރަތެކެވެ. އޭނާ އެއަރަތުގެ ޖަވާބު ހޯދަން ކިތައްމެހާވެސް ބޭނުމެވެ. ނަމަވެސް.............................ޒީޝާން ދަބަސް ނަގާ ކޮޑުގައި އަޅުވާލަމުން ބޭރަށް ނިކުތް އިރު އޭނާއާއި އެއްކޯހެއްގައި ކިޔަވަމުންދާ ސ.މަރަދޫ ކުއްޖެއް ކަމުގައިވާ ނީލާއައިސް ދޮރާށި ދޮށުގައި ހުއްޓެވެ.
''އޭ! ޒީ މިއަދު ތިގޭ ނަވީލްއަށް ކިހިނެއް ވެގެންތަ ހޮސްޕިޓަލަށް އެގެންދިޔައީ؟'' ނީލާ ޒީޝާން އައިސް ހުއްޓުމުން އަހާލިއެވެ. ''ބޯފަޅައިގެން ދިޔައީ.'' ޒީޝާން މަޑުމަޑުން ބުއްޏެވެ. ''ވަރަށް ބޮޑަށްތަ؟'' ނީލާ އަހާލިއެވެ. ''ހޫނ!'' ޒީޝާން ބުނީ ހަމައެކަނި ހޫއެކޭއެވެ. ''އޭނަ އެއީ ހަމަ ނުޖެހޭމީހެއްދޯ!'' ނީލާ އަހާލިއެވެ. ''ކީއްވެ ނީލް ތިހެން ތިބުނީ؟'' ޒީޝާން ހައިރާން ވެފާ ބުނެލިއެވެ. ''އަހަރެމެން ގޭމީހުން ކިޔާ އުޅޭ............................''
''ކީކޭތަ ތިގޭމީހުން ކިޔާއުޅެނީ.'' ޒީޝާން ނީލާގެ ވާހަކަ މެދުކަނޑާލަމުން އަވަސް އަވަހަށް ބުއްޏެވެ. ''އޭނައަކީ ނަސީމުބެގެ އަންހެނުން ނަސީމުބެއާއި މެދު ކަންތައްކުރި އިހާނެތި ގޮތުންނާއި އޭނައާއި މެދު ކަންތައްކުރި އަނިޔާވެރި ގޮތުން ސިކުނޑި ގޯސްވި މީހެކޭ. އަޅެ ޒީ ބުނެބަލަ. އަސްލުވެސް އޭނައަކީ ހަމަނުޖެހޭ މީހެއްތަ؟'' ނީލާ ޒީޝާންއާއި ސުވާލުކޮށްލިއެވެ. ''ނީލްގެ ވާހަކައަކީ މުޅިއަކުން ދޮގެކޭވެސް އަހަރެން ނުބުނާން. އެއީ އަހަންނަށް އަދި ނަވީލްގެ ކަންތައްތައް ރަނގަޅަށް ނޭނގޭތީ. އެގުނު ދުވަހަކުން އަހަރެން ނީލްއަށް ނީލް ހިތްހަމަ ޖެހޭފަދަ ރަނގަޅު ޖަވާބެއް ދޭނަށް. އެންމެ ރަނގަޅެއް ނޫން. ''ދެމީހުންނަށް ވާހަކައިގައި ތިބެ ބަސް ހުއްޓާ ހަމައަށް ދެވުނު އިރުވެސް ނޭނގުނެވެ. އޭރުމީހުންތައް އެކަކަށް ވުރެ އަނެކަކު އަވަސް އަރުވާލާފައި ބަހަށް އަރަނީއެވެ. ޒީޝާންއާއި ނީލާވެސް ދޭތެރެއަކުން ބަހުގެ ތެރެއަށް ދެމިގެންފިއެވެ.
ޒީޝާން މީގެ އެއްއަހަރު ކުރިން ދިރިއުޅެމުން އައީ ޝާހިދާއާއި އެކު މާލޭގައެވެ. ޒީޝާން އޯލެވެލް ހެދި އަހަރު ޝާހިދާގެ ފިރިމީހާ ހިޝާމުގެ ވަޒީފާވެސް އައްޑު އަތޮޅު ގަމަށް ބަދަލު ވުމާއި ގުޅިގެން ޝާހިދާވެސް ބޭނުންވީ ބައްޕަ ގާތަށް ރަށަށް ބަދަލު ވާށެވެ. އޭރު ޒީޝާން ނިއްމައިގެން ހުރީ ނަރުސް ކޯހުގައި ބައިވެރި ވުމަށްށެވެ. ޝާހިދާމެން އައްޑުއަށް ބަދަލުވުމުން ޒީޝާންވެސް އައްޑުއަށް އައިއެވެ. އެއީ ޝާހިދާ ކަހަލަ އެއްބަނޑު އެއްބަފާކޮއްކޮއެއް ފަދައިން އޭނާއާއި މެދު ދެކޭނެ މީހަކު މާލެއިން ދެން ނުވާނެކަން ޔަޤީން ވާތީއެވެ. ޝާހިދާދައްތަ އާއި ހިޝާމްބޭބެގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން އޭނާ ދުވަހަކުވެސް ހިތުން ނުފިލާނެއެވެ. އައްޑުއަށް އައުމާއެކު އޭނާ އެންމެ ކުޑައިރުން ފެށިގެން ވެސް ދެކެމުންދާ ހުވަފެން ހަޤީޤަތަކަށް ހެދުމުގެ މަސައްކަތުގައި އޭނާ މަސްޢޫލުވިއެވެ. މޯލްޑިވްސް ކޮލެޖު އޮފު ހަޔަރ އެޑިޔުކޭޝަނުގެ ސ.ހިތަދޫ ކެމްޕަހުން ހިންގާ ނަރުސް ކޯހުގައި ބައިވެރިވެ ކިޔަވަން ފެށިއެވެ. މިކަމުގައި ވެސް ޝާހިދާ އާއި ހިޝާމުގެ ފުރިހަމަ އެއްބާރުލުން އޭނާއަށް ދަނީ ލިބެމުންނެވެ. އެއީ އޭނާގެ ހިތުން ދުވަހަކުވެސް ފިލައގެން ދާނެ ކަންތައް ތަކެއް ނޫނެވެ. ޝާހިދާއަކީވެސް ނުހަނު ބުރަކޮށް ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހެކެވެ. ޝާހިދާ މަސައްކަތް ކުރަނީ ބޭންކު އޮފު މޯލްޑިވުސް އައްޑޫ ބުރާންޗުގެ އެސިސްޓެންޓު މެނޭޖަރެއްގެ ހައިސިއްޔަތުންނެވެ. ޝާހިދާގެ ފިރިމީހާ ހިޝާމުއަކީ އެމް.އެން.ޑީ.އެފު ގައި މަސައްކަތް ކުރާ މީހެކެވެ.
މެންދުރުން އަބުރާ ދެގަނޑި ބައި ކަންހާއިރެވެ. ޒީޝާން ކެމްޕަހުން އައި އިރު ހުރީ ވަރަށް ބަނޑުހައިވެފައެވެ. ވުމާއެކު އަވަސް އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން ހިނގައިގަތީ ކާގެއާއި ދިމާއަށެވެ. ޒީޝާން ގޮސް ކާގެއަށް ވަންއިރު ޝާހިދާދައްތަގެ ބޮޑުދައިތަ ވެސް ކާގޭގައި އުޅެއެވެ.
''ބޮޑުދައިތާ! ކޮން އިރަކުއައީ.؟'' ޒީޝާން ހުރީ ބޮޑުދައިތަ ބަދިގެތެރޭން ފެނުމުން ހައިރާން ވެފައެވެ. އެއީ ބޮޑުދައިތަ މާލެދިޔައީ މިދިޔަ ހަފުތާގައި ކަމަށް ވުމާއެކު އެހާ އަވަހަށް އައިސް ފާނެކަމަށް އޭނާއަށް ޤަބޫލު ނުކުރެވޭތީއެވެ. ''ދެންމެ އައީ. ކިހިނެއްވީ؟ ބޮޑުދައިތަ ކާގެތެރެއިން ފެނުނީމަ ކަމަކު ނުދޭތަ؟'' ބޮޑުދައިތަ ހީލަމުން ބުއްޏެވެ.
''ނޫނޭ. ބޮޑުދައިތަ ނެތީމަ ވަރަށް ފޫހިވޭ. އަސްލު ބޮޑުދައިތަ މަތިން ވަރަށް ހަނދާންވޭ.'' ޒީޝާން ތައްޓަކަށް ބަތް އަޅަމުން ބުއްޏެވެ. ''އެހެންތަ؟ ރަނގަޅުތާ ބޮޑުދައިތަ މަތިން ހަނދާންވާ ކުއްޖެއްވެސް ހުރިކަން.'' ބޮޑުދައިތަ ހިނިތުން ވެލަމުން ބުއްޏެވެ. ''މިފަހަރު ތިއައީ ނޫރާ ގޮވައިގެންތަ؟'' ޒީޝާން ގޮސް ކާމޭޒުދޮށުގައި އިށީއްނަމުން އަހާލިއެވެ.
''ހޫނ! ވަރަށް އަވަހަށް މަރަދޫ އިރުޝާދިއްޔާ ސްކޫލުން ވަޒީފާވެސް ހަމަޖެހޭނެޔޯ ބުނި.'' ބޮޑުދައިތަ އޮޅުން ފިލުވައިދިނެވެ. ''އެހެންތަ؟ ނަސީބެއްތާ އެހާ އަވަހަށް ވަޒީފާ ހަމަޖެހޭކަންވެސް. އެހެން ނޫނީ ވައިވެފަ ގޭތެރޭގައި ހުންނަށް ވިއްޔާ ޖެހޭނީދޯ.'' ޒީޝާން ވާހަކަ ދައްކަމުން ދިޔައީ ކަމުންނެވެ. ''ކޮއްކޮއެއް ކަމަކު ތިބުނީ ރަނގަޅު ވާހަކައެއް.'' ބޮޑުދައިތަވެސް ޒީޝާންއާއި އެއްބަސްވިއެވެ. ''ކޮބާ މިހާރު ނޫރާ.'' ޒީޝާން އަހާލިއެވެ. ''ކޮޓަރީގަ ވެއްޖެ. ނިދާފަހެން ހީވަނީ. ''ބޮޑުދައިތަ ޖަގުން ފެންތައްޓެއް އަޅާފައި ޒީޝާން ގާތު ބަހައްޓުން ބުއްޏެވެ. ''އެހެންތަ؟ ބޮޑުދައިތާ ކޮބާ ނަވީލް؟'' ޒީޝާން އަހާލިއެވެ. ދެންމެ އިން ގޭތެރޭގައި ފިލްމެއް ބަލަން. ޒީޝާން އައިއިރު ނެތްތަ؟'' ބޮޑުދައިތަ ހިނގައިގަންނަމުން ބުއްޏެވެ. ''އާނ!އަހަރެން އައިއިރު އިންހެނެއް ހިއެއްނުވޭ.'' ޒީޝާން ހައިރާން ވެފައި ބުނެލިއެވެ. ''އެހެންތަ؟ ކޮންތާކަށްތަ އެކުއްޖާ އަނެއްކާ އެދިޔައީ.'' ބޮޑުދައިތަ ދެފަޔަށް ބާރުލާފައި ހިނގައިގަތީ ނަވީލްވީ ތަނެއް ބަލާށެވެ. ޒީޝާންވެސް ކައި ނިއްމާލުމަށް ފަހު ތަށި ދޮންނަށް ސިންކު ކައިރިއަށް ދިޔައެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި ހުރި އަނބުގަހުގައި އެލުވާފައި އޮތް ޖޯއްޔެއްގައި އޮތް ނަވީލްއެވެ. ނަވީލް އިނީ އަތުގައި އޮތް ފޯނާއި ކުޅެލަ ކުޅެލައެވެ. ތަށިތައް ދޮވެނިއްމާލުމަށް ފަހު ޒީޝާން އަވަސް އަވަހަށް ކާގެއިން ނިކުމެގެން ހިނގައިގަތީ ނަވީލް ގާތަށް ދާށެވެ. ކުރީ ދުވަހު ހިނގި ހާދިޡާއަށް ފަހު އޭނާއަށް ނަވީލްއާއި ވާހަކަދައްކާލާނެ މާބޮޑު ފުރުޞަތެއްވެސް ނުލިބެއެވެ.
ޒީޝާން ގޮސް ނަވީލް ގާތަށް ހުއްޓުމުން ނަވީލް މާނޫން ގޮތަކަށް ހަދާލާފައި ޒީޝާންއަށް ބަލާލިއެވެ. ''ނަވީލް. ކިހިނެއްތަ؟'' ޒީޝާން އަހާލިއެވެ. ''ހާލު މިހިރީ ފެންނާކަށްނު. ޒީޝާނަށް އަހަރެންގެ ހާލު ބަލާލާނެ ވަގުތެއްވޭތަ؟ އެހެންނޫނަސް އަހަރެމެން ކަހަލަ މީހުންގެ ހާލު ބަލާނީ ދެން ކާކު؟'' ނަވީލް މަޑުމަޑުން ބުއްޏެވެ. ''ސޮރީ ނަވީލް. އަހަރެން ދިޔައިން ހޮސްޕިޓަށްވެސް. އޭރު ނަވީލަށް އޮތީ ނިދިފަ. އެހެންވެ ނުގޮވީ. ރޭ އަހަންނަށް ގެއަށް އާދެވުނީ ވެސް ވަރަށް ލަހުން. އޭރު ނަވީލް ނިދައިފިއޭ.'' ޒީޝާން ދެރަވެލާފައި ބުއްޏެވެ. ''ދެން އެންމެ ރަނގަޅޭ.''ނަވީލް ބުނެލިއެވެ.
''އަހަރެން ދެކެ ރުޅިއައިސްފަތަ؟'' ޒީޝާން އަހާލިއެވެ.'' ޒީޝާން ދެކެ ރުޅިއަންނަށް އަހަރެންމީ ކާކު؟'' ނަވީލް ފަރުވާ ކުޑަ ރާގަކަށް ބުއްޏެވެ. ''ނަވީލް! ތިގޮތަށް ވާހަކަ ނުދައްކަ ބަލަ. އެހެން މީހުންގެ ކުރިމަތީގައި ތިހާ ނިކަމެތި މީހަކަށް ނުވެބަލަ.'' ޒީޝާން ހުރީ ވަރަށް ދެރަވެފައެވެ. ''ޒީ. އަހަންނަކީ ޒީ ތިހީކުރާ ކަހަލަ މީހެއް ނޫން. އަހަންނަކީ...........................''
''ތީ ހަމަ ވަރަށް ރަނގަޅު މީހެއް. އަމިއްލައަށް ތިމާ ތިމާއާއި މެދު ދެކޭގޮތް ބަދަލުކޮށްލަންވީ.'' ޒީޝާން ނަވީލްގެ ވާހަކަ މެދުކަނޑާލަމުން އަވަސް އަވަހަށް ބުއްޏެވެ. ''ތީ ޒީ އެކަނި ބުނާ އެއްޗެއް. ޒީވެސް ތިހެން ތިބުނަނީ އަހަރެން ހިތްހަމަ ޖައްސައިދޭން ކަން އަހަންނަށް ޔަޤީން.'' ނަވީލް ޒީޝާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''ނަވީލް. ތިމާ ތިމާގެ އަމިއްލަ ނަފުސަށް ނުކުރި އިތުބާރެއް އެހެންމީހަކު ނުކުރާނޭ. އަހަންނަށް ހީވަނީ އެވަރު ނަވީލްއަށް ވެސް ވިސްނޭނެހެން. ނޫންތަ އަޅެ. ''ޒީޝާން ބުއްޏެވެ. ''އަމިއްލަ ނަފުސު.......'' ނަވީލް ފާޑަކަށް ހީލަމުން ބުއްޏެވެ.
''ކިހިނެއްވީ؟ އަނެއްކާ މަށަށް މިދެއްކުނީ ގޯސްވާހަކައެއްތަ؟'' ޒީޝާން އަހާލިއެވެ. ''ނޫނޭ! ގޯސް ވާހަކައެއް ނޫން.'' ނަވީލް ފަރުވާކުޑަ ރާގަކަށް ބުއްޏެވެ. ''ދެން އެވާހަކައެއް ނޫނޭ. ކިހިނެއްތަ މިހާރު ބޮލުގަ ރިހުން.'' ޒީޝާން މަޢުޟޫ ބަދަލުކޮށްލިއެވެ.
''ގޯހެއްނޫން.'' ނަވީލް ދިނީ ވަރަށް ހައިރާން ވާފަދަ ޖަވާބެކެވެ. ''ތީވެސް ޖަވާބެއްތަ؟'' ޒީޝާން އަހާލިއެވެ. ''ދެން ޒީ ބުނެބަލަ އަހަރެން ބުނަށްވީ އެއްޗެއް؟'' ނަވީލްގެ އަޑު ބާރުވިއެވެ. ''ނަވީލް. ކިހިނެއް ތިވަނީ.'' ޒީޝާން އިނީ ވަރަށް ދެރަވެފައެވެ. ''ކިހިނެއް ނުވަނީ. ކޮންމެ މީހަކަށް ވެސް އަހަރެންނޭ ގޯސްވާނީ. އެއްވެސް މީހަކަށް އޭނައެއް ގޯހެއް ނުވާނޭ.'' ނަވީލް ރުޅިއަންނަށް ގޮތްވިއެވެ.'' ކާކުގެ ވާހަކައެއްތަ ތިބުނީ؟'' ޒީޝާން ހައިރާން ވެފައި އަހާލިއެވެ.'' ކޮންމެ މީހަކަށް ވިޔަސް އެއީ ޒީ އާއި ބެހޭ ކަމެއް ނޫން. މިތަނުން ދާން އުޅޭ.'' ނަވީލް ހަޅޭލަވައި ގަތެވެ.
''ނުގޮސްފިއްޔާޔޯ.'' ޒީޝާން ބުނެލިއެވެ. ''އަހަރެންނަށް އަތުން ފައިން ގޯހެއް ނުހެދެނީސް މިތަނުން ދޭ. ހެޔޮނުވާނެ. އަހަންނަށް ހެޔޮ އެދޭކަމަށް ވަންޏާ މިތަނުންދޭ. ޕުލީޒް.'' ނަވީލް ދަތްކުނޑި ވިކާލަމުން ބުއްޏެވެ. އެންމެ ފަހުން ޒީޝާނަށް މަޖުބޫރުވީ އެތަނުން ދާށެވެ. ނަވީލް އަތުން ފައިން ގޯހެއް ހެދުމަކީ އޭނާ އެދޭކަމެއް ނޫނެވެ.
ހުކުރު ދުވަސް ކަމުން ގޭގައި މިއަދު އެންމެންވެސް ހަމައެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ފަތިސްނަމާދު ކޮށްލައިގެން ނިދާލުމުން ޒީޝާނަށް ހޭލެވުނީ އަށްގަނޑިބައި ވާން އުޅެނިކޮށްށެވެ. އަވަސް އަވަހަށް ފާޚާނާއަށް ވަދެ މޫނު ދޮވެލާ ރީތިވެލައިގެން މިސްރާބު ޖެހީ ބަދިގެއާއި ދިމާއަށެވެ. އޭރު ބޮޑުދައިތަ ބަދިގޭގައި އުޅެއެވެ.ބޮޑުދައިތަ އުޅެނީ ރޮށި ފިހަން ފުއްގަނޑު މޮޑެއެވެ.
''އަހަ. އަދިކިރިޔާދޯ ހޭލެވުނީ.'' ބޮޑުދައިތަ ޒީޝާނަށް ބަލާލަމުން ބުއްޏެވެ. ''ބޮޑުދައިތަ ކީއްވެ މަށަށް ނުގޮވީ.'' ޒީޝާން ޝަކުވާކޮށްލިއެވެ. ''ބަންދުދުވަހެއްވީމަ ހަމަ ނުގޮވީ. ބޮޑުދައިތައަށް އެނގޭ ކޮއްކޮއަށް ހޭލެވިއްޖެއްޔާ ނޯންނާނެކަން.'' ބޮޑުދައިތަ ބުނެލިއެވެ. ''ފަތިސްނަމާދު ކޮށްލައިގެން މަށަށް ނިދުނީއޭ.'' ޒީޝާން ބުއްޏެވެ. ބައެއް ދުވަސް ދުވަހު އެހެން ވެސް ވާނޭ. އެއީކީ މައްސަލައެއްނޫން. އެކަމަކު އެކަން ދާއިމީ ކަމަކަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު މައްސަލައެއް.'' ބޮޑުދައިތަ ލޯތްބާއި އެކު ބުނެލިއެވެ. ''އިރާދަކުރެއްވިއްޔާ އެކަން ދާއިމީ ކަމަކަށް ނަހަދާނަށް. ބޮޑުދައިތާ! ގެނޭ އަހަރެން އަތަށް.'' ޒީޝާން ގޮސް ބޮޑުދައިތަ ގާތަށް ހުއްޓެމުން ބުއްޏެވެ. ބޮޑުދައިތަވެސް އެއްވެސް ދެކޮޅު ހެދުމެއް ނެތި ފުއްއެތި ޒީޝާން އަތަށް ދިނެވެ. ޒީޝާން ފުއްގަނޑު މޮޑެގެން ރޮށިފިހަން ހުއްޓާ ކާގެއައިސްވަނީ ނޫރާއެވެ.
''ޒީ. ކޮބާ މަންމަ.'' ނޫރާ އައިސް ޒީޝާން ގާތަށް ހުއްޓެމުން އަހާލިއެވެ. ''ދެންމެ މިތާ ހުރި. ހީވަނީ ފިހާރައަށް ދިޔައީހެން.'' ޒީޝާން ބުއްޏެވެ. ''ގެނޭ މަގޭ އަތަށް ރޮށި ފިހަން. ޒީ ރޮށިދަމާ.'' ނޫރާ ޒީޝާން އަތުން ދޭފަތް އަތުލަމުން ބުއްޏެވެ. ''އައްދޭ! މިއަދު ކޮންކޮޅަކުން އިރު އެރި ދުވަހެއްތަމީ؟'' ބަދިގެއަށް އައިސް ވަން ޝާހިދާއަށް ރޮށި ފިހަން ހުރި ނޫރާ ފެނުމުން ދިމާކޮށްލިއެވެ. ''ތިއްތާ! އަހަރެން ހޭލަމޭ ވަރަށް ކުރިން.'' ނޫރާ އަވަސް އަވަހަށް ބުއްޏެވެ.'' ކަންނެތް ވެފަ ކޮޓަރިން ނުނިކުމެ އޮންނަނީދޯ.''ޝާހިދާ ކޮފީ ތައްޓެއް ހަދަމުން ވާހަކަ ދެއްކިއެވެ.
(ނުނިމޭ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް