ހިތް އެދޭވަރުން....... ފުރަތަމަ ބައި

ނޯޓު: މިއީ އަޅުގަނޑު އެހެން ސައިޓަކަށް 2015ގެ ކުރީކޮޅުގައި ލިޔަމުން ގޮސްފައިވާ ވާހަކަ އެކެވެ. ނަމަވެސް ދިމާވި ސަބަބުތަކަކާއި ގުޅިގެން ވާހަކަ ނުނިމެނީސް ހުއްޓާލަން ޖެހިފައިވާތީ ކިޔުންތެރިންގެ ކިބައިން ...

30 May 2017 | 08:20

ނޯޓު: މިއީ އަޅުގަނޑު އެހެން ސައިޓަކަށް 2015ގެ ކުރީކޮޅުގައި ލިޔަމުން ގޮސްފައިވާ ވާހަކަ އެކެވެ. ނަމަވެސް ދިމާވި ސަބަބުތަކަކާއި ގުޅިގެން ވާހަކަ ނުނިމެނީސް ހުއްޓާލަން ޖެހިފައިވާތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. އިރާދަކުރެއްވިއްޔާ މިސައިޓުން މިވާހަކަ ނިމެންދެން ކިޔާލުމުގެ ފުރުޞަތު ލިބިގެން ދާނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

----------------------------------------------------------------

ދުނިޔެ އޭގެ ހަޔާތުން މުޅިން އާދުވަހަކަށް އަލިވިލެނީއެވެ. ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުން އަރާމުނިދީގައި ނިދާފައި ތިބިމީހުންތައް ހޭލައްވަމުން ދެއެވެ. ފަތިހުގެ އަލިވިލުމުގެ ނިޝާނެއްގެ ގޮތުން ފުރަތަމަ ކޮވެލިގޮވާލުމާ އެކު ޒީޝާން ތެދުވިއެވެ.އެއީ އޭނާގެ ސޯނާގަޑިއެވެ. ޒީޝާން ދެކޭގޮތުގައި ނިދިން ހޭލުމަށްޓަކާ އެއީ ކުޑައިޝާރާތެއް ނޫނެވެ. ޒީޝާން އެނދުން ތެދުވެ ދެލޯ އުނގުޅާލުމަށް ފަހު ބަލާލީ ގާތުގައި މަރުނިދީގައި ނިދާފައި އޮތް ކުޑަކުޑަ ޔޫހާ އަށެވެ. އެއީ އޭނާގެ އުފަންދަރިއެއް ނޫންކަމަކު އޭނާ ޔޫހާ ބަލަމުން އެދަނީ މަންމައަކު ދަރިއަކު ބަލަމުންދާ ފަދައިންނެވެ. ޒީޝާން ކިޔަވަން މާލެއައީ ބައްޕަނިޔާވުމާއެކު ކިޔެވުމުގެ އުއްމީދުގެއްލި މާޔޫސް ވެފައި ހުއްޓާ އޭނާގެ ދޮށީދައްތަ ޖީހާން މާލޭގައި ކިޔަވަން ހުރިދުވަސްވަރުގެ އެކުވެރިއެއް ކަމުގައިވާ ޝާހިދާ ހޯދައިދިން ފުރުސަތަކުންނެވެ. އޭނާއަށް ކިޔަވައި ދިނުމުގެ ބުރަމައްސޫލިއްޔަތު ޝާހިދާ ކޮޑުގައި އެޅީ ނުހަނު އުފަލުންނެވެ. ބަދަލުގައި ޝާހިދާދައްތަ އޭނާގެ ކިބައިން އެދުނީ ވަގުތުވީ ވަރަކުން ކުޑަކުޑަ ޔޫހާގެ ކަންތައްތައް ބަލާދިނުމަށްށެވެ. ޒީޝާންއަށް އެއީ މާބޮޑުކަމަކަށް ނުވިއެވެ.ސަބަބަކީ އޭނާރަށުގައި އުޅުނީވެސް ޖީހާންދައްތަ އޮފީހަށް ދިޔުމުން ކުޑަކޮއްކޮގެ ކަންތައް ބެލުމުގައި ކަމަށް ވުމެވެ. ވުމާއެކު ޔޫހާ ބެލުމަކީ އޭނާއަށް އުނދަގޫކަމަކަށް ނުވިއެވެ. ކުޑަކުޑަ މަންމައެއް ފަދައިން އޭނާ ޔޫހާގެ ކަންތަކާއި ހަވާލުވީ ޔޫހާގެ ޢުމުރުން އެންމެ ދިހަމަހުން ފެށިގެންނެވެ. ޔޫހާ ދެކެ އޭނާ ނުހަނު ލޯބިވެއެވެ. ޔޫހާވެސް އޭނާގެ މަންމައާއި ބައްޕައަށް ވުރެ ބޮޑަށް ޒީޝާން ދެކެ ލޯބިވާހެން ހީވެއެވެ.

ކުއްލިއަކަށް ޒީޝާންގެ ކަންފަތުގައި ޖެހުނީ ފަތިސްނަމާދުގެ ބަންގީގެ އަޑެވެ.އެއަޑު ކަންފަތުގައި ޖެހުމާއެކު އޭނާ ޔޫހާއަށް ގޮވަން ފަށައިފިއެވެ.

''ޔުހާއްކޯ! ޔުހާއްކޯ!ދެން ތެދުވޭ.މިހާރު އެއޮށް ބަންގިގޮވަނީ.''ޒީޝާން ގޮވާލުމާއެކު ޔޫހާ ހޭލިނަމަވެސް އަނެއްކާވެސް އޭނާ ބިއްދޮށައް އެބުރި ދެލޯ މަރާލިއެވެ.

''ޔުހާއްކޯ!ދެން ތެދުވެގެން ހިނގާބަލަ ދައްތައާއެކު ނަމާދުކުރަން.''ޒީޝާން ލޯތްބާއެކު ޔޫހާގެ ބޮލުގައި ފިރުމާލަމުން ގޮވާލިއެވެ.

''ދެން ޒީދައްތާ!''ޔޫހާ ކުނިމޫނު ހަދާލިއެވެ.

''އޮވޭ!ނުތެދުވަންޏާ ޒީދައްތަ ރުޅި.''ޒީޝާން ތެދުވެގެން ހިނގައިގަންނަށް ހަދާލި ވަގުތު ޔޫހާ އަތުގައި ހިފޭއްޓިއެވެ.

''ޒީދައްތާ! ރުޅިތަ؟''ޔޫހާ ދެރަވެލާފައި އަހާލިއެވެ.

''އުހު. ދައްތަ ރުޅިއެއް ނޫނޭ. ހިނގާދެންވެސް މޫނު ދޮވެލާ ވުޟޫކޮށްލާ ހަދާލައިގެން އަންނަށް ދާން.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ. ''ހިނގާ!'' ޔޫހާ ވެސް އެނދުން ފައިބައިގެން ފާޚާނާއާއި ދިމާއަށް ހިގައިގަތެވެ.

ޒީޝާން ނަމާދުކޮށް ނިމިގެން ޔޫހާއަށް ބަލާލިއެވެ. އޭރު ޔޫހާވެސް ނަމާދު ދޮޅި ފައްޖަހަނީއެވެ.

''ހާދަ ބަސްއަހާކުއްޖެކޭ.ތިގޮތަށް އަބަދުވެސް ބަސް އަހައްޗޭ.'' ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ.

''އޭރުން ޒީދައްތަ ވަރަށް ލޯބިވާނަށް ދޯ.'' ޔޫހާ ބުނެލިއެވެ.

''ހޫނ! އަބަދުވެސް ލޯބިވާނަން.'' ޒީޝާން ބުއްޏެވެ.

''ޒީދައްތަ އަންނާނަށް ކިރުތައްޓެއް ހަދައިގެން އިގޭ.'' ޒީޝާން މުސައްލަ ގެންގޮސް އަލަމާރި މަތީގައި ބާއްވާފައި ހިގައިގަންނަމުން ބުނެލިއެވެ.

''ޔޫހާވެސް ޒީދައްތައާއެކު ދާނަމޭ!'' ޔޫހާވެސް ޒީޝާން އާއި އެކު ދާށެވެ. ''އާދޭ އެހެން ވިއްޔާ.'' ޒީޝާން ކޮޓަރީގެ ދޮރުހުޅުވާލަމުން ގޮވާލިއެވެ.

އޭރު ސިޓިންރޫމުގައި ޔޫހާގެ ބައްޕަ ހިޝާމު އިންނެވިއެވެ.

''ދަރިފުޅާ! ހާދައަވަހަކަށް ހޭލައިގެން.'' ހިޝާމް ޔޫހާ ފެނުމުން ބުއްޏެވެ. ''މިޒީދައްތަ އަޅުގަނޑު މިގަޑީގަ ނިދަން އޮތިއްޔާ ވަރަށް ރުޅި އަންނާނެ.'' ޔޫހާ ބުއްޏެވެ. ''އެހެންތަ! އާދެ ބަލަ މިތާބައްޕަ ގާތަށް.'' ހިޝާމު ހިނިތުން ވެލަމުން ބުއްޏެވެ. ''ދޭ ބައްޕަ ގާތަށް. ޒީދައްތަ އަންނާނަށް ސައިހިފައިގެން.'' ޒީޝާން އެހެން ބުނުމުން ޔޫހާވެސް އެއްވެސް ދެކޮޅު ހެދުމެއް ނެތި ބައްޕަ ގާތަށް ގޮސް ސޯފާގައި އިށީއްނެވެ.

ޒީޝާން ކާގެއަށް ވަދެ ބޮކިޖައްސާލުމާއެކު ދިޔައީ ސިއްސައިގެންނެވެ.ނަވީލް ކާގޭމޭޒުމަތީގައި ބޯއަޅާލައިގެން އޮތެވެ. ހީވަނީ އޭނާއެއޮތީ ނިދާފަހެންނެވެ. ނަވީލްއަކީ ކުޑަކޮށް ހަމަނުޖެހޭ ގޮތެއް ހުންނަމީހެކެވެ. އޭނާ ގާތަށް އާދަޔާ ޚިލާފު ރުޅިގަނޑެއް އާދެއެވެ. އެރުޅީގައި އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނަމަވެސް ޒީޝާންއަށް ގިނަ ފަހަރު ނަވީލް ހަމައަކަށް އަޅުވާލެވެއެވެ.ޒީޝާން މަޑުމަޑުން ގޮސް ނަވީލްގެ ކޮނޑުގައި އަތްބާއްވާލަމުން އޭނާއަށް ގޮވާލިއެވެ.

''ނަވީލް. ނަވީލް'' ''އޭނ.! ''ނަވީލް ސިހިފައި ޒީޝާން އާއި ދިމާއަށް ބަލާލިއެވެ. ''މީދެން މީހުން ނިދަން ތިބޭތަންތަންތަ؟ ކީއްވެ މިތާތިއޮތީ.''ޒީޝާން މަޑުމަޑުން އަހާލިއެވެ.''އަހަރެން މީނީ ވަރަށް ބަނޑުހައިވެފައޭ. އެހެންވެ މިތާމީނީ. އަހަންނަށް ކޮންމެވެސް ކާ އެއްޗެއް ދީބަލަ.'' ނަވީލް އާދޭހުގެ ރާގަކަށް ބުއްޏެވެ.

ރޭ ކާގަނޑީގައި އޭނާ ނަވީލް ވަރަށް ހޯދިއެވެ. މުޅިގެވެސް އޭނާބެލިއެވެ.ނަވީލް ދާހެންހީވާ ހުރިހާތަނެއްވެސް އޭނާބެލިއެވެ. އެކަމަކު އޭނައަކަށް ނަވީލްއެއް ނުފެނުނެވެ. ހިޝާމުބެއާއި ޚުދު ނަވީލްގެ ބައްޕަވެސް އޭނާ ހޯދިއެވެ. ޒީޝާން ނަވީލް އާދޭތޯ ވަރަށް ގިނައިރު ނުކައިވެސް އިނެވެ.

''ނަވީލް! ރޭ ކާން ވެގެން އަހަރެން ނަވީލް ވަރަށް ހޯދިން ކޮންތާކަށްތަ ރޭ ނަވީލް ދިޔައީ؟ ގޭ އެއްމެންވެސް އެގަޑީގަ ނަވީލް ވަރަށް ހޯދި. ހުޝާމުބެ ނަވީލްގެ ކޮޓަރިވެސް ބެއްލެވި. ''ޒީޝާން އެހެން ބުނުމުން ނަވީލް ޒީޝާންގެ މޫނަށް ބަލާލިއެވެ. ''އެކަމަކު.............. އެކަމަކު ރޭގަ އަހަރެން އެއްތާކަށް ވެސް ނުދަމޭ. ''ނަވީލް ހައިރާންކަމާ އެކު  ޒީޝާންގެ މޫނަށް ބަލާލަމުން ބުއްޏެވެ. ''ދެން އެންމެ ރަނގަޅު. އެވާހަކަ ދައްކާނީ އެހެން އިރަކުންދޯ. ކޯއްޗެއް ބޯނީ. ކިރުސައިތަ؟ ކޮފީތަ؟ ''ޒީޝާން ޖޯޑެއް ނަގަމުން ބުއްޏެވެ.

''ކޮންމެ އެއްޗެއް ވިޔަސް ހެވޭ.'' ނަވީލްގެ އަޑުގައި ހަރުކަށި ގޮތް އެކުލެވިގެން ވެއެވެ. ''ހަމަ އެހާ ބަނޑުހައިވެފަތަ ތީނީ. އެކަމަކު އަހަރެން މީގެކުރިން ހީކުރަނީ ނަވީލްއެއް ބަނޑުހައެއް ނުވާނެ ކަމަށް.''  ޒީޝާން ހިނިތުން ވެލަމުން ބުއްޏެވެ. ''އަހަރެންނެއް ކަމަކު ބަނޑުހައި ވާނެއެއްނު.'' ނަވީލް ރުޅި އަންނަ ގޮތްވިއެވެ. ''ރުޅި އައީތަ؟''  ޒީޝާން ނަވީލް ގާތަށް ސައިތަށި ޖައްސާލަމުން އަހާލިއެވެ. ނަވީލް ވަކި ޖަވާބެއް ނުދެއެވެ. އޭނާ އަވަސް އަވަހަށް ސައިތަށި ބޯން ފަށައިފިއެވެ. ''އަން!އަދި މިހިރީ ބިސްކޯދުވެސް.''ޒީޝާން ބިސްކޯދު ތައްޓެއް ނަވީލް ގާތު ބަހައްޓަމުން ބުއްޏެވެ. އެއަށް ފަހު ކޮފީ ތައްޓަކާއި ކިރުތައްޓެއް ތަބަކުގައި ބަހައްޓައިގެން ގޭތެރެއަށް ދިޔުމަށް ހިނގައިގަތެވެ.

''އޭ!ޒީޝާން.އަހަރެން ދެކެ ރުޅިއައިސް ގެންތަ ތިދަނީ.'' ނަވީލް ސައިކޯވަރެއް ބޯލަމުން ގޮވާލިއެވެ. ޒީޝާން ނޫނެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.ނަމަވެސް ނަވީލްގެ ނަޒަރު ސީދާވެފައިވަނީ ޒީޝާން އަށެވެ. ޒީޝާން ކާގެއިން ނިކުމެގެން ދިޔައިރުވެސް އޭނާއަށް ބަލަން އިދެވުނީ ހަމަ ޒީޝާނަށެވެ. އޭރު ނަވީލްގެ ހިތަށް އަރަމުން ދެއެވެ. ''ޒީޝާން ކިހާ ރަނގަޅު ހެއްޔެވެ؟ މަންމަ އަހަރެން ބާކީކޮށްލިއެވެ. މަންމަ ދުއް ގޮތުގައި އަހަންނަކީ މަންމަގެ އުފާތަކަށް ހުރަސް އެޅިމީހާއެވެ. ދުވަހަކުވެސް މަންމަ އަހަންނާއި ދިމާއަށް ހިނިތުން ވެފައި ބަލާލި ހަނދާނެއް ވެސް ނެތެވެ. ލޯބިން ދަރިފުޅާއޭވެސް ގޮވައެއް ނުލައެވެ. ބައްޕަ ފަރާތު މާމައާއި ބޮޑުދައިތަ ނެތްނަމަ އަހަރެން ފަކީރު މަރުވީހެވެ. މަންމަ އަހަންނަށް ނަފުރަތު އެކުރީ އަހަރެންގެ ކުށަކީ އަޅެފަހެ ކޮބައިހެއްޔެވެ؟ ''ނަވީލް ހާސްވާން ފަށައިފިއެވެ.

ކުއްލިއަކަށް ނަވީލްގެ މިޒާޖު ނުބައި މަގެއް އިޚްތިޔާރުކޮށްފިއެވެ. ކާގޭގެ ކޮންމެ އެއްޗެއް އޭނާއަށް ފެންނަނީ މަންމަ ފަދައިންނެވެ. ނަވީލްއަށް ވާނުވާއެއް ނޭގެން ފަށައިފިއެވެ. އޭނާއަށް ކާގޭގެ ކޮންމެ އެއްޗެއްވެސް ފެންނަނީ ބިރުވެރި ސިފައެއްގައެވެ. ކުއްލިއަކަށް ނަވީލް އަތުންޖަހާ މޭޒުމަތީގައި ހުރި ތަށިތައް ވަރާލައިފިއެވެ. އެއަޑަށް ސިޓިންރޫމުގައި އިން ހިޝާމަށް ސިހިފައި އެއަޑުއައި ދިމާއަށް ދުއްވައި ގަނެވުނެވެ. ކޮޓަރިން ނިކުންނަށް އައި ޝާހިދާއަށްވެސް އެއަޑު އިވުމާއެކު ބޭއިޚްތިޔާރުގައި ދުއްވައި ގަނެވުނީ އެއަޑު އައި ދިމާއަށްށެވެ. ޝާހިދާއާއި ހިޝާމުއަށް ކާގެއަށް ވަދެވުނީ ދާދި އެކުއެކީގައެވެ. އޭރު ނަވީލް ތަޅުންގަނޑުމައްޗަށް ވެއްޓިފައި އޮތެވެ. އަތުންނާއި ބޮލުން ކޯރުލާފައި ލޭ އަންނަމުންދެއެވެ. ޝާހިދާއަށް އެމަންޒަރު ފެނުމުން ބޮލަށް އެބުރުން އަރާގޮތްވެގެން ދިޔައެވެ.

ޒީޝާންއާއި ޔޫހާވެސް ފަސްފަހަތުން ކާކޮޓަރިއަށް އައިސް ވަނެވެ. ޔޫހާވެސް ނަވީލް އޮތްގޮތް ފެނިފައި ''ތުއްތުބެއަށް ކިހިނެއްވީހޭ''ކިޔާފައި ޒީޝާން ގައިގާ އޮޅުލައިގެންފައި ރޯންފަށައިފިއެވެ. ޒީޝާންއަށް ވެސް އެމަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ. އޭނާ ޔޫހާ ގޮވައިގެން އެތަނުން ނިކުތެވެ. މާލަސްތަކެއް ނުވެ ނަވީލް ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް