ނުކުޅެދުންތެރިކަމުގެ ހައްގުގައި މަސައްކަތް ކުރާ އަހުމަދު ހިޝާނަށް ސަރުކާރުން އަރުވާފައިވާ އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމުން މިއަދު ވަކިކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޖުތިމާއީގޮތުން ހިދުމަތް ކުރުމަށް އޮނަރަރީ މަގާމުތަކުގައި ތިބޭ ބޭފުޅުންނަކީ ނަޒާހަތްތެރި އަދި ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ބައެއް ކަމަށެވެ. ނަމަވެސް ގ. ނީރުވީކް، ހިޝާންއާ ގުޅުންހުރި މައްސަލައެއް ފުލުހުން ބަލަމުންދާކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ މަގާމުން އެނާ ދުރުކޮށްފައިވާ ކަމަށް ބުންޏެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭނާގެ މައްޗަށް ކުރަނީ ފިރިހެން ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ ތުހުމަތެވެ. އޭނާ އާއި ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާކަން ފުލުހުން ޔަގީންކޮށްދިން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.
އޮނަރަރީ އެމްބެސެޑަރުކަމުގެ އިތުރުން އޭނާއަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ވެސް ޑިސެބިލިޓީ އެމްބެސެޑަރެވެ.
ހިޝާން އޮނަރަރީ އެމްބެސެޑަރުގެ މަގާމަށް އައްޔަންކުރީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން ޑިސެމްބަރު 3، 2019 ވަނަ ދުވަހު އާޓްގެލެރީގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. އޭނާއަށް މަގާމުގެ ލިޔުމާއި ބެޖު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް