އެޑިޓަރުގެ ނޯޓް: މި ވާހަކަ އަޕްޑޭޓް ނުކުރެވި ދެ ހަފްތާވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. މިހަފްތާއިން ފެށިގެން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު މި ވާހަކައިގެ އާބައެއް ގެނެސްދެވޭނެ އެވެ.
އެރޭގެ އެ ކެއުން ނިމުން އެމީހުން ނިކުތީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. ޝާނީ ހުރީ ހަމްޒާގެ އަތުގެ މުލައްދަނޑީގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. ނިކުތް މަގުމަތީގައި، ޝާނީގެ ލޮލުގައި އަޅައިގަތީ ރެސްޓޯރެންޓްގެ ބޭރު މޭޒެއްގައި އިން ރަޝީދަށެވެ. އޭރު ރަޝީދު ހުރީ ޝާނީއަށް ބަލާށެވެ.
ރަޝީދަކީ ގޭގެ އަވައްޓެރިއެކެވެ. ޝާނީ މިފަދަ ވަގުތެއްގައި މިފަދަ ގޮތަކަށް ފެނުމުން އޭނާގެ މޫނުމަތިން ހައިރާންކަން ފެންނަން ހުއްޓެވެ. ރަޝީދު އެހާވަރަށް ބަލާކަން ހަމްޒާއަށްވެސް ފާހަގަ ނުކުރެވޭކަމެއް ނޭގެއެވެ.
" ޝާނީ، އަހަރެން ވަރަށް ގިނަ ވާހަކަތައް ޝާނީއަށް ކިޔާދޭން ބޭނުން" ސައިކަލު ސްޓާރޓް ކޮށްލަމުން ހަމްޒާ ބުންޏެވެ. "އިރުކޮޅަކު ވާހަކަ ދައްކާލަން މަޑުކޮށްލަން ވީނު"
ޝާނީ އެއްބަސް ވުމުން، ހަމްޒާ ސައިކަލު ނިވާލުމަށްފަހު ތަންކޮޅެއް ދުރުން ފެންނަންހުރި ބެންޗަކަށް އިޝާރާތް ކޮށްލިއެވެ. ދެމީހުން ގޮސް އެބެންޗުގައި އިށީނެވެ. އެކަކު އަނެކަކާއި ވަރަށް ގާތްގާތުގައެވެ. ހަމްޒާ ދައްކަން ބޭނުންވަނީ ކޮންވާހަކައެއް ކަމެއް ޝާނީ އަކަށް ނޭގެއެވެ.
އޭނާގެ މޫނުމަތިން ނުތަނަވަސްކަން ޝާނީ އަށް ފާހަގަ ވާންފެށިއެވެ.
" ކަމެއް ގޯސްވީތަ ހަމްޒާ" ހައިރާން ވެފައި ޝާނީ ސުވާލު ކުރިއެވެ.
"ޝާނީ.. އަހަރެން ޝާނީދެކެ ވަރަށް ލޯބިވޭ..." ހަމްޒާ ޝާނީގެ އަތުގައި ހިފާލަމުން ބުންޏެވެ. "އަހަރެން ބޭނުމީ އަހަރެންގެ ދިރިއުޅުމުގެ ބާކީ އޮތްބައި ޝާނީ އާއި އެކުއުޅެން.. ޝާނީ އަހަރެން ދޫކޮށްނުލައްޗޭ"
"އަހަރެންވެސް ހަމްޒާދެކެ ލޯބިވޭ" އިތުބާރާއެކު ޝާނީ ބުންޏެވެ. "އެހެންވެގެން ނޫންތަ މިފަދަ ގަޑިއެއްގައި މިތާގައި މިއިންނަނީ"
"ޝާނީއަހަ... އަހަރެން..." ހަމްޒާ އަކަށް އެޖުމްލަ ފުރިހަމަ ކުރާނޭ ހިތްވަރެއް ނުލިބުނެވެ. ހަމްޒާ ކޮންމެވެސް ބޮޑުވާހަކައެއް ބުނަން އުޅޭ ކަހަލައެވެ. ހަމްޒާ ޖެހިލުން ވަނީއެވެ. ފާޅުވާ ހަޤީޤަތެއްގެ ސަބަބުން ޝާނީ އޭނާއާއި ވަކިވެދާނެތީއެވެ. ޝާނީ އާއި ވަކިން ހަމްޒާ އުޅޭކަށް ބޭނުމެއް ނުވެއެވެ. ޝާނީއަށް ޓަކައި ހަމްޒާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ.
"ހަމްޒާ.. ކީކޭތަ ބުނަން ތިއުޅެނީ..." ޝާނީ ހަމްޒާގެ މޫނަށް ބަލާލަމުން ބުންޏެވެ. " އަހަރެން ހަމްޒާ އަކަށް ދެރަގޮތެއް ނަހަދާނަމޭ"
"ޝާނީ.. އަހަންނަކީ..." ހަމްޒާ އެވާހަކަ ބުނަންޖެހިލުން ވިއެވެ. "އަހަންނަކީ ކުރިން މީހަކާއިން މީހެއް.... " ހުރިއްޔާ ހުރި ހިއްވަރެއް ލާފަ އެއްމެ ފަހުން ހަމްޒާ އެޖުމްލަ ބޭރުކޮށްލިއެވެ. އޮޅުމެއްގެ ތެރޭގައި ޝާނީ ބަހައްޓަން ހަމްޒާ ބޭނުން ނުވަނީއެވެ.
ހަމްޒާގެ މިޖުމްލަތައް ޝާނީގެ ސިކުނޑިއަށް ގަބޫލު ކުރަން ދަތިވިއެވެ. އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އޭނާގެ ވަށައިގެން ދުނިޔެ އެނބުރިގަތް ކަހަލައެވެ. އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އަންތަރީސް ވެފައި ހަމްޒާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ.
" އެކަމަކު މިހާރު، ޑިވޯސް ވީތާ އަހަރެއްވެއްޖެ" ހަމްޒާގެ މިޖުމްލަ އާއި އެކު ޝާނީއަށް އޭނާގެ ހިފަހައްޓާލެވިފައިވާ ނޭވާ ދޫކޮށްލެވުނެވެ.
" އަހަރެންގެ ކިޑެއްވެސް ހުންނާނެ... އަންހެންކުއްޖެއް " ހަމްޒާ އިތުރު ކޮށްލިއެވެ. " ކުރީގެ ވައިފް މިހާރު އެހެން މީހަކާ މެރީ ވެސްކޮށްފި... ދަރިފުޅު ގެންގުޅެނީ އޭނަ"
" އަހަރެން ބޭނުމެއް ނޫން ޝާނީ އަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް.." ހަމްޒާ ހިތާމަވެރި ރާގަކަށް ބުންޏެވެ. " އެއަށްވުރެ އަހަރެން ޝާނީ ދެކެ ލޯބިވޭ" ހަމްޒާ ޝާނީގެ އަތުގައި ހިފާލިއެވެ. ބޭއިހުތިޔާރުގައި ނަމަވެސް ޝާނީއަށް އޭނާގެ އަތްދަމައި ގަނެވުނެވެ. ހަމްޒާ ދެރަވެލާފައި ޝާނީގެ މޫނަށް ބަލާލިއެވެ.
"ކީއްވެ ކުރިން ތިވާހަކަތައް ކިޔާނުދިނީ..؟" ޝާނީއަށް ކޮށްލެވުނީ ސުވާލެކެވެ. "ދެން ކީއްވެ ޑިވޯސްވީ
" ޝާނީ ބޭނުން ވަނީ އަހަރެންގެ މާޒީ ހަނދާންކޮށް، އަހަރެން އިތުރަށް ހިތްދަތި ކުރަންތަ؟؟" ހަމްޒާ އޯގާވެރިކަމާއެކު ބުންޏެވެ. " ޝީލާ އަހަރެން ބޭނުން ނެތުމުން ޑިވޯސްވީ.... އޭރު އަހަންނަކަށް ނޭގޭ އޭނާ ޕްރެގްކަމެއް .." ހަމްޒާގެ ލޮލުން ކަރުނަ ފާއްދަން އުޅޭކަހަލައެވެ. ހަމްޒާގެ މުޅިމާޒީ އެއްކޮށް މިފަދަގޮތަކަށް ކިޔާދޭނީ ކިހިނެއް ހެއްޔެވެ. އޭނާގެ މާޒީ އެއަށްވުރެ ހިއްޗެވެ. ހަމްޒާގެ ރާގު ހުރިގޮތުން ޝާނީގެ ހިތުގައި ޖެހޭގޮތް ވެއްޖެއެވެ. މިވަގުތު ހަމްޒާއަށް އޯގާތެރިވާން ހުރީ ޝާނީއެވެ. އެކަން ޝާނީގެ ހަނދާނަށް އައުމާއެކު އޭނާގެ ހިއްސުތައް މަސައްކަތް ކުރަންފެށިއެވެ.
" އެއީ ހަމްޒާ ގެމާޒީ.." މާބޮޑު ފިކުރެއްނެތި ޝާނީ ބުންޏެވެ. " ހަމްޒާގެ މާޒީ އާއި މެދު އަހަރެންގެ ފަރުވާލެއްނެއް..." ޝާނީ ހަމްޒާގެ ގައިގައި ތަތްވެލަމުން ބުންޏެވެ. ހަމްޒާއަށް ގަބޫލު ކުރަން ދަތިވިއެވެ. ހަމްޒާ ޝާނީ އޭނަގެ ގަޔާ ކައިރި ކޮށްލިއެވެ.
އެވަގުތު ދެމީހުން އެކުގައި ސިއްސައިގެން ދިޔައީ ދާދިކައިރިން ރަޝީދު ދިޔުމުންނެވެ. ދެމީހުނަށްވެސް ބަލާލެވުނީ އެކަކު އަނެކަކުގެ މޫނަށެވެ. އެވަގުތު ހަމްޒާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ހަމްޒާގެ ކޯޗެވެ. މާދަމާގެ މެޗުއޮތުމުން މިރޭނިދުން ލަސްނުކުރުމަށް އެންގުމުގެ ގޮތުންނެވެ.
ގޯތިތެރޭގައި އެކަނިއޮވެގެން ޚާލިދު ވިސްނަމުން ދިޔައެވެ. ރަޝީދު ދެއްކި ވާހަކަތައް ގަބޫލު ކުރަން އޭނާއަށް ވަރަށް ދައްޗެވެ. ޝާނީއަކީ ދުވަހަކުވެސް އެފަދަ ގޮތަކަށް އުޅުނު މީހެއްނޫނެވެ. އަމުދުން އެފަދަ މީހަކާ ޝާނީ އެބާއްވަނީ ކޮން ގުޅުމެއްހެއްޔެވެ. އަނެއްކާ ޝާނީ ގޯސްމަގަކުން ހިނގަނީކީ ނޫންބާއެވެ. ނުވާނެއެވެ. އެހެން ނުވާނެ ކަމުގެ އިތުބާރު ޚާލިދަށް އޮތެވެ.
" ކޮންކަމަކާ ފިކުރު ބޮޑުވެފައި.." ރަށުތެރެ ކުނި ކެހުމުގައި އުޅެފައި، ގެއަށް އައިއިރު ޚާލިދު އޮތްގޮތް ފެނުމުން ހަސީނާ ސުވާލު ކުރިއެވެ. "ކަމެއް ގޯސްވީތަ؟؟"
" ހަސީނާ އެއްމެ ފަހަރަކުވެސް ބަލާލީންތަ ޝާނީއުޅޭ ނޫޅޭގޮތެއް.." ހިތްހަމަ ނުޖެހިފައި ޚާލިދު އެހިއެވެ. " އޭނައޭ ކިޔައިގެން މިރަށުގައި މިހާރު އެދެކެވޭ ވާހަކައިން ބޯ ފަޅައިގެން ދާހާ ވަރުވޭ"
"ޝާނީ ކިހިނެއް ހެދީތަ؟" އިލޮށިފަތި ބޭއްވުމަށްފަހު އަވަސް އަވަހަށް ހަސީނާ އެހިއެވެ. " އޭނާ އަނެއްކާ ގޯސްކަމެއްކުރީތަ؟"
"ނޫނޭ.. ގޯހެއް ނަހަދާ..." ޖެއްސުމުގެ ރާގަކަށް ޚާލިދު ބުންޏެވެ. " ރޭގަވެސް ގެއަށް ނިދަން އައީ ކިހާއިރަކުތޯ ބަލާލިންތަ؟"
" ރޭގަ އަހަރެން ނިދިއިރު އޭނާ ނިދައިފި" ހަސީނާ ބުންޏެވެ. " ވެގެން އުޅޭގޮތް ސާފުސާފުކޮށް ބުނެބަލަ"
" ރޭ ދަންވަރުވެސް، ކޮންމެވެސް ފިރިހެނަކާއެކު އޭނާ އުޅުނީ ކައްދޫ ރެސްޓޯރެންޓްގައި" ޚާލިދު ބުންޏެވެ. " ގެއަށް އައިއިރުވެސް ދެނެވޮޑިގެންވާނީ މާތްކަލާންގެ"
" އޭނާ އެހެރީ ކިހިނެއް ވެފައިތަ؟؟" ނުރުހިފައި ޚާލިދު ބުންޏެވެ. " އެހަމްޒާ އަކީ މީގެކުރިން މަސްތުވާ ތަކެތީގެ މައްސައެއްގައި ޖަލަށް ވެސް ލާފަ ހުރިމީހެކޭ..." ޚާލިދުގެ މޫނު މަތިން އިންތިހާ ނުރުހުން ފެންނަން ހުއްޓެވެ." އަދ ިނުވިތާކަށް އޭނާއަކީ މީހެއްގެ ފިރިއެކޭ... ކުޑަ ކުއްޖެއްގެ ބައްޕައެކޭ"
ނުނިމޭ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް