އިންތިޒާރު - ހަތަރުވަނަ ބައި

ކުރީގެ އަދަދާ ގުޅޭ މުރަނގަ ފަތް ކޯންޏެއް ހިފައިގެން، ތައްޓަކަށް ފަތްފިލުވަން ހަސީނާ އިނީ ބޭރު ޖޯލީގައެވެ . އެވަގުތު އުފާވެފައިވާ ޝާނީ ގޯތިތެރެއަށްވަނެވެ. "ކާކު އެއީ...؟" ޝާނީ ފެނުމުން ހަސީނާ ބުންޏެވެ....

13 Jan 2015 | 08:39

ކުރީގެ އަދަދާ ގުޅޭ

މުރަނގަ ފަތް ކޯންޏެއް ހިފައިގެން، ތައްޓަކަށް ފަތްފިލުވަން ހަސީނާ އިނީ ބޭރު ޖޯލީގައެވެ . އެވަގުތު އުފާވެފައިވާ ޝާނީ ގޯތިތެރެއަށްވަނެވެ.

"ކާކު އެއީ...؟" ޝާނީ ފެނުމުން ހަސީނާ ބުންޏެވެ. " ކާކާއެކު، މުޅި އަތިރިމަތި ކުޑަކޮށްފައި ތިއައީ.."

ޝާނީ އިސްޖަހާލިއެވެ. ޝާނީއަކަށް ދޮންމަންމަ އާއި ޖަދަލު ކުރެވޭކަށް ނޯންނާނެއެވެ. ބައްޕަ ނިޔާވުމާއެކު ޝާނީ ބަލަމުން އެދަނީ ދޮންމަންމައެވެ. ޚާލިދާއި ކައިވެނިކޮށް، އެގެއަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން ފިރާގުގެ އާއިލާގެ އެތައްބައެއް ކުރެން ޝާނީގެ ޒިއްމާ ނެގުމަށް ހަސީނާ އެދުނެވެ. ނަމަވެސް މުޅި އާއިލާގައިވެސް ޝާނީ ބަލާނެ ހަމަ އެކަކުވެސް ނުވިއެވެ. ކޮންމެ ގޮތެއްވިޔަސް ޝާނީ އަށް ބޯހިޔާވަހިކަން ދެނީ ދޮންމަންމައެވެ. ޚާލިދުއަކީ ޝާނީ މިގޭގެ މިވަގުތު ހުރުމުގެ އެއްމެ ބޮޑު ސަބަބެވެ. އާއިލާ އެއްވެސް މީހަކު ޝާނީގެ ބެލުމާއި ހަވާލުނުވުމުން، ހަސީނާ ބޭނުންވީ ޝަނީ ގެއިން ނެރެ އެއްލާލުމަށެވެ. ނަމަވެސް ޝާނީ އެގޭގައި ބެހެއްޓީ ޚާލިދެވެ. ވީމާ ޚާލިދަށް ޓަކައި ނަމަވެސް ދޮންމަންމަ ކުރިމަތީގައި ޗުއްޕްވެސް ބުނާކަށް ޝާނީ ބޭނުމެއްނޫނެވެ. ހިތުގައި ޝަކުވާ ނޯންނާތީކީ ނޫނެވެ. ހިތަށް ތަދުނުވަތީކީވެސް ނޫނެވެ. އޭނާގެ ތަގުދީރު މިވަގުތު އެކަމަށް އޭނާއަށް މަޖުބޫރުކޮށްފައި ވާތީއެވެ. ހަޤީޤަތުގައި ޝާނީ ބެލުމަކީ ހަސީނާގެ އަދި ޚާލިދުގެ ޒިއްމާއެއްނޫނެވެ.

" ކަލޭ މަށަށް ޖަވާބުދީބަލަ..." އަތިރިމަތީގައި ހަމްޒާ އާއި އެކު ތިބިތަން ހަސީނާއަށް ފެނުނުކަން ޝާނީއަށް ޔަޤީންވެއްޖެއެވެ.

"ކޮންތާކު ކީއްކުރާ ކާކު އެއީ..؟؟"

" އެއީ ހަމްޒާ " ޝާނީ މަޑުމަޑުން ބުންޏެވެ. " ކުނަހަންދޫ މީހެއް"

" އެއީ ކޮންމެމީހަކަށްވިޔަސް މަށަށް ހެޔޮ... " ނޮޅާފައިވާ ފަތްކޮޅު އަޅަފައި ހުރި ތަށި ހިފައިގެން ހަސީނާ ހިނގައިގަތެވެ. "މާގިނަ ދުވަހު ރައްޓެހިވެގެން އުޅެންހަދާނެކަމެއްނެއް... ޝާނީ ތިހިރި މީހުނާ އިންނަ އުމުރަށް ގޮސްފައި.. އަހަރެމެން ލަދުގަންނަ ކަހަލަ ކަމެއްނުކޮށް އަވަހަށް ތިކަން ނިންމާލާ "

ދެތިން ދުވަސް ފަހެވެ. ދޮންމަންމައަށް އޮޅުވާލުމަށްޓަކައި، ވަރަށް އިރާކޮޅު ޝާނީ ނިދަން އޮށޯތެވެ. މިރޭ ދަންވަރު ޝާނީ ހަމްޒާއާއެކު ކައްދޫ ރެސްޓޯރެންޓަށް ދާންވަނީ ނިންމާފައެވެ. އެގާރަޖަހާއިރަށް ހަމްޒާ އަންނާނެކަމުގައި ބުންޏެވެ. މިފަދަކަމަކަށް ޝާނީ އެއްބަސްވީ ހަމްޒާ ވަރަށް އާދޭސްކުރުމުންނެވެ. ހަމްޒާގެ އެއްމެ ގާތް ރަހުމަތްތެރިޔާގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ހަމްޒާ ޝާނީ އެތަނަށްގެންދަން ބޭނުންވީއެވެ. ދޮންމަންމައަށް އެކަން އެނގުމުން ކަންތައްވާނޭގޮތް ޝާނީއަށް ރަނގަޅަށް އެނގެއެވެ. ވީމާ ގޭގެ އެންމެން ނިދުމުން ބޭރަށް ނިކުތުން އެއީ އެކަން ކުރެވެންއޮތް އެންމެ ރަނގަޅުގޮތްކަމުގައި ޝާނީއަށް ވިސްނުނީއެވެ.

އެގާރަ ޖެހިއިރު ޝާނީ ހުރީ ދޮރުމަތީގައެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ރީތިވެލައިގެންނެވެ. މަޑުފިޔާތޮށި ކުލައިގެ ޓޮޕަކާއި ކަޅު ޖީންސެއްގައި އިންއިރު ލުއި މޭކަޕެއްވެސް އިނީ ކޮށްލައިގެންނެވެ. އިރުކޮޅެއްނުވެ ހަމްޒާގެ ސައިކަލުއައިސް ގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ހަމްޒާވެސް މިރޭހުރީ ވަރަށް ތާޒާ ވެލައިގެންނެވެ. އެއާއެކު ޝާނީ ސައިކަލުގެ ފަހަތުޝީޓުގައި އިށީނެވެ. ސައިކަލުގައި އިންއިރު ހަމްޒާގެ ގައިން ދުވާ މަޑު މަޑު "ހޫގޯ ބޮސް" ގެ ވަސް ޝާނީގެ އިހުސާސްތަކާއި ކުޅެމުން ދިޔައެވެ. އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުންދިޔައެވެ. ޝާނީ ބޭނުންވަނީ ވީ އެންމެ އަވަހަކަށް ހަމްޒާއާއި ކައިވެނިކުރާށެވެ. އެކަމަކު އިސްވެ އެކަހަލަ ވާހަކައެއް ދައްކާކަށް ޝާނީއަށް ހިއްވަރު ލިބޭނެގޮތެއް ނުވިއެވެ.

" ދެން ކޮން އިރަކުން އަހަރެމެން މެރީ ކުރާނީ..." ސައިކަލު ވަކި ހިސާބަކަށް ދިޔަތަނާ ހަމްޒާ އެހިއެވެ. އޭރު ސައިކަލު ދުއްވަމުން ދިޔައީ ކައްދުއަށް ދިޔުމަށް ހަދާފައިވާ މަގުގައި ކަމުގައި ވިޔަސް އެއްވެސް ދުއްވާއެއްޗެއްގެ ހިލަމެއް އެހިސާބުން ފެންނާކަށްނެތެވެ. ޝާނީ ވަރަށް ލޯބިގޮތަކަށް ހަމްޒާގެ ކޮނޑުގައި އޭނާގެ ދަތްދޮޅި އަޅުވާލިއެވެ. އަދި މަޑުމަޑުން ޝާނީގެ އަތް ހަމްޒާ އުނަގަނޑުވަށީލިއެވެ.

" ލޯބި ބޭނުން ވި އިރަކުން.." ޝާނީ ހަމްޒާގެ ކަންފަތުގެ ފޫޅުގައި ތުންފަތް ޖައްސާލަމުން އިޝްގީގޮތަކަށް ބުންޏެވެ. " ހަމްޒާ މިހާރު ބުންޏަސް އަހަރެން މިހިރީ ތައްޔާރަށް"

"ޝާނީގެ މަންމަމެން ރުހޭނެތަ..." ހަމްޒާ ބުންޏެވެ. " މަންމަމެން ގާތުގައި، އަހަރެންގެ ވާހަކަ ދައްކަންވީނު"

" މަންމައެއް ނޫން، ދޮންމަންމަ" ޝާނީ ރަނގަޅުކޮށްދިނެވެ. މިގޮތައް މީގެކުރިންވެސް ރަނގަޅު ކޮށްދޭ ގޮތަށެވެ. ޝާނީގެ ހުރިހާ ހަޤީޤަތެއް މާކުރިންވެސް ހަމްޒާއަށް ޝާނީ ވަނީ ކިޔާދީފައެވެ. ޝާނީ ދޮންމަންމަ ކައިރި އުޅެންޖެހޭގޮތެވެ. ދޮންމަންމައަށް ޝާނީގެ ސަބަބުން ވާ އުނދަގުލެވެ. " ދޮންމަންމަ މިހާރުވެސް އެއުޅެނީ، އަހަރެން ފޮނުވާލެވޭނެ ގޮތެއް ނެތިގެން.. ދެން ތިއަހަނީ އޭނަ ރުހޭނެހޭ"

" އެކަމަކު މެރީ ކުރުމުގެ ކުރިން އަހަރެން ބޭނުން، ވަރަށް ގިނަ އެއްޗެހި އެނގެން..." ޝާނީ ބުންޏެވެ. "އަހަރެން ބޭނުން އަހަރެން މެރީކުރަން މިއުޅެނީ ކިހާވަރެއްގެ މީހަކާކަން ރަނގަޅަށް ދަސްކުރަން"

އެހާހިސާބަށް ވާހަކަ ދިޔައިރު ދާންބޭނުނަވާ މަންޒިލަށް އެމީހުނަށް ވާސިލުވެވިއްޖެއެވެ. އޭރު ނިޝާތު ހުރީ އެމީހުންގެ އިންތިޒާރުގައި ރެސްޓޯރެންޓް ދޮރުމަތީގައެވެ.

" ކޮބާ އެންމެން ހަމަވީތަ؟؟" އެތެރެއަށް ވަންނަމުން ހަމްޒާ ބުންޏެވެ. ޝާނީވެސް ވަރަށް ޖެހިލުންވެ ހުރެ ހަމްޒާގެ އަތުގައި ހިފައިގެން އެތެރެއަށްވަނެވެ.

އޭރު އެތެރޭގައި އެތައްބަޔަކުތިއްބެވެ. ފުރަތަމަ ކަމަކަށް އޮތީ ޝާނީ ތައާރަފްް ކޮށްދިނުމެވެ. ހަމްޒާގެ ހުރިހާ ރަހުމަތްތެރިންވެސް ހަމްޒާއަށް ވަރަށް އޯގާތެރިކަން ޝާނީއަށް ފާހަގަކުރެވުނެވެ. މީއީ، މީގެ ކެއުމަކަށް ޝާނީ ފިރިހެން ކުއްޖަކާއެކު ބޭރަށްއައި ފުރަތަމަ ފަހަރެވެ. އެހެންވެ އޭނާ ހުރީ އިންތިހާއަށް ބިރުންނެވެ. ނަމަވެސް ހަމްޒާ އޭނާއަށް ބަހައްޓާ އޯގާތެރިކަމުން އެހުރިހާ ކަމެއް ހަނދާން ނެތިގެން ދިޔައެވެ.

އެރޭގެ އެ ކެއުން ނިމުން އެމީހުން ނިކުތީ އަވަހަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. ޝާނީ ހުރީ ހަމްޒާގެ އަތުގެ މުލައްދަނޑީގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ. ނިކުތް މަގުމަތީގައި، ޝާނީގެ ލޮލުގައި އަޅައިގަތީ ރެސްޓޯރެންޓްގެ ބޭރު މޭޒެއްގައި އިން ރަޝީދަށެވެ. އޭރު ރަޝީދު ހުރީ ޝާނީއަށް ބަލާށެވެ.

(ނުނިމޭ)

ފަސްވަނަބައި...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް