ވާހަކަ: އެދެވޭތީ އަދު ބުނަމޭ – އެކާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... " ތީއަދި ތަދެއް ނޫނެއްނު.. ކަލެއަށް މިހާރު ތިވާ ތަދަށްވުރެ އެތައް ގުނައަކަށް އިތުރު ވޭނެއް ކަލޭ އަހަރެންނަށް ދިނީ..." އާކިން ބުންޏެވެ. ގައިގެ ހުރިހާ ބާރެއް ލާފައި ރޫބީ އާކިންގެ...

02 Jan 2022 | 05:49

ކުރީގެ އަދަދާއި ގުޅޭ...

" ތީއަދި ތަދެއް ނޫނެއްނު.. ކަލެއަށް މިހާރު ތިވާ ތަދަށްވުރެ އެތައް ގުނައަކަށް އިތުރު ވޭނެއް ކަލޭ އަހަރެންނަށް ދިނީ..." އާކިން ބުންޏެވެ. ގައިގެ ހުރިހާ ބާރެއް ލާފައި ރޫބީ އާކިންގެ މޭގައި އަތްއަޅައި ދުރަށް ކޮއްޕައިލިއެވެ. އެހނިދު އަނެއްކާވެސް އާކިން ރޫބީއާ ދިމާލަށް އަންނަންފެށުމުން ރޫބީ ދުވެފައި ގޮސް ފާހާނައަށް ވަދެ ދޮރުލެއްޕިއެވެ. އާކިންއަށް ހުއްޓެވުނެވެ. އޭނާއަށް ހޭވެރިކަމެއްވީ އަދިކިރިޔާ ފަދައެވެ. އިރުކޮޅެއް ކުރިން އުޅެވުނު ގޮތާ މެދު ޙުދު އޭނާވެސް ހައިރާންވެއްޖެއެވެ. ރޫބީގެ ސަބަބުން އޭނާއަށް އަންނަމުން މިދަނީ ދުވަހަކު އޭނާ ހީނުކުރާ ފަދަ ބަދަލުތަކެކެވެ. އެއްވެސް އަންހެނަކަށް އަނިޔާވެރިވުމަކީ ދުވަހަކުވެސް އޭނާ ކުރިކަމެއް ނޫނެވެ. އެންމެ ހައިރާންވާންޖެހޭ ކަމަކީ މިރޭ އޭނާ ކައިރީގައި ނުބުނެ ރޫބީ ބޭރަށް ދިއުމުން ރުޅި އާދެވުމެވެ. ރޫބީއާ ކައިވެނި ކުރި ފަހުން ފުރަތަމަ ފަހަރަށް އޭނާ އަކީ މީހެއްގެ ފިރިއެއް ކަމުގެ އިހުސާސް ކުރެވުނީ މިރެއެވެ. މިރޭ ރޫބީދެކެ އޭނާއަށް ރުޅި އާދެވުނީ ފިރިއެއް ކައިރީގައި ނުބުނެ އަނބިމީހާ ބޭރަށް ދިއުމުން ފިރިމީހާ އަންނަ ފަދަ ރުޅިއެކެވެ. އެއީ ޔަގީނުންވެސް އާކިން ބޭނުންވާ ގޮތެއް ނޫނެވެ. ރޫބީ ކޮންމެ ތަނަކަށް ދިޔަސް އޭނާއަށް ހެވެވެ. އޭނާ އަށް ރަނގަޅީވެސް ރޫބީ ދާ ގޮތަށް ނައިއްޔާއެވެ. އައިސްފައިވާ ރުޅިގަނޑު މަތަކުރަމުން އާކިން ފުންނޭވައެއް ދޫކޮށްލިއެވެ. ބަނޑުހައިވެފައި ހުރި ކަމުގެ އިހުސާސްވެސް ކުރެވުނީ އަދިކިރިޔާއެވެ. އިޝާ ނަމާދުކޮށްގެން ނިދުނު ގޮތަށް އޭނާއަށް ހޭލެވުނީ މީގެ ބައިގަޑިއެއްހާއިރު ކުރިންނެވެ.

އާކިން ގޮސް ކާމޭޒުކައިރީގައި އިށީނެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު އެގާރަ ޖަހަން ކައިރިވަނީއެވެ. ނާބީ ހޭލާ އުޅޭނެކަމުގެ ޔަގީންކަން ނެތަސް ގޮވައިލިއެވެ. ދެފަރަހަރަކު ގޮވައިލުމާއެކު ނާބީ ނިކުތީ ބަދިގެއިންނެވެ.

" ކާއެއްޗެއް އެބަހުރިތަ؟.. ނެތިއްޔާ ކޮންމެވެސް އެއްޗެއް ހަދާލަދީބަލަ.. " އާކިން އެދުނެވެ.

" ރޫބީ މެޑަމް ބޭރަށް ދިޔައީ ކޮއްކޮއަށް ޑިނަރ ރެޑީކުރަން ބުނެފަ.. ކޮއްކޮ ލަހުން ހޭލާނޭ ބުނަނީ.. އެހެންވެ ސޭންޑްވިޗް އެންޑް ޖޫސް ތައްޔާރުކުރަން ބުނަނީ.. " ނާބީ ހެވިލާފައި ބުންޏެވެ. ރޫބީގެ ނަން އިވުމުން އާކިންއަށް އުނދަގޫވެ ރުޅިއައެވެ.

" ސޭންޑްވިޗް ބޭނުމެއްނޫން... ރޮށި ނޫނީ ބަތް އެބަހުރިތަ؟" އާކިން ބުންޏެވެ.

" ސޮރީ ކޮއްކޮ.. ނާބީ ހުރިހާ ތަށި ސާފުކުރީ.. ބަތްވެސް ރޮށިވެސް ނެތް.. ނާބީ އަލުން ރޮށި ފިހަނީ.. ކުޑައިރުކޮޅެއް ވަނީ.." އިންތިހާއަށް ވަރުބަލިވެފައި ހުރި ނަމަވެސް ނާބީ ބުނެލިއެވެ. ނާބީގެ މޫނުމަތިން އާކިންއަށް އެވަރުބަލިކަން ފެނުނެވެ.

" ނޫން އޯކޭ ވާނެ ނާބީ.. ގެނޭ ސޭންޑްވިޗް.." އިތުރު ގޮތެއް ނެތުމުން އާކިން ބުންޏެވެ. ނާބީ އެންމެ ރަނގަޅޭ ބުނުމަށްފަހު ބަދިގެއަށް ހިނގައިގަތެވެ.

**************

ފާހާނާ ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ރޫބީ ހުއްޓެވެ. އާކިންގެ އަމަލުތައް މިރޭ ހުރިގޮތުން އޭނާ ޖެހިލުންވެއްޖެއެވެ. ފާހާނަތެރޭގައި އޭނާ ހުންނަތާ ކިތަންމެ އިރެއް ވެއްޖެއެވެ. އޭނާ ނިކުންނަންދެން އިންތިޒާރުގައި އާކިން ހުރެދާނެއޭ ހީވަނީއެވެ. އެތެރޭގައި ހުރެ ހުރެ ވަރުބަލިވުމުން ފާހަނަތަށީގެ މަތި ލައްޕައިލުމަށްފަހު އިށީނެވެ. އެހެން އިނދެ އިނދެ ވަރުބަލި ވުމުން އަނެއްކާވެސް ތެދުވިއެވެ. ނިދިއައިސްގެވެސް މީހާ ހަލާކުވާން ކައިރިވެއްޖެއެވެ. ގަޑިންވީ ވަރެއްވެސް ރޫބީއަކަށް ނޭނގެއެވެ. އެންމެ ފަހުން ކޮންމެ ގޮތެއްވިޔަސް ހެޔޮކަމަށް އެތަނުން ނިކުންނަން ރޫބީ ނިންމިއެވެ. ފާހާނައިގެ ދޮރު ކުޑަކޮށް ހުޅުވައިލުމަށްފަހު ބޯދިއްކޮށްލާފައި ބަލައިލިއެވެ. އެއްވެސް ދިމާލަކުން އާކިން ފެންނަން ނެތުމުން ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. އަވަހަށް ކްލޯޒެޓަށްވަދެ ނިދާ ހެދުމަށް ބަދަލުކޮށްގެން ނިކުމެ އެނދަށް އަރާ އޮށޯތެވެ.

****************

ހުކުރުދުވަސްކަމަށް ވުމާއެކު އެންމެން ގޭގައި ތިބި ދުވަހެކެވެ. މެންދުރުގެ ކެއުމުށްފަހު އެންމެން ތިބީ ސޯފާގައި ވާހަކަ ދައްކާށެވެ. ޒޫނީގެ މަޖާ ވާހަކަތަކުން ތަނުން އިވެމުން ދިޔައީ ހުނުމުގެ އަޑެވެ. ފޯނަށް ގެއްލިފައި އިން އިން އާކިންވެސް އިރުއިރުކޮޅާ ހީނލައެވެ. ދޭތެރެއަކުން ޒޫނީއާއި އަރީކްއަށް ޖެއްސުމަށް އެއްޗެއް ބުނެލައެވެ. އާކިންގެ އެސިފަ ރޫބީއަށް ފެނުނީ ފުރަތަމަ ފަހަރަށެވެ. އާކިންގެ ތުންފަތްމަތިން ގެއްލިފައިވާ ހިނިތުންވުން އެނބުރި އައީތީ އޭނާ އުފާކުރިއެވެ.

" ހިނގާބަލަ މިއަދު ވިލިގިއްޔަށް މޫދަށް ދާން.. ހާދަ ދުވަހެކޭ މިވަނީ ވިޓަމިން ސީ ކޮޅެއް ނުލިބޭތާ.." ޒޫނީ ބުނެލިއެވެ. ޒޫނީއާ އެއްބައިވުމުގެ ގޮތުން އަމްރާވެސް އެއްޗެއް ބުނެލިއެވެ.

" ގޭގައި އެއޮތީ ބޮޑު ޕޫލެއް.. ދެން ކީއްކުރަން މޫދަށް ދަނީ.." އަރީކް ބުންޏެވެ.

" ޕޫލްގެ ފެންގަޑާއި މޫދު ތަފާތު.. އަޅެ ރިކީ ޕްލީޒް ހިނގާބަލަ ދާން.. އިރުއޮއްސެން ވާއިރަށް އަންނާނީ.." އަރީކްގެ އަތުގައި އެލިގަންނަމުން ޒޫނީ ބުންޏެވެ.

" ތެދެއް ހިނގާބަލަ... ރޫބީ އައިފަހުން އަދި އެކަހަލަ ކަމެއް ކޮށްނުލެވެއެއްނު.. އެންމެން ދިމާވަނީވެސް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް.. " އަމްރާ ބުންޏެވެ.

" ދޮންތަމެން ދޭ.. އަހަރެން ދާހިތެއް ނެތް.." އާކިން ދެކޮޅު ހެދިއެވެ.

" އަހަރެން އެއްވެސް ވާހަކައެއް އަޑުއަހަން ބޭނުމެއް ނޫން.. އަސުރު ނަމާދުކޮށްގެން އެންމެންވެސް ރެޑީވާތި.. ދާން ދެކޮޅު ހަދާ މީހަކާ އަހަރެން ދުވަހަކުވެސް ވާހަކަ ނުދައްކާނަން.." އަމްރާ އޭނާގެ ފަހު ބަސް އިއްވައިލިއެވެ.

" ތިޖެހުނީ ބޮޑުތާނގައި.. ދެން ޖެހޭނީ އެންމެންވެސް ދާން.." ހިނިގަނޑެއް ޖަހައިލަމުން ޒޫނީ ބުންޏެވެ.

" އާނ ދޮންތަ އަބަދުވެސް އިމޯޝަނަލް ބްލެކްމެއިލް ކުރާނީ.. ލެޓްސް ގޯ އެންޑް ގެޓް ރެޑީ އާކީ.. އެހެންނޫނީ އަހަރެމެންގެ ދޮންތަ ގެއްލިދާނެ" ސަމާސާ އެކުލެވޭ ރާގެއްގައި އަރީކް ބުންޏެވެ. އާކިންވެސް ބޯޖަހާލާފައި ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" ޔޫ އާރ ދަ ބެސްޓް ދޮން" އަމްރާ ގައިގައި ބައްދައިލަމުން ޒޫނީ ބުންޏެވެ.

" ރޫބީވެސް ދޭ އަވަހަށް ރެޑީ ވާން.. އާކި ހުންނާނެ އިންތިޒާރުގަ މިހާރު.." ރޫބީ އަށް ބަލައިލަމުން ޒޫނީ ބުންޏެވެ.

" ދޮންތަ މެން ދާންވީނު... އަހަރެން ދާހިތެއް ނެތް.." ރޫބީ ބުންޏެވެ. މޫދުގެ ނަން އިވުމުންވެސް އޭނާ ހަނދާންވަނީ އެންމެ ގާތް އެކުވެރިޔާ މަތިންނެވެ. ހަނދާން ހުންނަން ފެށީއްސުރެވެސް އޭނާ މޫދަށް ދަނީ މުޅިންވެސް ނަޖުވާއާ އެއްކޮށެވެ.

" ދެޓްސް ނޮޓް ޑަން ރޫބީ.." ޒޫނީ ބުނެލިއެވެ.

" އޯ ހެލޯ ރޫބީ.. އާކި ރިކީ އަށް އޮންނަ ރޫލްސް ރޫބީ އަދި ޒޫންއަށް ވެސް އެޕްލައިވާނެ.. ރޫބީ ނުދިއްޔައިއްޔާ އައި ވޮންޓް ޓޯކް ޓު ޔޫ އެއިދަރ.." އަމްރާ ބުނެލިއެވެ. ހިތާދެކޮޅަށް ނަމަވެސް ރޫބީއާ ޖެހުނީ އެއްބަސްވާށެވެ. މިހާރު ކިރިޔާވެސް ރޫބީގެ ގާތް މީހަކަށް ހުރީ އަމްރާއެވެ. އަމްރާއާ އޮތް ގުޅުން ކެނޑިއްޖެނަމަ ރޫބީ މުޅިން އެކަނިވެދާނެއެވެ.

*****************

ހަތަރެއް ޖަހަންވާއިރަށް އެންމެން ތިބީ ވިލިމާލޭ ހިތްގައިމު ބީޗުގައެވެ. މޫދުގެ ލޮނުގަނޑު ފެނުމުން ޒޫނީއަށް މާގިނައިރު ބަލާކަށް ނުހުރެވުނެވެ. އަރީކްގެ އަތުގައި ހިފައިގެން މޫދާ ދިމާލަށް ދުއްވައިގަތެވެ. އަމްރާވެސް އެމީހުންގެ ފަހަތުން ދިޔައެވެ. ރޫބީ ހުރިދިމާލުން ތިރީގައި ވެލިގަނޑުމަތީގައި އިށީނެވެ. ރޫބީ އިން ދިމާލުން ތަންކޮޅެއް ފަހަތުގައި އާކިން ހުއްޓިގެން ހުއްޓެވެ. ރޫބީއާއި އާކިންގެ ސިކުނޑީގައިވެސް ދައުރުވަމުން ދިޔައީ އެކަކުގެ ހިޔާލުތަކެވެ. ނަޖުވާގެ ހިޔާލުތަކެވެ. އާކިންއަށް ނަޖުވާއާ އެއްކޮށް މޫދުގައި ހޭދަކުރެވެނީ ހަނދާންވާ ގޮތުން އެންމެ ދުވަހަކުއެވެ. އެއީ އޭނާގެ ހަނދާނުން ފޮހެލަން ދަތި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އޭނާގެ ހިތާއި ސިކުނޑީގައި މޫދުގައި ހޭދަކުރެވުނު އެވަގުތުކޮޅު ވަނީ ދުވަހަކުވެސް ހަނދާނުން ނުފޮހެވޭނެހެން ރައްކާކުރެވިފައެވެ.

އެދުވަހު ނަޖުވާއާ އެއްކޮށް އޭނާ މޫދަށް ދިޔައީ ނަޖުވާއާއި ރޫބީ ކިޔާވަރުންނެވެ. އޭނާއަކީ އުސޫލުތަކެއް ގެންގުޅޭ މީހަކަށްވުމާއެކު އޭނާ މަޑުކުރީ ދެއަންހެން ކުދިންނާ ތަންކޮޅެއް ދުރުގައެވެ. ރޫބީއާއި ނަޖުވާގެ ސަމާސާގަނޑު ފެނި ބައެއް ފަހަރު އޭނާއަށްވެސް ހީނލެވެއެވެ. އެދެމީހުންނާ އޭނާގެ ނަޒަރު ވަކިވީ ހިނދުކޮޅަކަށެވެ. އެހިނދު ރޫބީ ހަޅޭއްލަވައިގަތް އަޑުއިވި ސިއްސައިގެންގޮސް އާކިންއަށް ބަލައިލެވުނެވެ. ރޫބީއަށްވުރެ ތަންކޮޅެއް ދުރުގައި ނަޖުވާ އޮތްއިރު އޭނާ ގެނބެމުން ދާ މަންޒަރު ފެނި އާކިންއަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ވަގުތުން އެދިމާލަށް ފަތައި ގަނެވުނެވެ. އިރުކޮޅެއްގެ ތެރޭގައި ނަޖުވާ އޮތީ އޭނާގެ އަތުގެ ތެރޭގައެވެ. ތިލަ ހިސާބަކަށް އާދެވުނު ހިނދު ނަޖުވާގެ ހޭވެރިކަމެއް ނެތްކަން އިހުސާސް ވިއެވެ. އަވަސްއަވަހަށް ނަޖުވާ ޢޭނާގެ އަތްދަނޑި މައްޗަށް އުފުލައިލިއެވެ. ލޮނުގަނޑު ތެރޭގައި އުނދަގުލާއެކު ހިނގަމުން ގޮސް އެއްގަމަށް އެރިއެވެ. އާކިންއަށް ރޭކާނުލީ ފަހަތުން އަންނަމުން ދިޔަ ރޫބީގެ ތުންފަތްމަތީގައިވާ ލާނެތް ހިނިތުންވުމެވެ. ސާފު ދޮންވެލިގަނޑުމަތީގައި ނަޖުވާ ބާއްވައިލިއިރު އާކިންއަށް މާނޭވާލެވެއެވެ. މޮޔައެއްހެން ނަޖުވާއަށް ގޮވަމުން ދިޔައިރު އާކިންގެ ދެލޮލުން ކަރުނަ ނީރާލައިފިއެވެ. ރޫބީގެ ހިނިގަނޑުފަޅައިގެން ދިޔައީ އެހިސާބުންނެވެ. އާކިން ހައިރާންވެފައި ހެމުން ދިޔަ ރޫބީއަށް ބަލައިލިއެވެ. ރޫބީ ހޭއަޑުއިވުމުން މަކަރުހަދައިގެން އޮތް ނަޖުވާއަކަށްވެސް ނުއޮވެވުނެވެ. އޮތްތަނުން ތެދުވެ ހޭންފަށައިފިއެވެ.

" ޕުއަރ އާކިން.. ނަޖޫ ތިހެން ހަދާކަށްނުވާނެއްނު އެފަކީރަށް..." ރޫބީ ހެމުން ހެމުން ބުނެލިއެވެ.

" އައިމް ސޯ ސޮރީ އާކީ.. އައި..އާކި... " ނަޖުވާއަށް ހެވޭވަރުން ވާހަކަ ދައްކަންވެސް އުނދަގޫވަމުން ދިޔައެވެ.

" އިޓްސް ނޮޓް ފަނީ ނަޖް.. " އާކިން ހިތްހަމަނުޖެހިފައި ބުންޏެވެ. އާކިން ރުޅި އައީކަން އެނގުމުން ނަޖުވާ ހުނުން ހުއްޓައިލިއެވެ. ރޫބީވެސް ހިނިގަނޑު މަތަކުރެވޭތޯ މަސައްކަތް ކުރަމުން އަނގަމަތީގައި އަތް އަޅައިލިއެވެ. އާކިން އިންތަނުން ތެދުވެގެން ދުރަށް ހިނގައިގަތެވެ.

" ކޮބާ އަހަރެން ބުނީމެއްނު އޭރުވެސް ބޭޑް އައިޑިއާ އޭ.. ދެންވެސް ދޭބަލަ.." ރޫބީ ބުނެލިއެވެ. ނަޖުވާ އިންތަނުން ތެދުވެގެން އާކިންގެ ފަހަތުން ދިޔައެވެ.

" ސޮރީ އާކިން.. ވީ ވަރ ޖަސްޓް ޕްރޭންކިންގް ޔޫ..." އާކިންގެ ކުރިމަތީގައި ހުއްޓެމުން ނަޖުވާ ބުންޏެވެ. އެހިނިދު އާކިންގެ ދެލޯ ފޮހެލިތަން ނަޖުވާއަށް ފެނުނެވެ.

" ނަޖުވާ ތިކުރީ ޕްރޭންކެއް ނޫން.. ތިކުޅުނީ އަހަރެންގެ އިހުސާސްތަކާ..." އާކިން ބުނެލިއެވެ. އާކިންގެ ދެލޮލުން ފެންނަމުން ދިޔަ ސާފު ލޯބި ނަޖުވާއަށް ރަނގަޅަށް ފެންނަމުން ދިޔައެވެ.

" ސޮރީ އާކި.. ދެން ދުވަހަކުވެސް އެކަހަލަ ކަމެއް  ނުކުރާނަން.. " އާކިންގެ އަތުގައި ހިފައިލަމުން ނަޖުވާ ބުންޏެވެ.

" ޔޫ ނޯވް ފޯރ އަ މޮމެންޓް އައި ތޯޓް އައި ލޮސްޓް ޔޫ.. އެގޮތަށް ހިތަށް އެރި ކަމަށްޓަކައިވެސް އަހަރެންނަށް ހީވީ ހިނދުކޮޅަކަށް އަހަރެންގެ ހިތްހުއްޓުނުހެން... ދެން ދުވަހަކުވެސް އެކަހަލަކަމެއް ނުކުރާތި.." ނަޖުވާގެ އަތަށް ފިތައިލަމުން އާކިން ބުންޏެވެ.

" ނުކުރާނަން.. މަރުވުމުން ނޫނީ އަހަރެން އާކި ދޫކޮށްލާފައި ނުދާނަން ކަމަށް ވަޢުދުވަން.. ދިޔަސް ދާނީ އާކި.. " ނަޖުވާ ބުނެލިއެވެ.

***************

ހިޔާލުގެ ދުނިޔެއިން އާކިންއަށް ނިކުމެވުނީ އަމްރާ އޭނާއަށް ގޮވައިލި އަޑިއިވިފައެވެ.

" ކިހިނެއްވެފަތަ ތިހުންނަނީ.. ހިނގާބަލަ މޫދަށް.. ރިކީ އެބައުޅޭ ވަރަށް މަޖާ ގޭމެއް ކުޅެންވެގެން.." އަމްރާ ބުންޏެވެ.

" އަހަރެން އަސްލުވެސް މޫދަށް އެރޭހިތެއް ނެތް ދޮންތާ.. ފާޑަކަށް ހީވެސް ކަރުވާތީ މިހުންނަނީ.." އާކިން އުޒުރުވެރިވިއެވެ.

" އެހެންވީއިރު އާކި ހުރޭ.. ރޫބީ ހިނގާ ދާން.." ރޫބީގެ އަތުގައި ހިފައިގެން މޫދާ ދިމާލަށް ދަމުން އަމްރާ ބުންޏެވެ. އެމީހުން ކުޅެ މަޖާ ކުރަމުން ދާ މަންޒަރު ބަލަން އާކިން ހުއްޓެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ.

" ކޮބައިތަ އަހަރެންގެ ނަޖް.. ވެއަރ އަރ ޔޫ ނަޖް.. އައި މިސް ޔޫ ސޯ މަޗް.. އައި ވިޝް އައި ކުޑް ގެޓް ޔޫ ބެކް.. ވެއަރ އެވަރ ޔޫ އާރ ނޯވ ދެޓް އައި ލަވް ޔޫ ވެރީ މަޗް.. " އާކިން ހިތާހިތުން ބުނެލިއެވެ.

***************

ކ. ހުރާއަށް ދަތުރުކުރަމުން ދިޔަ ފެރީގެ އެންމެ ކުރީ ގޮނޑިބަރީގައި ސައިފް އާއި ނަޖުވާ ތިއްބެވެ. ނަޖުވާ އިރުއިރުކޮޅާ ސައިފަށް ބަލައިލަނީ ވާހަކައެއް ބުނަން ބޭނުންވާ ފަދައަކުންނެވެ. ސައިފަށް އެކަން ފާހަގަވީ ކުޑައިރުކޮޅެއް ފަހުންނެވެ.

" އެއްޗެކޭ ބުނަންތަ ތިއުޅެނީ..؟" އެންމެފަހުން ސައިފް އަހައިލިއެވެ. ނަޖުވާގެ މޫނުމަތިން ކުޑަ ހައިރާންކަމެއް ފެނުނެވެ. ސައިފަށް އެކަން އެނގުނީތީއެވެ.

" އާނ.. ސައިފް ތިކޮށްދޭ ކަންތަކަށް ޝުކުރު އަދާކޮށްދޭނެ ގޮތެއްވެސް ނޭނގޭ.. މިކަމުން ސަލާމަތް ވީހާ އަވަހަކަށް އަހަރެން ވަޒީފާއެއް ހޯދައިގެން އެކަނި އުޅެން ދަސްކުރާނަން... " ނަޖުވާ ބުނެލިއެވެ. ސައިފް ވަކި އެއްޗެއް ހިނިތުންވެލިއެވެ.

" އެކޮޅަށް ގޮއްސަވެސް ގެސްޓް ހައުސްއެއްގައިތަ ތިބެނީ؟ މިހެން މިބުނީ އެއީ ވަރަށް ލާރި ދޯ.. އެހެންނޫނަސް ހިލޭ އަންހެނަކާ ފިރިހެނަކު އެއްކޮޓަރިއެއްގަ ނިދުމަކީ އެހާ ރަނގަޅުކަމެއް ނޫން ދޯ.. އެނގޭ އަހަރެންނަށް އިތުބާރު ނުކުރެވޭތީކަން ސައިފް އަހަރެންނާ އެއްކޮޓަރިއެއްގައި އޮންނަނީ.. އެކަމަކު މިހާރު ޙުދު އަހަރެންވެސް ބޭނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން.. އެކަމަށްޓަކައި ސައިފް ތިހާ ބޮޑު ޤުރުބާނީއެއްވާއިރު އަހަރެންވެސް ތިކަމަށް އެއްބާރުލުން ދޭނަން.." އަނެއްކާވެސް ނަޖުވާ ބުނެލިއެވެ.

" އަހަރެން ހުންނާނީ އާދައިގެ ދެކޮޓަރީގެ ގެއެއް ކުއްޔަށް ނަގާފައި.. އަހަރެން ދެކޮޓަރިއެއްގައި ނިދިޔަސް އަހަރެން ނަޖޫގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލާނަން.. ނަޖޫ އަހަރެންނަށް އެއްބާރުލުން ނުދެންޏާ އަހަރެންނަށް މަޖޫބޫރުވާނެ ނަޖޫ ފުލުހުންނާ ހަވާލުކުރަން.." ސައިފް ކުރިއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.

" ކީއްވެ އަހަރެންނަށް އިތުބާރު ނުކުރަނީ.. މިބުނީއެއްނޫންތަ އެއްބާރުލުން ދޭނަމޭ.." ނަޖުވާ ހިތްހަމަނުޖެހޭގޮތްވިއެވެ.

" އޯކޭ އޯކޭ.. ދެން އެވާހަކަ ނުދައްކާ.. ހީކޮށްލާ މީ ނަޖޫ އަދި އަހަރެންގެވެސް އާ ދިރިއުޅުމެއްގެ ފެށުމެއްކަމަށް.." ސައިފް ބުނެލިއެވެ. ނަޖުވާ ގަދަކަމުން ހިނިތުންވެލަމުން ބޯޖަހައިލިއެވެ. ހަޤީގަތަކީ އޭނާގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް އާކިންގެ ތަސްވީރު ފިލައިގެން ނުދާކަމެވެ. އާ ދިރިއުޅުމެއް ފަށަން މާޒީ ހަނދާން ނައްތައިލުމަކީ މުހިންމުކަމެކެވެ. އުފެދޭ ސުވާލަކީ އެކަން އެގޮތަށް ވެދާނެތޯއެވެ.

*****************

ކޮޅަށް ހުރެ ހުރެ ވަރުބަލިވެގެން އާކިން ވެލިގަނޑުމަތީގައި އިށީނެވެ. ފަސް ގަޑިބައިވާން ކައިރިވިއިރުވެސް އެމީހުންގެ ކުޅިވަރިތަކަށް ނިމުމެއް ނާދެއެވެ. ރޫބީވެސް އެމީހުންނާއެކު މަޖާކުރަމުން ދިޔަ މަންޒަރު ފެންނަ ކޮންމެ ފަހަރަކު އާކިންއަށް ދަތްކުޑިވިކައިލެވެއެވެ. ރޫބީގެ ބަދަލުގައި އެތާ ހަޤީޤަތުގައި ހުންނަން ޖެހޭނީ ނަޖުވާ ކަމުގައި ޤަބޫލުކުރެވުނެވެ. އެހެނީ މިވަގުތު ރޫބީ އުޅެމުން އެދަނީ ނަޖުވާގެ އަތުން ނުހައްޤުން ޖަހައިގަތް ދިރިއުޅުމެއްކަމުގައި އާކިން ޤަބޫލުކުރެއެވެ.   ރޫބީ އެދުވަހު ނަޖުވާ ކައިރީގައި ދެއްކިވާހަކަ ދެންމެ ދެންމެ ވީކަމެއްހެން އާކިންގެ ހަނދާނުގައި އެބަހުއްޓެވެ. ރޫބީގެ ދުލުން އިވުނު އެބަސްތައް އަދިވެސް އާކިންގެ ކަންފަތުގައި ހަރުލާފައިވެއެވެ.

ޢާކިންއަށް ކުއްލި ސިހުމެއް ގެނުވީ އަމްރާގެ ބާރު އަޑަކުން ގޮވައިލި އަޑުއިވިފައެވެ. އޭރު ރޫބީގެ ގައިގައި ދެފަރާތުން އަމްރާއާއި ޒޫނީ ހިފަހައްޓައިގެން ތިއްބެވެ. ރޫބީގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ.

" ރޫބީ ފަޔަށް ކޮންމެވެސް އެއްޗެއް ހެރިއްޖެ.. ލޭވެސް އެބައާދޭ.." އަމްރާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. އިންތަނުން ތެދުވާ ކަހަލަ ހިޔާލެއް އާކިން ނުކުރިއެވެ. އެހެންނަމަވެސް އެހެން އިނދެވުނީ އިރުކޮޅަކުއެވެ. މިފަހަރު ގޮވައިލީ އަރީކެވެ. އާކިން އެދިމާލަށް ބަލައިލީ ފޫހިކަމާއެކީގައެވެ. އެހެންނަމަވެސް ފެނުނު މަންޒަރުން އިންތަނުން ތެދުވެވުނީ ކުއްލިއަކަށެވެ. އެމީހުން ތިބި ހިސާބަށް އޮތީ މަޑުރަތްކުލަ ވެރިވެފައެވެ. ވިސްނައިލުމުން އެއީ ލޭކަން އެނގުނެވެ. އާކިންއަށް މޫދަށް ފުންމައިލެވުނީ ބޭއިޙްތިޔާރުގައެވެ. އެހިސާބަށް ދެވުނު ގޮތެއްވެސް އޭނާއަކަށް ނޭނގުނެވެ.

" މިވަރަށް ގޮވައިއިރުވެސް އަޅާވެސް ނުލާ ތިއިނީ... " އަރީކް ހިތްހަމަނުޖެހިފައި ބުންޏެވެ.

" ރޫބީގެ ހެޔަށް ގޮތްވެއްޖެ ކަންނޭނގެ.." ޒޫނީ ބުނި އަޑުއިވުނެވެ. އާކިން އަވަސް އަވަހަށް ރޫބީ އަތްމައްޗަށް އުފުލައިލިއެވެ. އޭރު ރޫބީ ހަބަރު ހުސްވެއްޖެއެވެ. ރޫބީގެ ފައިގެ ހާލަތު ފެނުމުން އަމްރާއާއި ޒޫނީއަށް އަނގަމަތީގައި އަތްއަޅައިލިއެވެ. އަރީކް އަވަސްއަވަހަށް އެއްގަމާ ދިމާއަށް ފަތައިގަތީ އާކިން ރޫބީ ގޮވައިގެން އައުމުގެ ކުރިން އެމްބިއުލޭންސަށް ގުޅާށެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ހަތަރެއް ޖަނަވަރީ ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް