" އަހަރެން ނަޖޫ އަށް ގުޅާނީ ކިހިނެއް.. ޝީ ހޭޓްސް މީ... އެހެންނޫނަސް ސައިފް ކީއްވެ ނަޖޫގެ ވާހަކަ ތިގޮތަށް ތިދައްކަނީ.. އަހަރެންނަށް ނޭނގޭ އެއްޗެއް ސައިފަށް އެނގެނީތަ؟" ރޫބީ ހައިރާންވެފައި އަހައިލިއެވެ.
" ސީރިއަސްލީ ރޫބީ... ކޮންމެވެސް މީހަކު ނަޖޫއަށްވީގޮތެއް ބަލައިލި ނަމައެއްނު.." ޝަކުވާގެ ރާގެއްގައި ސައިފް ބުނެލިއެވެ.
" އިނަފް ސައިފް.. ތިބުނަން އުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެބަލަ.." ރޫބީ ކައިރިއަށް ރުޅިއަންނަ ގޮތްވިއެވެ. ސައިފް ފުންނޭވައެއް ދޫކޮށްލިއެވެ. މޭޒުގައި އަތްވިއްދައިލަމުން ވަރަށް ފުންނަޒަރަކުން ރޫބީއަށް ބަލައިލިއެވެ.
" ޓްރެއިނިންގް ގަ އުޅެމުން އަހަރެން ރޫބީއަށް ގުޅޭތޯ ވަރަށް މަސައްކަތް ކުރިން.. ރޫބީގެ ހަބަރެއް ނުވާތީ އަހަރެން އެއްވެސް މަސައްކަތެއް ކުރާހިތެއް ނުވި.. އެންމެ ފަހުން ޓްރެއިނިންގް ދޫކޮށްލާފައި އައީ.. އަހަރެންނަށް ނަޖޫ ފެނުނީ ފުރަން ބޯޓު ކައިރިއަށް ގޮސް ހުއްޓަ... އެނގޭތަ އަހަރެންނަށް ފެނުނުއިރު ނަޖޫ ހުރި ހާލަތު..." ސައިފް އަހައިލިއެވެ. ރޫބީ ވަކި އެއްޗެއް ނުބުނެ ސައިފް ވާހަކަ ދައްކާނެ އިރެއްގެ އިންތިޒާރުގައި އިނެވެ.
" ނަޖުވާ ހުރި މަސްތުގެ ހާލުގަ...." ސައިފް އެހެންބުނެލީ މަޑުމަޑުންނެވެ. ރޫބީއަށް އަނގަމަތީގައި އަތް އަޅައިލެވުނީ ލިބުނު ސިހުމުންނެވެ. ދެފަރާތަކަށް ބޯހޫރައިލީ ޤަބޫލުކުރަން ދަތިވެގެންނެވެ.
" ޤަބޫލުކުރޭ ރޫބީ.. މިވަގުތު ނަޖޫ ހުރީ އަހަރެންގެ ބެލުމުގެ ދަށުގައި... މި ގެސްޓް ހައުސްގެ ރޫމެއްގައި.. އެއީ މިހާރު އެއީ މުޅިން އެހެން ނަޖޫއެއް... ލޯބި ބީވުމުން އެހިތާމަ ބަރުދާސްތު ނުކުރެވި ނަޖޫ ޙިޔާރުކޮށްފައި އެވަނީ މުޅިން ގޯސް މަގެއް.. " ސައިފް ބުންޏެވެ. އެހިނދު ރޫބީގެ ލޮލުން ރޮނގަކަށް ކަރުނައެއް ފޭބިއެވެ.
" އަހަރެން ބޭނުން ނަޖޫ އާ ބައްދަލުކޮށްލަން..." ކުރެހިފައިވާ އަޑަކުން ރޫބީ ބުންޏެވެ.
" ނޫން ރޫބީ.. ރޫބީއަށް އިހުސާސްވެސް ނުކުރެވޭނެ ނަޖޫ ރޫބީއަށް ނަފުރަތު ކުރާ ވަރު... " ސައިފް ބުންޏެވެ. ރޫބީ ފުންނޭވައެއް ދޫކޮށްލަމުން އިސްޖަހައިލިއެވެ. މަޑުމަޑުން ގިސްލެވެން ފެށުނީ ހިތަށް ކުރި ފުންއަސަރަކުންނެވެ. ރޮވެން ފެށުމުން އަނގަމަތީގައި އަތްއަޅައިލިއެވެ. އެމަންޒަރު ބަލަން ސައިފްއަށް އުނދަގޫވަމުން ދިޔައެވެ. ރޫބީގެ ކަރުނަތައް ފޮހެލަން ދޭން ބޭނުންވިއެވެ. ގެނެސް މޭގެ ތެރޭގައި ބޮނޑިކޮށްލަން ބޭނުންވިއެވެ. ރޫބީއަށް ވަގުތު ދިނުމަށްފަހު ސައިފް އިސްޖަހައިލައިގެން އިނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ރޫބީ ޓިޝޫއެއް ނެގިއެވެ. ދެލޮލާއި މޫނު ފޮހެލުމަށްފަހު ސައިފްއަށް ބަލައިލިއެވެ.
" ސޮރީ...." ރޫބީ ބުނެލިއެވެ.
" މަންމަ އަހަރެން ކައިރީގައި ބުނީ ނަޖޫ އިތުރަށް ކިޔަވަން ދިޔައީއޭ.. ހަޤީގަތުގައިވެސް އަހަރެން ހީކުރީ ނަޖޫ ކިޔަވަން ދިޔައީއޭ.. އެއްގޮތަކީ މަންމަ ދޮގުހެދުން.. އެހެންނޫނީ މަންމަމެންނަށް އޮޅުވާލާފައި ނަޖޫ އައީ.." ރޫބީ އޭނާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
" ވެދާނެ.. އެކަމަކު އަހަރެން މިބުނާ ވާހަކައަކީ ތިގޭ އެހެންމީހަކުވެސް ނަޖޫއަށް ވީގޮތެއް ބަލައިނުލަނީބާއޭ.. ބޭރަށް ކިޔަވަން ދިޔަސް ހަބަރެއް ނުވަންޏާ ބަލައިލަން ވާނެއްނު.." ސައިފް ބުންޏެވެ.
" ކިހިނެއް އެނގެނީ މަންމަމެން ނުގުޅާކަމެއްވެސް.. ނަޖޫ ދޮގުވެސް ހަދައިފާނެއްނު.." ރޫބީގެ މައިންބަފައިން ކުށްވެރިކުރަން އޭނާގެ ހިތްދެކޮޅު ހަދަމުން ދިޔައެވެ.
" ދެން ނޭނގެ... އަހަރެން މަންމައާ ވާހަކަ ދައްކާނަން... އެކަމަކު އަހަރެން ބޭނުން މިވަގުތު ނަޖޫ ދެކިލަން.. ޕްލީޒް ސައިފް.. " ރޫބީ އާދޭހުގެ ރާގެއްގައި ބުންޏެވެ.
" ސޮރީ ރޫބީ.. އެކަމަކު ތިކަމެއް ނުވާނެ... ނަޖޫއަށް ކިރިޔާ ރޫބީގެ ހިލަމެއްވިޔަސް އަހަރެންނަށް އޮތް އިތުބާރު ނަޖޫއަށް ގެއްލިދާނެ.." ސައިފް އުޒުރުވެރިވިއެވެ. ރޫބީ ބޯޖަހައިލިއެވެ. ސައިފް އެބުނި އެއްޗެއް އޭނާއަށް ވެސް ޤަބޫލުކުރެވެއެވެ.
" އެންމެ ރަނގަޅު.. ސައިފް ޕްލީޒް ނަޖޫއަށް ރަނގަޅަށް ބަލާތި.. އަހަރެންނަށްޓަކައި ނޫންވިއްޔާ ތިދެމީހުންގެ ދެމެދުގައި އޮތް އެކުވެރިކަމަށްޓަކައި.." ރޫބީ އެދުނެވެ.
" އަހަރެން ނަޖޫ ބަލާނަން.. ހަމައެކަނި ރޫބީއަށްޓަކައި.. ރޫބީއަށްޓަކައި އަހަރެންގެ މިހިތުގައި އޮތް ސާފު ލޯތްބަށްޓަކައި.. " ޖެހިލުމެއްނެތި ސައިފް ބުނެލިއެވެ. ބުނާނެ އެއްޗެއް ރޫބިއަކަށް ނޭނގުނެވެ. ސައިފްގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީއެވެ.
" އަހަރެން ރޫބީއާ ކޮށްލަން ބޭނުންވަނީ އެންމެ ސުވާލެއް... ހީކުރަން އެސުވާލުޖެ ޖަވާބު ތެދުތަދަށް ރޫބީ ދޭނެކަމަށް..." ސައިފް ބުނެލިއެވެ. ރޫބީ ބޯޖަހައިލިއެވެ.
" ކޮން މަޖުބޫރީއެއްގައި ބަނދެވިގެން އާކިން އާ އިންނަން ޖެހުނީ؟" އާކިން އަހައިލިއެވެ.
" ނަޖޫ ކިޔައެއް ނުދޭތަ؟" ރޫބީވެސް ކޮށްލީ ސުވާލެކެވެ.
" ނޫން ކިޔައިދިން.. އެކަމަކު އެއީ އަސްލު ހަޤީގަތެއް ނޫންކަން އަހަރެންނަށް ޔަގީން.. އަހަރެންނަށް އެނގޭ އަދިވެސް ރޫބީ އަހަރެންދެކެ ލޯބިވާކަން.. ޙުދު ރޫބީ އަހަރެން ކައިރީގައި ލޯބިނުވެޔޭ ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން.. " ސައިފްގެ ވާހަކަތަކުން ރޫބީއަށް އިތުރަށް ރުއިން ނޫން ކަމެއް ނުވިއެވެ. ސައިފް އޭނާދެކެ ވާ ހަޤީޤީ ލޯބީގެ ބަދަލުގައި އެއްވެސް ކަމެއް ކޮށްދެވެން ނެތީތީ އެކަމާ އިންތިހާއަށް ހިތަށް އަސަރު ކުރަމުން ދިޔައެވެ. ރޫބީ ސައިފްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ރޫބީ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން ސައިފް އިނެވެ. ވެދިޔަ ކަންތަކުގައި ރޫބީގެވެސް އެއްވެސް ކުށެއް ނެތްކަން އެނގުނެވެ. އެހެންނަމަވެސް އެކަމުގައި ނަޖުވާގެވެސް ކުށެއް ނެތެވެ. ހުރިހާ ކަމެއްވެސް ވެގެން ދިޔައީ ތަޤުދީރުގައި އެކަން އެގޮތަށް ވާން އޮތީތީއެވެ.
" ސައިފް އަހަރެންނަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ ނަޖޫ އެކަމުން ސަލާމަތް ކޮށްދީ.. ނަޖޫ ރަނގަޅުވި ދުވަހަކުން އޭނާއަށް މިހުރިހާ ވާހަކައެއް ކިޔައިދީ.." ރޫބީ އެދުނެވެ.
" އަހަރެން މިވިސްނަނީ ނަޖޫ ގޮވައިގެން ކައިރި ރަށަކަށް ދާން.. މާހައުލު ބަދަލުވެލީމަ ނަޖޫވެސް ހަމައަކަށް އެޅިދާނެ... " ސައިފް އޭނާ ވިސްނާފައި އޮތް ގޮތް ހާމަކުރިއެވެ. ރޫބީ ބޯޖަހައިލިއެވެ. ދަބަސް ހުޅުވާލާފައި އޭގެތެރެއިން ދެހާސް ރުފިޔާ ނަގާފައި ސައިފްއަށް ދިއްކޮށްލިއެވެ.
" އަހަރެންނަށް އެނގޭ ސައިފްގެ އެއްވެސް ވަޒީފާއެއް ނެތްކަން... ހުރިހާ ހަރަދެއް އަހަރެން ބަލާނަން.. އިތުރަށް ފައިސާ ބޭނުންވަންޏާ އަހަރެންނަށް ގުޅާލާ.. އަހަރެން ޓްރާންސްފަރ ކޮށްދޭނަން.." ރޫބީ ބުންޏެވެ. ސައިފް އެފައިސާގައި ހިފީ އިތުރު ގޮތެއް ނެތިގެންނެވެ. ވަޒީފާއެއް ލިބެންދެންވެސް ރޫބީގެ ފައިސާގައި ހިފުން ނޫންގޮތެއް ނެތެވެ.
" ދިއުމުގެ ކުރިން އަހަރެން ބޭނުން އެންމެ ފަހަރަކު ނަމަވެސް ކުޑަ ސިކުންތުކޮޅަކަށް ވިޔަސް ނަޖޫ ދެކިލަން.. ޕްލީޒް ސައިފް.. އާދޭސްކޮށްފަ މިބުނަނީ.." ރޫބީ އެދުނެވެ. ސައިފް ބޯޖަހައިލިއެވެ.
" ހިނގާ އަހަރެންނާއެކު.. އަހަރެން ކޮޓަރިއަށް ވަންނާނީ ދޮރު އެއްކޮށް ނުލައްޕާ.. ހަނދާންކުރާތި ކިރިޔާވެސް ނަޖޫއަށް ޝައްކެއްވިޔަ ނުދޭތި.." ކޮޓަރިއާ ދިމާލަށް ދަމުން ސައިފް ބުންޏެވެ. ސައިފްގެ ފަހަތުން ދަމުން ރޫބީ ބޯޖަހައިލިއެވެ.
ރޭވިގޮތަށް ކޮޓަރީގެ ދޮރު ހުޅުވާލަފައި ސައިފް އެތެރެއަށް ވަނެވެ. ސައިފް ވަންތާ އިރުކޮޅެއް ފަހުން ރޫބީ ނުލެއްޕިހުރި ދޮރުގެ ދޭތެރެއިން އެތެރެ ބަލައިލިއެވެ. އެވަގުތުވީ ފެންވަރައިގެން ނަޖުވާ ކޮޓަރިން ނިކުތްވަގުތަށެވެ. ނަޖުވާ ފެނުމުން ރޫބިއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދެލޮލުން ފާޅުވެގެން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އެމަދު ސިކުންތުކޮޅުގެ ތެރޭގައި ސިކުނޑީގައި ރޯލްވަމުން ދިޔައީ އެކުގައި ހޭދަކުރެވުނު އުފާވެރި ދުވަސްތަކެވެ. ހިތްއެދުނީ އެއްފަހަރުވެސް ނަމަވެސް ލޯބިވާ އެކުވެރިޔާ ގައިގައި ބައްދައިލުމަށެވެ. ހިޔާލުތަކުގެ ފުންކަނޑުން ރޫބީއަށް ބޭރުވެވުނީ ސައިފް ދޮރުހުޅުވާލާފައި ނިކުތުމުންނެވެ. އެހިނދު ރޫބީ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ.
" އަހަރެން ދަނީދެން... ގެއަށް ގޮސް އަހަރެން ސައިފަށް މެސެޖްކޮށްލާނަން... އެކަމަކު ހަނދާން ކުރާތި.. ވަރަށް މުހިންމުވެގެން ނޫނީ އަހަރެންނަށް ނުގުޅާތި.." ރޫބީ އެދުނެވެ. ސައިފް ހިތިގޮތަށް ހިނިތުންވެލިއެވެ.
" ކަންބޮޑުނުވޭ.. އަހަރެންގެ ލިމިޓް އަހަރެން ދަންނަން... ތީ މީހެއްގެ އަނތްބެއްކަން އަހަރެން ހަނދާންނައްތައި ނުލާނަން.." ސައިފް އެހެންބުނި ވަގުތު އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔަ މަންޒަރު ރޫބީއަށް ފެނުނުނެވެ. އެމަންޒަރު ބަލަން ކެތްނުވާނެތީ އަވަސްއަވަހަށް އިސްޖަހައިލިއެވެ.
" ހިނގާ އަހަރެން ޓެކްސީއެއް ހުއްޓުވައި ދޭނަން..." ސައިފް ބުންޏެވެ.
" ނޫން އޯކޭ.. ވަރަށް ބޮޑަށް ޝުކުރިއްޔާ ސައިފް ތިކޮށްދޭ ހުރިހާ ކަމަކަށްވެސް.." އެހެންބުނުމަށްފަހު އެނބުރިދާން ރޫބީ ހިނގައިގަތެވެ.
******************
ކޮޓަރިއަން ވަންގޮތަށް އަމްރާ އެނދަށް އުއްޑުން ވެއްޓިގަތެވެ. އޭނާ ހަނދާންވަމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ޒިވަން އޭނާ ކައިރީގައި ދައްކި ވާހަތަކެވެ.
" އެމީ އާ ޑައިވޯސްވުމަށްފަހު އަހަރެން ވިސްނައިގެން ހުރީ ދެން އިތުރު ކައިވެންޏެއް ނުކުރަން.. އެކަމަކު އަހަރެންގެ ވިސްނުން ބަދަލުވީ އަހަރެންނާ އެއް އޮފީހެއްގައި މަސައްކަތްކުރި ކުއްޖެއް ކަމަށްވާ އީނާގެ ސަބަބުން.. އަހަރެންނާ އިންނަން ބޭނުންވާ ވާހަކަ އީނާ ބުނުމުން އަހަރެން އެންމެ ފުރަތަމަ އެކަމަށް އިންކާރު ކުރީ.. އެކަމަކު އީނާ ހިތްވަރު ދެރަނުކޮށް ދުވަސްކޮޅު ކޮޅުން އަހަރެން ކައިރީގައި އެކަމަށް އެދެމުން ދިޔަ.. އީނާ އަހަރެންދެކެ ލޯބިވާ ވަރު އިހުސާސްވެ އަހަރެން އޭނާ އާ ކައިވެނި ކުރަން އެއްބަސްވިން.. ކައިވެންޏަށް ދެމަސްވީތަނާ ބަލިވެއިން.. އެކަމަކު.. އެކަމަކު އީނާ ބޭނުންވީ ދަރި ވައްޓައިލަން.. އެހާ އަވަހަށް ކުއްޖަކު ހޯދާކަށް އޭނާ ބޭނުމެއްނުވި.. މައްސަލަ ޖެހެން ފެށީ އެހިސާބުން.. ދަރިފުޅު ވިހެއުމަށްފަހު އީނާ ބޭނުންވީ ވަރިވާން.. ދަރިއަކު ބަލާނެ ގާބިލުކަން ނެތްކަމަށް ބުނެ ދަރިފުޅާ ހަވާލެއްނުވި.. މިހާރު އީނާ ވީ ކޮންތާކުކަމެއްވެސް އަހަރެންނަކަށް ނޭނގޭ.. ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި ޒައިންގެ ހާލެއް ބަލައިލަން ގުޅަން ކީއްކުރަން.. މެސެޖެއްވެސް ކޮށްނުލާ... " ޒިވަން ކިޔައިދިން ވާހަކަ ކަނުލާ އަޑުއަހަން އަމްރާ އިނެވެ.
" އަސްލު ޒިވަން ވަރަށް ހިތްވަރުގަދަ.. މަންމައަކާ ނުލާ ދަރިއަކު ބެލުމަލީ ބައްޕައަކަށް ވަރަށް އުނދަގޫކަމެއް... އަހަރެން ޒިވަންގެ ތި ހިތްވަރަށް ސާބަސް ދެން..." އަމްރާ ބުންޏެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ހިމޭންކަމާއެކު ދެމީހުން ކަމުން ދިޔައިރު ދެމީހުންވެސް ތިބީ ވާހަކައެއް ދައްކަން ބޭނުންވެފައި ފަދައެވެ.
" އަސްލު އެމީ އާ ވަކިވާން ޖެހުނީ ކީއްވެގެން ކަމެއް އަހަރެންނަކަށް ނޭނގޭ.. އަހަރެމެންގެ މާބޮޑު މައްސަލައެއްވެސް ނުޖެހޭ.. ދެން ކީއްވެ؟" ކުއްލިއަކަށް ޒިވަން ކޮށްލި ސުވާލުން އަމްރާ ހުއްޓުން އެރިއެވެ. ޒިވަން އެބުނީ ތެދުވާހަކައެކެވެ. ޖެހުނީ ކޫސަނި މައްސަލަތެކެވެ. ވަކިވީ ދެމީހުންގެވެސް ކުށެއް އޮވެގެނެއް ނޫނެވެ. ނޫޅެވުނީއެވެ.
" އެމީ ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެންގެ ހިތުން އެހެން އެއްވެސް ކުއްޖަކަށް ޖާގައެއް ނުދެވޭ.. އަބަދުވެސް މިހިތުގައިވަނީ އެމީ... އެމީ އަށް ނޭނގުނަސް އަހަރެން އަބަދުވެސް އައީ އެމީގެ ހަބަރު ބަލަމުން.. އެމީ އަމިއްލަ ކްލިނިކެއް ހުޅުވިކަން އެނގުމުން ވަރަށް އުފާވި.. ބައްދަލުކުރަން ހިތްއެދެމުންދާތާ ކިތަންމެ ދުވަހެއް.. ނުކެރިފަ ހުރީ.. ކުރިން ދުވަހު މަގުމަތިން އެމީ ފެނުނީމަ އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ.. ދަރިފުޅު ދެއްކުމުގެ ބަހަނާގައި ދިޔައީ ހަމަ އެމީ އާ ވާހަކަ ދައްކާލާ ހިތުން... އައި އެމް ސްޓިލް އިން ލަވް ވިތް ޔޫ އެމީ... އައި ވޯންޓް ޔޫ ބެކް އިން މައި ލައިފް..." އަމްރާ މޫނަށް ބަލަހައްޓައިގެން އިނދެ ޒިވަން ބުންޏެވެ.
އަމްރާ އެނދުން ތެދުވެ އިށީނެވެ. ޒިވަންއަށް ދޭންވީ ކޮން ޖަވާބެއްކަމެއް ނޭނގުނެވެ. ޒިވަން އެކޭ އެއްފަދައިން އަދިވެސް އޭނާ ލޯބިވަނީ ޒިވަން ދެކެއެވެ. ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ ޒިވަން އާ ކައިވެނިކޮށްގެން އުޅެވިދާނެތޯއެވެ. ކުރިން ކަންތައްވީ ގޮތަކަށް ވެދާނެތީ ޖެހިލުންވަނީއެވެ.
*****************
ރޫބީ ކޮޓަރިއަށް ވަންއިރު އެނދުގައި ކަކުލުގައި ދެއަތް ވިދެލައިގެން އާކިން އިނެވެ. ރޫބީ ފެނުމުން އެއައީ ބޭރުންކަން އާކިން އަށް އެނގުނެވެ. އެހިނދު އޭނާގެ މޫނުމައްޗަށް ރުޅިވެރިކަމެއް ވެރިވިއެވެ.
" ކޮންތާކުން ތިއައީ..؟" އިންތަނުން ތެދުވަމުން އަމުރުވެރި ރާގަކަށް އާކިން ސުވާލުކޮށްލިއެވެ. ޑްރެސިންޣް ޓޭބަލް މަތީގައި ދަބަސް ބެހެއްޓުމަށްފަހު ރޫބީ އާކިންއަށް ބަލައިލީ ހައިރާންކަމާ އެކީގައެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އާކިން ކޮށްފައިނުވާ ސުވާލަކަށްވީމައެވެ. އާކިންގެ އުސުވާލަށް ޖަވާބުދިނުން ރޫބީއަށް މުހިންމެއް ނުވިއެވެ. ތުވާލި ހިފައިގެން ފާހާނައަށް ވަންނަން އުޅުނު ހިނދު އާކިން ރޫބީގެ މުލައްދަނޑީގައި ހިފިއެވެ.
" އަހަރެން މިއެހީ ކޮންތާކުންހޭ ތިއައީ؟" ދެވަނަ ފަހަރަށް އާކިން ސުވާލުކުރިއެވެ.
" އަހަރެން ކޮންމެ ތާކަށް ދިޔައިއްޔާ އާކިންއަށް ކޮންކަމެއްތަ؟ ވައި ޑޫ ޔޫ ކެއަރ.." ރޫބީ ބުނެލިއެވެ. ރޫބީގެ އެޖަވާބުން އާކިން ކައިރިއަށް އައިސްފައިވާ ރުޅި އިތުރު ކުރުވިއެވެ. ކުއްލި ހަރަކާތަކާއެކު ރޫބީ ފަހަތަށް ކޮއްޕައިލިއެވެ. އެހިނދު ރޫބީގޮސް ފާރުގައި ޖެހިފައި މަތަވިއެވެ. މަޑު އާހެއް ރޫބީގެ އަނގައިން ބޭރުވީ ވީތަދުންނެވެ. އާކިން ހުށިޔާރުވެ ހުރެ ރޫބީ އިތުރު ހަރަކާތެއް ކޮށްލުމުގެ ކުރިން ރޫބީގެ ދެފަރާތުން ފާރުގައި އަތްވިއްދައިލިއެވެ. އެހިނދު އާކިންގެ މޫނާއި ރޫބީގެ މޫނުގެ މެދުގައިވަނީ އިންޗިއެއްގެ ދުރުމިނެވެ.
" ކިހިނެއްވެގެންތަ ތިއުޅެނީ....." ދަތްކުޑިވިކައިލަމުން ރޫބީ ބުންޏެވެ.
" ކޮންތާކުންހޭ ތިއައީ؟" އާކިންގެ އަޑުބާރުވެގެން ދިޔަ ހިނދު ރޫބީއަށް ކަންފަތްމަތީގައި އަތްއަޅައިލެވުނެވެ.
" ނުބުނާނަން...." ރޫބީވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އެހނިދު އާކިން ރޫބީގެ ދެކޮލުގައި ހިފައި ފިއްތައިލިއެވެ. ވީތަދުން ރޫބީގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
" ތިމޭރުމުން އަހަރެންނާ ވާހަކަދައްކަން ކަލެއަކާ ނުޖެހޭނެ.. ވަރަށް ވެޔެއްނު އަނބިމީހާ ފިރިމީހާ ކުޅޭހިތް.. ފިރިމީހާއަށް ކިޔަމަންވަން ޖެހޭކަމެއް ނޭނގޭތަ؟ " އާކިން ބުނެލިއެވެ.
" ތަދުވޭ...." ރޫބީއަށް ބުނެވުނެވެ.
" ތީއަދި ތަދެއް ނޫނެއްނު.. ކަލެއަށް މިހާރު ތިވާ ތަދަށްވުރެ އެތައް ގުނައަކަށް އިތުރު ވޭނެއް ކަލޭ އަހަރެންނަށް ދިނީ..." އާކިން ބުންޏެވެ. ގައިގެ ހުރިހާ ބާރެއް ލާފައި ރޫބީ އާކިންގެ މޭގައި އަތްއަޅައި ދުރަށް ކޮއްޕައިލިއެވެ. އެހނިދު އަނެއްކާވެސް އާކިން ރޫބީއާ ދިމާލަށް އަންނަންފެށުމުން ރޫބީ ދުވެފައި ގޮސް ފާހާނައަށް ވަދެ ދޮރުލެއްޕިއެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ، 28 ޑިސެމްބަރ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް