ރަސްރަނި ބަގީޗާގެ ނަން އަނެއްކާވެސް ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވީ، ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރުން ނިންމެވީ މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ބޭފުޅުންގެ އިއްތިފާގުންނެވެ.
ޝަމާޢު އިތުރަށް ވިދާޅުވީ، ސަލްޓަން ޕާކުގެ ނަމަށް ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރަން ނިންމެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ލަފާގެ ދަށުން ކަމަށެވެ. ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރާ މައިގަނޑު ސަބަބަކީ، އެ ޕާކަކީ ރާއްޖޭގެ ތާރީޚީ މުހިންމު ތަނަކަށް ވާތީ ކަމަށެވެ. އަދި ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާކުގެ ނަމަށް ބަދަލުކޮށް ލޯންޗްކުރުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާކަމަށްވެސް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.
ސަލްޓަން ޕާކު އޮންނަ ސަރަހައްދު ތަރައްގީ ކުރުމަށް ފަހު ރަސްރަނި ބަގީޗާގެ ނަމަށް ބަދަލުކޮށްފައި، ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ރީތި ޕާކުގެ ގޮތުގައި މިޕާކު ހުޅުވައިދެއްވާފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައެވެ.
"ރަސްރަނި ބަގީޗާ" މިނަމަކީ ވަރަށް ދިވެހި ވަންތަ ނަމަކަށް ވެފައި އަދި ގައުމީ ބަހަށް އިސްކަން ދިނުމުގެ ގާނޫނަށްވެސް ފުށުނާރާނެ ހެން ކިޔާފައިވާ ނަމެކެވެ. ނަމަވެސް ސަލްޓަން ޕާކުގެ ނަމަށް ބަދަލުކުރާނަމަ ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނަށް ފުށުއަރާނެއެވެ. އަދި އެގާނޫނުގައިވާ ގޮތުގައި އެއީ ކުރުން މަނާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް