ވިމެން އޮންޓްރޮޕްނާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން (ވިއެމްސް) އިން އިންތިޒާމުކޮށްގެން ހިންގި ކަސަބު ލިބާސް ކޯސް ނިމުން ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހައުސިން މިނިސްޓަރު އާތިފާ ޝަކޫރެވެ. އެ ރަސްމިއްޔާތުގައި އެ ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ދިވެހި ބަހުގެ އެކެޑަމީގެ ނާއިބު ރައީސާ ރާފިޔާ ޢަބްދުލްޤާދިރު ވިދާޅުވީ ޕޯޗުގީޒުން ރާއްޖޭގައި އުޅުން ޒަމާާނުއްސުރެން ފެށިގެން ރާއްޖޭގައި ބޯވަޅު އެޅި ލިބާސް ލަމުން އައިކަން ތާރީޚު ހެކި ދެއެވެ. އެހެން ކަމުން މި ހެދުމަކީ ދިވެހިންގެ ދިރިއުޅުމުގައި ޚާއްސަ ދަރަޖައެއް ލިބިފައިވާ ފޭރާމެކެވެ. ދިެހިންގެ ސަގާފަތާއިި އާދަކަދަ ރައްކާތެރި ކުރުމަށް ވިއެމް ޖަމިއްޔާއިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ރާފިޔާ ވަނީ ޝެކުރު އަދާ ކޮށްފައެވެ.
" އަޅުގަނޑުމެންގެ ބަހަކީ ސައިންޓިފިކް ބަހެއް. އާބާދީ ކިތަންމެ ކުޑަޔަސް އަޅުގަނޑުމެންނަށް އަމިއްލަ ބަހަކާއި އާދަކާދައެއް ލިބިފައިވޭ. އަޅުގަނޑުމެންނަކީ އާދައިގެ ބައެއްނޫން. ހިތްވަރުގަދަ، ކުޅަދާނަ، ކެރޭ ބައެއް. ވީމާ އަޅުގަނޑުމެން އެކަތިގަނޑަކަށް ވެ ލިބިފައިވާ މި އަގުބޮޑު ރައުސްމާލު ދިރުވާ އަލާކުރުމަށް މަސައްކަތް އެބަ ކުރަންޖެހޭ. " ރާފިޔާ ވިދާޅުވިއެވެ.
ވިމެން އޮންޓްރޮޕްނާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވިއެމްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ކަސަބު ލިބާސް ކޯސް ޖުމުލަ 30 އަންހެނުން ފުރިހަމަކޮށްފައިވާއިރު، މި ކޯހުގައި ކިޔަވައިދީފައިވަނީ ގދ. އަތޮޅުގައި މި މަސައްކަތްކުރާ 2 އަންހެނުންކަމަށް އެޖަމިއްޔާއިން މައުލޫމާތުދެއެވެ.
ކަސަބު ލިބާސް ކޯހުގެ ބައިވެރިއެއްކަމަށްވާ ޝަބާނާ ވިދާޅުވީ މި ކޯހަކީ ވަރަށްވެސް ފުރިހަމަ އަދި އެހާމެ ބޭނުންތެރި ކޯހެއްކަމަށެވެ. އަދި އުއްމީދު ކުރަނީ ކުރިޔަށް އޮތް ތާނގައި ގިނަ ބަޔަކަށް މިކަން ދަސްކޮށްދީ މިކަން ދިރުވާ އަލާކުރުމެވެ. އަދި މަންްފާ ކުރަނިވި ކަމެއްގެ ގޮތުގައި މުޖުތަމައަށް މިކަން ނެރުން ކަމަށެވެ. ޝަބާނާ ވިދާޅުވީ ކަސަބުގެ މަސައްކަތަކީ އަޅުގަނޑުމެންގެ ސަގާފަތް ދިރުވާ އާލާ ކުރުމަށް ކުރެވިދާނޭ ވަރަސް މުހިންމު ކަމެކެވެ. ޚާއްސަކޮށް އަޅުގަނޑުމެންގެ ޒުވާން ޖީލުތަށް ވަރަށް ގަޔާވާނޭ ކަމެއް ކަމުގައެވެ.
ޝަބާނާގެ ވާހަކަ ނިންމާލަމުން ވަރށް ރީތި ޅެމެއް ކިޔާދެއްވިއެވެ. އެޅެމުގައި ކަސަބު ލިބާހާއި ބެހޭ ތަފާތު ވާހަކަތައް ދައްކާފައިވެއެވެ.
" ފަންނުތައް ދިވެހިންގެވީ އާލާ ކުރަން އަތުކުރިއޮޅާ،
ރަންޒަމާނުގެ ކާބަފައިން ދެއްކެވި ނަމޫނާ ތައްބަލާ،
ރަން ރިހީގެ ރޮދިން ވިޔާ ކަސަބުގެ ދުށިންތޯ ޗާލުކަން،
އަންތަރީސް ކުރުވާނެޔޭ ފެނިފާ މި ފަންނުގެ ހުނަރުތައް، "
ވިއެމްސްއަކީ މުޖުތަމަޢުގައި އަންހެނުންގެ ދައުރު އިތުރުކޮށް ބާރުވެރިކުރުމަށާއި، ދިވެހި ސަގާފަތާއި އާދަ ކާދަ ދިރުވާ އާލާ ކުރުމަށްޓަކައި 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.
އަންހެން ވިޔަފާރިވެރިންނަށް އަމާޒު ކޮށްގެން ހިލޭ ސާބަހަށް މަސައްކަތް ކުރާ މި ޖަމިއްޔާއަކީ، ދިވެހި ކަނބަލުންނަށް ވިޔަފާރީގެ ރޮގުން ކުރިއަރައި ދިޔުމަށް އެހީތެރިވާ ފަރާތެކެވެ. އެގޮތުން ވޭތުވެދިޔަ އަހަރު ތަކުގައި އެ ޖަމިއްޔާއިން ވަނީ ތަފާތު ނަން ނަމުގައި އެކި އެކި ޕްރޮގްރާމްތައް ހިންގާފައެވެ. މީގެ ތެރެއިން އެބޭފުޅުން ހިންގާފައިވާ "މަށަށްވެސް ވާނެ" އަދި "ސުވަނިޔަރ ސަފާރީ" ޕްރޮގްރާމަތައް ފާހަގަ ކޮށްލެވެއެވެ. 200 ށް ވުރެން ގިނަ އަންހެން ކަނބަލުން މިހާރުވެސް ވިއަމް ގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.
"މަށަށްވެސް ވާނެ" ޕްރޮގްރާމަކީ ގޭތެރޭގައި ކުރަން ހުންނަ ކަންކަން ނިންމާލުމަށް ފަހުގައި އިތުރު އާމްދަނީ އެއް ހޯދުމަށް ކޮންމެސް ކަހަލަ މަސައްތެއް ދަސްކޮސްދީ، ކަނބަލުންގެ ހުނަރުވެރިކަން ކުރިއެރުވުުމަށް ހިންގާފައިވާ ޕްރޮގްރާމެކެވެ. "ސުވަނިޔަރ ސަފާރީ" ޕްރޮގްރާމަކީ ކުދި ވިޔަފާރި ކުރާ ކަނބަލުންނަށް ރަގަޅު މާރކެޓެއް ހޯދައިދީ އެކަށޭނަ އަގެއްގައި އެކަނބަލުން ތައްޔާރު ކުރާ ތަކެތި ވިއްކުމަށްޓަކައި ހިންގާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެބޭފުޅުން ހަދާ ތަކެތީގައި ދިވެހި އުފެއްދުމެއްކަން އަންގައިދޭ އޮތެންޓިކް ލޯގޯ އެއްވެސް ވިއެމްސް އިން ދަނީ ހަރުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް