މި އަހަރުގެ މަސްވެރިންގެ ދުވަސް ގެމަނަފުށީގައި ބާއްވަން ނިންމައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ގއ. ގެމަނަފުށީގައި ބާއްވަން ސަރުކާރުން ނިންމައިފި އެވެ. މިގޮތަށް ނިންމާފައިވަނީ ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު އެ ރަށަށް ވަޑައިގެން އެ ރަށުގެ މަސްވެރީންނާއި ރަށުގެ ރައ...

01 Dec 2018 | 08:08

މި އަހަރުގެ މަސްވެރިންގެ ދުވަސް ގއ. ގެމަނަފުށީގައި ބާއްވަން ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައިވަނީ ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު އެ ރަށަށް ވަޑައިގެން އެ ރަށުގެ މަސްވެރީންނާއި ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުންތަކަކަށް ފަހުގައެވެ.

މިދިޔަ 2017 ވަނަ އަހަރުވެސް މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ގއ. ގެމަނަފުށީގައެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލްގެ ޑިރެކްޓަރު މުހައްމަދު ޝިޔާމް ވިދާޅުވީ އެގޮތަށް ނިންމީ މިނިސްޓަރު އެ ރަށަށް ވަޑައިގެން ކައުންސިލާއި މަސްވެރިންނާއި ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހުގައި ކަމަށެވެ.

"ވީ ގޮތަކީ މި އަހަރު މަސްވެރިންގެ ދުވަސް ބާއްވާނެ ރަށެއް ހަމަޖެއްސުމަށް ކުރީގެ ސަރުކާރުން އިއުލާނު ކޮށްފައެއް ނެތް، އެގޮތަށް ނުކުރީ ރިޔާސީ  އިންތިހާބު އޮންނާތީ ކަމަށް ބުނެ، ނަމަވެސް މި ސަރުކާރުން އެ ބޭނުންވޭ މަސްވެރިންގެ ދުވަސް ބާއްވަން، ނަމަވެސް އިއުލާނު ކޮށްގެން ކުރިއަށްގެންދާނެހާ ދުވަސް ދެން ނެތަތީ މިނިސްޓަރު އެދިލެއްވީ މި ރަށުގައި ބާއްވަން" ޝިޔާމް ވިދާޅުވިއެވެ.

އެހެން އަހަރު ތަކުގައި މި ދުވަސް ފާހަގަ ކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެކަމަށް ހުޅުވާލާފައެއް ނުވެއެވެ.

ޝިޔާމް ވިދާޅުވީ މިދިޔަ އަހަރު އެ ރަށުގައި މަސްވެރިންގެ ދުވަސް ބާއްވާފައިވާއިރު ބޮޑެތި ތައްޔާރީތަކެއް މިހާރުވެސް ހުރީ ވެފައި ކަމަށެވެ. އަދި އަންނަ ހަފްތާއިން ފެށިގެން އިތުރު ތައްޔާރީތައް ވާން ފަށާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހަކީ މި މަހުގެ 10 ވަނަ ދުވަހެވެ. ނަމަވެސް މި ދުވަސް މި އަހަރު ގެމަނަފުށީގައި ފާހަގަ ކުރަން ނިންމާފައިވަނީ ޑިސެމްބަރު 13 އަދި 14 ވަނަ ދުވަހުގައި ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް