މަރަށް މަރު ހިފުމަކީ ﷲގެ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާކަމެއް ކަމަށާއި އެކަމަށް އިންކާރުކޮށްފި މީހާ ކާފަރުވާނެ ކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސްގައި މީހަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މަރަށް މަރު ހިފައިގެން ނުވާނެކަމަށް ބުނުމަކީ ކޮންކަހަލަ ކަމެއްތޯ ސުވާލު ކޮށްފައިވެއެވެ. އަދި ޖުޑީޝަރީ އިސްލާހު ނުކޮށް މިހާރު މިއޮތް ގޮތަށް މަރަށް މަރު ހިފުމުން ދިމާވެދާނެ ކަންތައްތަކަކީ ކޮބައިތޯ. އެކަމަކީ އިސްލާހު ކުރުމަށްފަހު ކުރުމަށް ފަސްކުރެވޭނެ ކަމެއްތޯވެސް ސުވާލުކޮށްފައިވެއެވެ.
"މަރަށް މަރު ހިފުމަކީ ﷲގެ ޝަރީއަތުގައި ކަނޑައަޅުއްވާފައިވާކަމެއް. އެކަމަށް އިންކާރުކޮށްފި މީހާ ކާފަރުވާނެ." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް ވިދާޅުވެފައިވަނީ މަރުގެ އަދަބު ދެވޭނީ ޝައްކެއް ނެތް މިންވަރަށް އެކަން ސާބިތުވެގެން ކަމަށާއި އެކަން ކުރެވޭނީ އިންސާފަށް ހުކުމް ކުރާ އިޚްލާސްތެރި ފަނޑިޔާރުން ތިބެގެން ކަމަށެވެ.
"ވީމާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންޖެހޭ ކަމަކީ ޖުޑީޝަރީއަށް އިޚްލާސްތެރި ބަޔަކު ލުން. އެއް މުއައްސަސާ ޚަރާބުކޮށް ނިންމާފައި އަނެއް މުއައްސަސާއެއް ޚަރާބު ނުކުރަނީ އެފަދަ މީހުން ދުރަށް ލައިގެން." ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި މަރަށް މަރު ނުހިފާނެ ކަމަށް ދާދި ފަހުން ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް އާއްމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް މީސްމީޑިއާގައްޔާއި ނޫސްތަކުގައި ހިއްސާކުރަން ފެށުމުން ފޮރިން މިނިސްޓްރީން ވަނީ އެކަން ހާމަކޮށް ކުރި ޓްވީޓް ޑިލީޓް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް