ފަސް ރަށެއްގެ ފިހާރަތަކުގައި ކާޑުގެ ބާވަތް ހުސްވެފައިވާކަމުގެ ރިޕޯޓް ކޮށްފައިވާކަމަށާއި އަދި ބައެއް ރަށްރަށުގައި ގޭގެއިން ގޭސް ހުސްވުމުގެ ރިޕޯޓްވެސް ކޮށްފައިވާކަމުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ހާމަކޮށްފި އެވެ.
ތޫފާން އޯޗީއާއި ގުޅިގެން އެންޑީއެމްސީން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލު ހިއްސާ ކުރައްވަމުން އެންޑީއެމްސީގެ އޮފިޝަލަކު ދުވަހަށް ވިދާޅުވީ ކާޑުގެ ބާވަތްތައް ހުސްވެފައިވަނީ އުތުރުގެ ބައެއް ކުދި ރަށްރަށުގެ ފިހާރަތަކުން ކަމަށާއި ހަމަ އެފަދައިން ބައެއް ގޭގޭގެ ގޭސްފުޅި ހުސްވެފައިވާއިރު ރަށުން ގޭސް ނުލިބޭތީ ބައެއް ރަށްރަށުން ރިޕޯޓް ކޮށްފައިވާކަމުގައިވެސް އެންޑީއެމްސީގެ އޮފިޝަލް ވިދާޅުވި އެވެ.
"ބައެއް ރަށްރަށުން އެބަ ބުނޭ ރަށަށް މުދާގެންނަ ބޯޓު މާލެއިން ނުފުރިގެން އުޅޭތީ އެތަކެތި ލިބުން ދަތިވާވާހަކަ" އެންޑީއެމްސީގެ އޮފިޝަލް ވިދާޅުވި އެވެ.
މި ހާލަތުގައި އެ ރަށްރަށަށް އެތަކެތި ފޯރުކޮށްދިނުމަށް އިންތިޒާމެއް ހަމަޖެއްސިފައިވޭތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެސްޓީއޯއާއި ގުޅިގެން އެކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ސަރަހައްދުތަކުގެ އެސްޓީއޯ ގުދަންތަކުގައި އެތަކެތި އެބަ ހުރި ކަމަށެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި ދަތުރު ކުރުން އެއްގޮތަކަށްވެސް ރައްކާތެރި ނޫންކަމުގައި އަންގާފައިވާތީ ފޯރުކޮށްދިނުމުގެ ދަތިކަން ހުރިކަން އެންޑީއެމްސީގެ އޮފިޝަލް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދަތުރުފަތުރު ކުރެވިދާނެ ކަމަށް މެޓް އޮފީހުން ލަފާކުރާ ކަމުގެ މައުލޫމާތު މެޓް އޮފީހުން ދީފައިވާކަމުގައިވެސް އެންޑީއެމްސީގެ އޮފިޝަލް ވިދާޅުވި އެވެ.
މި ތޫފާނުގައި ރަށްރަށަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް ދެއްވަމުން އޮފިޝަލް ވިދާޅުވީ މިހާރު މިހާތަނަށް ކައުންސިލްތަކާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުން ލިބުނު މައުލޫމާތަށް ބަލާއިރު 37 ރަށަކުން އެކިވަރުގެ ގެއްލުން ލިބިގެން ރިޕޯޓް ކޮށްފައިވާކަމަށެވެ.
"ފެން ބޮޑުވެގެން 31 ރަށެއް، ދިރިއުޅޭ ގޭގެއަށް އެކިވަރުގެ ގެއްލުން ލިބިގެން ތިން ރަށަކުން ތިން ގެއެއް، އަދި ވައިގަދަވެ އޮޑި ހަރުގެ ހަލާކުވުންފަދަ ކަންކަންވެސް ރިޕޯޓް ކޮށްފައި އެބަހުރި" މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ހިންނަވަރާއި ނ އަތޮޅުގެ ރަށަކުން ދެ ގެއަކުން މީހުން ބަދަލުކޮށްފައިވާކަމަށާއި ނަމަވެސް މިހާރު އާންމު ހާލަތަށް ރުޖޫއަ ވެފައިވާކަމަށެވެ.
މީގެ އިތުރުން އެންޑީއެމްސީ އާއި މެޓް އޮފީސް އަދި ކޯސްޓްގާޑުން ދެމުން އަންނަ މައޫމާތުތަކަށް ބުރަވެ ދުރާލާ ރައްޔިތުން ތައްޔާރުވެފައިވާކަން ފާހަގަ ކުރެވުނު ކަމަށާއި އެހެންކަމުން ލިބުނު ގެއްލުން ކުޑަ ކަން ފާހަގަ ކުރެވުނު ކަމުގައިވެސް އެންޑީއެމްސީގެ އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް