ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ތޫފާނުގެ ސްޓޭޖް ބަދަލުވެ އިތުރަށް ނުރައްކާވެދާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ތޫފާން އަންނަނީ މަޑު މަޑުން ބާރު ގަދަވަމުން ކަމަށާއި މި ތޫފާނަކީ މިހާރު ސައިކްލޯނިކް ސްޓޯމަކަށް ވެފައިވާއިރު ތޫފާނުގެ ސްޓޭޖް ސިވިއަރ ސައިކްލޯނިކް ސްޓޭޖަކަށް ބަދަލުވާނެކަމަށް ލަފާ ކުރެވިފައިވާކަމަށެވެ. އަދި މި ތޫފާނުގެ ކަންކަން މޮނިޓަރ ކުރަމުން އަންނައިރު ފަތިހު ފަހެއް ޖަހާކަންހާއިރު އެ ބަދަލު އައުން އެކަށީގެންވާކަމުގައި މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން މިހެން ބުނެފައިވާއިރު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރަނީ އުތުރުގެ އަތޮޅު ތަކަށެވެ. އެހެންކަމުން އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓުވެސް ވަނީ ނެރެފަ އެވެ.
ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ ހއ އަތޮޅާއި ވ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. ވައިގެ ބާރުމިން އާންމުގޮތެއްގައި ހުންނާނީ ގަޑިއަކު 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެ ކަމުގައިވެސް ލަފާ ކޮށްފައި ވެ އެވެ.
ތޫފާން އޯޗީގެ އަސަރު ރާއްޖެއަށް ކުރަމުން އަންނައިރު ކަނޑުދަތުރުކުރުމުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ސަލާމަތީ ބާރުތަކުން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް