ނިމިގެންދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި އެއްވުމާ ގުޅިގެން ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާޙައުލެއް ޤާއިމް ކުރުމަށް ފުލުހުން މާލެ އާއި އަތޮޅުތަކުގައި ހިންގި އޮޕަރޭޝަނަށް ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެއްބާރު ލުމަށް ދިވެހި ފުލުހުން ޝުކުރު އަދާކޮށްފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިޔަށް ދިޔައިރު މާލޭގެ ބައެއް ސަރަޙައްދުތައް ބައެއް ވަގުތުތަކުގައި އެއްގަމު އުޅަނދަށް ނުވަދެވޭ ގޮތަށް ބަންދުކުރަން ޖެހުނުނަމަވެސް ރައްޔިތުންގެ ކިބައިން ފެނިގެންދިޔައީ ކެތްތެރިކަމާ މަޑުމައިތިރިކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށާއި ރައްޔިތުން ދައްކުވައި ދެއްވީ ރަށުތެރޭގައި އަމާންކަން ޤާއިމްކުރުމަށާ ޢާއްމު ރައްޔިތުންގެ ރައްކާތެރިކަމަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރު ލެއްވުމާ އެހީތެރިކަން އަބަދުވެސް ދެއްވާނެ ކަމުގެ ޔަޤީންކަން ކަމަށެވެ.
"މި އޮޕަރޭޝަންގައި ފުލުހުން މަސައްކަތް ކުރަމުންދިޔައީ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ފަތުރުވެރިންނާ ޒިޔާރަތްކުރާ މީހުންނަށްވެސް ރައްކާތެރިކަން ކަށަވަރުކޮށްދީ، އެ މީސްމީހުންގެ ޙައްޤުތައް ދަމަހައްޓައި، ރަށުތެރޭގެ ވެށި އަމާންކޮށް ބާއްވައި، ރައްޔިތުންގެ މެދުގައި ޞުލްޙަވެރިކަން ޤާއިމްކޮށްދިނުމަކީ ޤާނޫނީ ގޮތުން ފުލުހުންނަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށްވުމާއެކު އެމަސައްކަތް އެގޮތުގައި ދެމެހެއްޓުމަށް" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާ އެއްބާރު ލެއްވުމާއެކު ކަމަށްވާތީ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށާއި އަދި ދިވެހި ފުލުހުންގެ އަބަދުވެސް ދެމި ތިބޭނީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަދި ރާއްޖޭގައި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ޤާނޫނީ އިމުގެ ތެރެއިން ކުރުމަށް ފަސްނުޖެހޭނެ ބައެއްގެ ގޮތުގައިކަމުގެ ޔަޤީންކަންވެސް ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް