ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ އަހަރީ ފީ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއަކީ އަކީ ދައުލަތަށް ނުލިބޭނެ އެއްޗެއް ކަމަށް ކަނޑައަޅައި ފިނޭންސް މިނިސްޓްރީގެ ހުއްދައާއިއެކު އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓުން ފަށައިފި އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިޝާމް ވިދާޅުވީ އަހަރީ ފީ ނުދައްކައިގެން ނުވަތަ އެ ފީގެ ރިޕޯޓް ހުށަނޭޅުމުން އަރާ ޖޫރިމަނާއަކީ ދައުލަތަށް ނުލިބޭ އެއްޗެއް ކަމަށް ކަނޑައަޅައި އެފަދަ ކުންފުނިތައް އުވާލުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށެވެ.
ވިޝާމް ވިދާޅުވީ އެގޮތުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 800 ވަރަކަށް ކުންފުނި އުވާލާނެ ކަމަށެވެ. އަދި މިއަހަރު ޖެނުއަރީ އެކަކުން 30 ނޮވެމްބަރާ ދެމެދު ގާތްގަޑަކަށް 31 ފޮރިން އިންވެސްޓްމެންޓް އެޕްރޫވްކޮށްފައިވާ ކަމަށާއި އެ އިންވެސްޓްމަންޓް ތަކުން ޖުމްލަ 1.3 ބިލިއަން ޑޮލަރުގެ އިންވެސްޓް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކުރާނެކަމަށް ބުނެފައިވާ ކަމަށްވެސް ވިޝާމް ވިދާޅުވި އެވެ.
ވިޝާމް އިތުރަށް ވިދާޅުވީ އެ އިންވެސްޓްމަންޓްތަކުން ގާތްގަނޑަކަށް 800 ވަޒީފާ އުފެދޭނެ ކަމަށް އެ ފަރާތްތަކުން މައުލޫމާތުދޭ ކަމަށާއި އެ އިންވެސްޓްމަންޓްތަކުން ގާތްގަނޑަކަށް 80 ޕަސެންޓަކީ ޓުއަރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް