ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެ އަތަކެތީގެ ވިޔަފާރިކުރާކަމަށް ޝައްކުކުރެވިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 39 އަހަރުގެ ފިރިހެއް ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުނެއެވެ.
ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެ އެ ބަލައިފާސްކުރިއިރު އެގޭ ބަދިގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒްގެ ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައި ވާކަމަށާއި މީގެއިތުރުން އެގެއިން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ހުސް ރަބަރު ޕެކެޓްތަކެއްވެސް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް