އިންޑިއާގެ ކެރެލާ ސްޓޭޓުގައި ހަލުވި ކަމާއި އެކު ދޫނިރޯގާ ފެތުރެމުންދާތީ އެ ސްޓޭޓުން ދޫނި އެތެރެނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީންނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދޫނި ރޯގާގެ ވައްތަރެއް ކަމަށްވާ އެޗްފައިވް އެންވަން ޖެހިފައިވާ ގިނަ އަދަދެއްގެ ދޫނި ފެނިފައިވާތީ ދިރޭ ދޫންޏާއި ކާނާގެބާވަތްތައް އެތެރެ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އޭގެ ތެރޭގައި ދޫނި ބިހާއި ބިހުން އުފައްދާފައިވާ ކާނާއެތެރެ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެގްރިކަލްޗާ މިނިސްޓްރީއާއި ހެލްތް މިނިސްޓްރީ ގުޅީގެން ނެރެފައިވާ އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދޫނި ރޯގާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ދޫނިމަހާއި ބިހާއި މަހުގެ ބާވަތްތައް ރަނގަޅަށް ކައްކައިގެން ބޭނުން ކުރުމަށް އެދޭ ކަމަށެވެ. އަދި ބިސް ފަދަ އެއްޗެހި ބަންދުކޮށްފައި ހުންނަ ފޮށި ގަނޑުގައި ޖަރާސީމު ހުރެދާނެ ކަމަށް ފޮށިގަނޑުގައި އަތް ލުމަށް ފަހު ރަނގަޅަށް އަތް ދޮވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ކެރެލާގައި ހަލުވިކަމާއި އކު ފެތުރެމުންދާ ދޫނި ރޯގާގެ ސަބަބުން މިހާތަނަށް 15000 ށް ވުރެ ގިނަ އަސްދޫނި މަރުވެފައިވާއިރު އެ ސްޓޭޓްގެ ސަރުކާރުން ދަނީ ދެ ލައްކައަށް ވުރެ ގިނަ ދޫނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.
ދޫނިރޯގާއަކީ ދޫނި ސޫފާ ސޫއްޕަށާއި އެކި ބާވަތްތަކުގެ ޖަނަވާރުތަކަށް ވަރަށް ހަލުވިކަމާއި އެކު ފެތުރޭ ނުރައްކާތެރި ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހޭ ޖަނަވާރުތަކުގެ ތެރޭގައި އަސްދޫނި، ކުކުޅު، ސީނު ކުކުޅު، އޫރު، އަސް އަދި އިންސާނުންވެސް ހިމެނެއެވެ.
މިބަލި ފެތުރެނީ ބަލިޖެހިފައިވާ ޖަނަވާރުގެ މަސް ކައުމުގެ ސަބަބުން ނުވަތަ އޭގެ ބޮޑުކަމުދާ ތަކެއްޗާއި އަދި ކުޑަކުމުދާ ތަކެތީގެ ޒަރިއްޔާއިން މިވައިރެސް އެޖަނަވާރުތަކުގެ ތެރޭގައި ފެތުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް