އިރާންގެ ފޮރިން މިނިސްޓަރު
އެމެރިކާގެ އޮފިޝަލުންނާ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމުގެ އެއްވެސް ރޭވުމެއް ނެތް ކަމަށް އީރާނުގެ ޚާރިޖީ މިނިސްޓަރު ޢައްބާސް އަރާޣްޗީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީ އައިއާރުއެންއޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އީރާނުގެ ސީނިއާ ސެކިއުރިޓީ އޮފިޝަލް މުޙުސިން ރެޒާއީއަށް ފޮނުވި މެސެޖެއް ރަނގަޅަށް ދިރާސާކޮށްފައިވާ ކަމަށެވެ. އެ ދިރާސާތަކުން އެނގުނު ގޮތުގައި އިރާމާއި އެމެރިކާއާ އެކު ވާހަކަތައް ކުރިއަށްދާ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ.
ދެ ގައުމުެގ ދެމެދުގައި މަޝްވަރާ ފެށިފައިވާ ކަމުގެ އަޑު ފެތުރުނީ ދަ ވޯލް ސްޓްރީޓް ޖާނަލް އިން، އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ޞުލްޙައިގެ މަޝްވަރާތައް އަލުން ފެށުމުގެ ބޭނުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް އަންގައިގެން ވޭންސް ރެޒާއީއަށް މެސެޖެއް ފޮނުވާފައިވާ ކަމަށް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. ނަމަވެސް ޓްރަމްޕް ވަނީ އެ ރިޕޯޓް ދޮގުކޮށް، ވޭންސް ކުރި ކަމަކީ އީރާނަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި އެހީތެރިވުން ކަމަށް ބުނެފައެވެ.
ޤަޠަރާއި ޕާކިސްތާނުގެ މެދުވެރިކަމުގައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަޝްވަރާތައް އަލުން ފެށުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދޯހާގައި ކުރިއަށްދިޔަ ނުސީދާ ވާހަކަތަކުން ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ އަދި ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާ ގުޅޭ ގޮތުން އެއްބަސްވުންތަކަކަށް ވާސިލުވުމެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްތިއުމާރީ އިޒްރޭލުން އީރާނަށް ހަމަލާ ދޭން ފެށުމުން، ތެހެރާނުން ވަނީ އިޒްރޭލާއި ސަރަޙައްދުގައި ހުރި އެމެރިކާގެ ތަންތަނަށް ރައްދު ހަމަލާ ދީފައެވެ. އެޕްރީލް މަހު ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއް ހެދުނެވެ.
ޖޫން 18 ގައި ވޮޝިންޓަނާއި ތެހެރާނުން ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެއްގައި ސޮއިކުރި ނަމަވެސް، އެ ކަނޑުއޮޅީގެ ސަލާމަތާ ބެހޭ ޚިޔާލު ތަފާތުވުންތަކާ ހުރެ އެ އެއްބަސްވުން ތަންފީޒުކުރުން ވަނީ ހުއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް