އާސަންދަ ހިދުމަތްދޭ މަރުކަޒެއް -- ފޮޓޯ: އާސަންދަ އޮފީސް
އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ މަތިން ލިބޭ ފަރާތްތަކުން އާސަންދަ ހިދުމަތް ހޯދާ ނަމަ 15 ޕަސެންޓުގެ ކޯ-ޕޭމެންޓެއް ނެގުމަށް ހެލްތް މިނިސްޓްރީން ނިންމައިފި އެވެ.
ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ 15 ޕަސެންޓު ނަގާނީ އާސަންދަ ހިދުމަތްދޭ އަމިއްލަ ތަންތަނުން އެ ހިދުމަތް ހޯދާނަމަ ކަމަށެވެ. މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މި ނިންމެވުމާ ގުޅޭ މި އުސޫލު މިހާރު ވަނީ ގެޒެޓުކޮށްފައި އެވެ. ހެލްތް މިނިސްޓްރީން ބުނީ މި އުސޫލަށް އަމަލު ކުރަން ފެށިނަމަވެސް ސަރުކާރުގެ ޞިއްޙީ ފެސިލިޓީތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މި ފީއެއް ނުނަގާނެ ކަމަށާއި ސަރުކާރު ތަންތަން މެދުވެރިކޮށް ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވާ ހާލަތްތަކުގައިވެސް މި ފީ ނެގުމަކާއި ނުލައި ފުރިހަމަ ކަވަރޭޖް ލިބޭނެ ކަމަށެވެ.
އަމިއްލަ ތަންތަނުން އާސަންދަ ހޯދާ ބޮޑު އާމްދަނީ ލިބޭ މީހުންގެ ތެރެއިން 15 ފީއެއް ނުނަގާނެ ބައެއްވެސް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޤައުމަށް މުހިންމު ފަންނީ ދާއިރާތަކުގައި މީހުންގެ ގޮތުގައި ހިމެނޭ ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުންނާއި، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންނާއި، އިންޖިނިއަރުންނާއި ސައިންސް ބޭސްޑް ދާއިރާތަކުގެ ފަންނީ މުވައްޒަފުންނެވެ.
މި ބަދަލު ގެންނަވާނެކަން އިއުލާނު ކުރެއްވި ދުވަހު ރައީސް ވިދާޅުވެފައިވަނީ މި އިޞްލާޙީ ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. އެ ފައިސާ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި އިޖުތިމާޢީ ތަރައްޤީއަށް ހޭދަކުރެވޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް