ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މާފިލާފުށީގައި - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ
ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ޅ. މާފިލާފުށީގައި ހުންނަ ދިވެހި ޤައުމީ ދިފާޢީ ބާރުގެ
ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ
ވަނީ، ދިވެހި ވަޠަނީ ޚިދުމަތް އިފްތިތާޙުކުރެއްވުމުގެ ގޮތުން ދިވެހި ވަޠަނީ ޚިދުމަތުގެ
ދިދަ ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ
ވަނީ، ފުރިހަމަ ތަރައްޤީ ޙާޞިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެންކަމުގައި
ވިދާޅުވެފައެވެ. އަދި ޤައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި
ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި ޢުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށް
އެމަނިކުފާނު ވިދާޅުވިއެވެ.
ތަމްރީނުގެ ބައިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވީ،
މި ތަމްރީނަކީ، އެ ބައިވެރިންގެ މުސްތަޤުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް
ލިބުނު ފުރުޞަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށެވެ. އަދި ތަމްރީނު ނިމޭއިރު
އުފެދިގެންދާނީ، އުޅުންހުރި، ޤައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް
ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ،
ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން
ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު މި ފެށި، ނޭޝަނަލް ސަރވިސް އިނީޝިއަލް
ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތު،
ޒިންމާދާރު ރައްޔިތުކަން، ދިނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ،
ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. އަދި ފަސްޓް
އެއިޑް، ފަޔަރ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން
ސާޖިދާ މުޙައްމަދާއި، ދައުލަތުގެ ޢިއްޒަތްތެރިންނާއި، ވަޒީރުންނާއި، ސަރުކާރާއި ޤައުމީ
ދިފާޢީ ބާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް