ސަލާމަތީ މަޖިލިސް ރިފޯމްކުރުމާ ބެހޭ ގޮތުން ޖީ-4 ގެ މަޝްވަރާތަކެއް

އދގެ ސަލާމަތީ މަޖިލީހުގެ ދައުރު ފުޅާކޮށް، އެ މަޖިލީހަށް އިސްލާޙުތަކެއް ގެންނަން ޖެހޭކަމަށް ޖީ-4 ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އަނެއްކާވެސް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދގެ އ...

01 Oct 2025 | 14:49
ޖީ-4 ގެ ޚާރިޖީ ވަޒީރުން -

ޖީ-4 ގެ ޚާރިޖީ ވަޒީރުން -

އދގެ ސަލާމަތީ މަޖިލީހުގެ ދައުރު ފުޅާކޮށް، އެ މަޖިލީހަށް

އިސްލާޙުތަކެއް ގެންނަން ޖެހޭކަމަށް ޖީ-4 ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން އަނެއްކާވެސް

ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދގެ އާއްމު މަޖިލީހުގެ

ހަވާސާގައި ޖީ-4ގެ ގައުމުގެތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބައްދަލުކުރައްވާފައެވެ. މި

4 ޤައުމަކީ އިންޑިއާ، ބްރެޒިލް، ޖަޕާން އަދި ޖަރުމަންވިލާތެވެ. މި 4 ޤައުމަކީވެސް އދގެ

ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަމަށް ވަކާލާތުކުރާ، އަދި އެއް ޤައުމު އަނެއް

ޤައުމުގެ ދާއިމީ މެމްބަރުކަމަށް ތާއީދުކުރާ ގައުމުތަކެވެ.

އދގެ ސަލާމަތީ މަޖިލީހަކީ 15 މެމްބަރު ޤައުމުގެ މައްޗަށް

އެކުލެވޭ، އދގެ އެންމެ ބާރުގަދަ އެއް ގުނަވަނެވެ. އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ،

ރަޝިޔާ އަދި ފަރަންސޭސީވިލާތަކީ މި މަޖިލީހުގެ ދާއިމީ މެމްބަރުކަން ލިބިފައިވާ 5 ޤައުމެވެ.

އަދި މި ޤައުމުތަކަށް ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިގެންވެއެވެ. އަނެއް

10 ޤައުމަކީ ދައުރުވާ މެމްބަރޝިޕެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ކާމިޔާބު ހޯދި

ޤައުމުތަކުން ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ނެގިނަމަވެސް، މިއަދު ދުނިޔޭގެ

ހާލަތު ބަދަލުވެފައިވާތީއާއެކު، އެ މަޖިލީހުގެ މެމްބަރުން ކަނޑައެޅުމުގައި ބަދަލުތަކެއް

އަންނަން ޖެހޭކަމަށް ގިނަ ގައުމުތަކަކުން ގަބޫލުކުރެއެވެ.

ޖީ-4 ގެ ޤައުމުތަކުން ދާއިމީ މެމްބަރުކަމަށް ވަކާލާތުކުރަމުންދާއިރު،

އެފްރިކާ ބައްރުން ދަނީ އެފްރިކާ ބައްރަށް ކަނޑައެޅިފައިވާ ގޮނޑިއެއް އެކައުންސިލްގައި

ހުންނަން ޖެހޭކަމަށް ބުނެ ވަކާލާތުކުރަމުންނެވެ. އަދި އެފްރިކާއަށް ޚާއްސަ ގޮނޑިއަށް

އެފްރިކާ ބައްރުގެ ޤައުމުތަކުން ކަނޑައަޅާ ޤައުމެއް ކޮންމެ ދައުރަކަށްވެސް ކަނޑައެޅުމަކީ

އެފްރިކާ އިއްތިޙާދުގެ ޕްލޭނެވެ.

ޖީ-4 ގެ ޤައުމުތަކުން ވަނީ އެފްރިކާ އިއްތިޙާދުގެ މި

ހުށަހެޅުންވެސް ސަލާމަތީ މަޖިލީހުގެ ރިފޯމްގެތެރެއަށް ގެންނަން ޖެހޭކަމަށް ބުނެ ވަކާލާތުކޮށްފައެވެ.

ހަމައެއާއެކު، ދާއިމީ މެމްބަރުންނާއި، ދައުރުވާ މެމްބަރުންގެ އަދަދުވެސް ގިނަކޮށް،

ވީހާވެސް ގިނަ ބަޔަކަށް ސަލާމަތީ މަޖިލީހުގައި ބައިވެރިވެވެން ޖެހޭކަމަށް ޖީ-4 ގެ މެމްބަރު

ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވިދާޅުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް