ދިވެހި ދެ ފުލުހަކު މަގުމަތީގައި - ފައިލް ފޮޓޯ: ދުވަސް
ތިނެއް އޮކްޓޯބަރުގައި ބާއްވާ ހަރަކާތުގައި
ކުށްކުރާ ގްރޫޕްތައް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދިނުމަށް
ރާވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އެ ފުރުޞަތު ނުދޭނެ ކަމުގައި
ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ އެމްޑީޕީއިން ތިނެއް
އޮކްޓޯބަރު ވާ ހުކުރު ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ ހަރަކާތާއި
ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ ގާނޫނާ
އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް
ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ
މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ
އިންތިޒާމުތައް ހަމަޖެއްސުމަކީ މި ޚިދުމަތުން ވަރަށް ބޮޑު އިސްކަމެއް ދީގެން
ކުރަމުންގެންދާ ކަމެއް ކަމަށެވެ.
"ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން
ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، އިސްވެ ދެންނެވުނު ހިނގާލުން ކުރިއަށް
ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ
މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު
ވަނީ ލިބިފައި، މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު
ގެލިދާނެ ކަންކަން ކަމުގައި މި ޚިދުމަތުން ދެކެމު" ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން، ސުލްހަވެރި ހަރަކާތެއްގެ ނަމުގައި
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު
އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް
ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް މި ޚިދުމަތުން
ގޮވާލާކަމަށާއި އަދި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން މި ޚިދުމަތުން
ފުރުސަތު ނުދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހަރަކާތް ކުރިއަށްދާއިރު، އާންމު ރައްޔިތުންގެ
ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން
ދިނުމާއެކު، އެންމެހާ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ކޮށް މުޖުތަމައުގެ
އާންމު މަސްލަހަތަށް އުނިކަމެއް ނާންނާނެ ގޮތަށް ހަރަކާތް ކުރިއަށް ގެންދިއުމަށްވެސް
ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް