ކޮބާ ކޮފީއެއް ނެތް ؟
އެއްގޮތަކުން ބަލާނަމަ މިއަދަކީ އޮކްޓޯބަރު މަހުގެ
އެއްވަނަ ދުވަހެވެ. އަނެއް ގޮތަކުން ބަލާނަމަ މިއަދަކީ ބައިނަލްއަގުވާމީ ކޮފީ
ދުވަހެވެ.
2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް
އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަމުންދަނީ ބައިނަލްއަގުވާމީ ކޮފީ ދުވަހުގެ
ގޮތުގައެވެ.
ކޮފީގެ ތާރީހަށް ކުރުކޮށް ބަލައިލާއިރު ގިނަ މަސްދަރުތަކުން
ބުރަވަނީ ކޮފީގެ ފެށުމާއި ގުޅިފައިވަނީ އެފްރިކާ ބައްރުގެ ޤައުމެއް ކަމުގައިވާ އިތިއޮޕިއާއާއި
ކަމަށެވެ.
މީގެ 600އެއްހާ އަހަރު ކުރިން ކޮފީ ދެނެގަނެވުނު
ގޮތް ކަމަށް ބުނަނީ އިތިއޮޕިއާގައި ބަކަރިތަކެއް ޒާތެއްގެ އޮށެއް ކައިގެން މާ
ޒާތަކަށް އުޅޭތީ "ކަލްދީ" ނަމަކަށް ކިޔާ އެ ބަކަރިތަކުގެ ވެރިޔާ،
ބަކަރިތައް ކޭ އޮށްތަކުގެ އަސްލު ދެނެގަތުމުގެ މަސައްކަތް ފެށިކަމަށް ބުނާ ހިސާބުންނެވެ.
އެއަށްފަހު އިތިއޮޕިއާއިން ޔަމަނަށް ޔަމަނުން މިސްރަށް
މިސްރުން ތުރުކީއަށް ތުރުކީއިން ސައޫދީ އަރަބިއްޔާއަށް އަދި ސައުދީއިން އިންޑިއާއަށް
ކޮފީގެ ދަތުރު ފެތުރިގެންގޮސް ދުނިޔޭގައި ކޮންމެ ދުވަހަކުވެސް އެންމެ ގިނައިން ބޮއެ
އުޅޭ ހޫނު ބުއިމަށް ކޮފީ މިވަނީ ވެގެން ގޮސްފައެވެ.
ދުނިޔޭގައި މިހާރު ދުވާލަކު 2.2 ބިލިޔަން ތަށި ކޮފީ
ބޮއެ އުޅޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ބައިނަލްއަގުވާމީ ކޮފީ ދުވަހުގެ
ގޮތުގައި އޮކްޓޯބަރު 01 ހަމަޖައްސަން ނިންމީ "އިންޓަނޭޝަނަލް ކޮފީ އޮގަނައިޒޭޝަން"
އިންނެވެ.
ކޮފީއާއި ގުޅޭ ބައެއް ތަފާތު ކަންކަމަށް ނަޒަރު
ހިންގާލާއިރު "ހާވަޑް ހެލްތު ޕަބްލިޝިންގ" އިން ކޮށްފައިވާ ދިރާސާއަކުން
ދައްކާގޮތުގައި ކޮފީ ބޯ މީހުން ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ.
ތެޔޮ ނަގާފައި ދެވަނައަށް އެންމެ ގިނައިން ކޮމޯޑިޓީގެ
ގޮތުގައި ވިޔަފާރި ކުރެވޭ އެއްޗަކީ ކޮފީއެވެ. ފެން ނަގާފައި އެންމެ ގިނައިން އިންސާނުން
ބޯ އެއްޗަކީވެސް ހަމަ ކޮފީއެވެ.
އާއްމު ގޮތެއްގައި ކޮފީ ބޮނީ "ކްރިއޭޓިވް"
އަދި "އާޓިސްޓިކް" މީހުން ކަމަށް ދިރާސާތަކުން ދައްކާއިރު ކޮފީއަކީ ބަދަނެއް
ނޫނެވެ. ކޮފީއަކީ ބެރީއެކެވެ. ކޮފީ ބީންސް އަށް ކޮފީ ބީންސް އޭ ކިޔާ އެ އުޅެނީ
ބަދަނަކާ ވައްތަރުވީމައެވެ.
އެއްބަޔަކު ހޭލާ ހުރުމަށް ކޮފީ އިހްތިޔާރުކުރާއިރު
އަނެއް ބަޔަކު ކޮފީ ބޭނުންކުރަނީ ހިތްހަމަޖައްސާލައި އެކުވެރިންނާއެކު ވަގުތު
ހޭދަކޮށްލުމަށެވެ.
ކޮންމެއަކަސް މިއަދަކީ ބައިނަލްއަގުވާމީ ކޮފީ
ދުވަހެވެ. ކޮފީ ދޭނެ ގާތް ރައްޓެއްސަކާއި މި ލިޔުން ހިއްސާކޮށްލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް