އަބަދުވެސް އިންތިޒާރު ކުރާނަން – ސާދަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ބަލާބަލަ... އެއީ.. އެއީ.. އަލިފާން.. އަލިފާން... ހިނގާ... އަވަހަށް ދާން.. " ސައިކަލް ފަހަތަށް އަރަމުން އަލިފާން ގަނޑު މައްޗަށް އެރިދިމާއަށް އިނގިލި ދިއްކުރަމުން ހުމޭދާ ބުނެލިއ...

01 Oct 2023 | 08:19

ކުރީގެ އަދަދާއި ގުޅޭ...

"ބަލާބަލަ... އެއީ.. އެއީ.. އަލިފާން.. އަލިފާން... ހިނގާ... އަވަހަށް ދާން.. " ސައިކަލް ފަހަތަށް އަރަމުން އަލިފާން ގަނޑު މައްޗަށް އެރިދިމާއަށް އިނގިލި ދިއްކުރަމުން ހުމޭދާ ބުނެލިއެވެ.

ޢާއިޝާ އެދިމާއަށް ބަލާލިއެވެ. އެކަމަކު އެދިމާއިން އަލިފާނުގެ އެއްވެސް ނިޝާނެއް ފެންނާކަށްނެތެވެ. ނަމަވެސް ހުމޭދާ ބިރުގަނެފައިހުރިވަރު ފެނިފައި އެތަނުގައި ކޮންމެވެސް ކަމެއް ހިނގައިފިކަން ޢާއިޝާއަށް ވިސްނުމާއެކު އެއްވެސް އެއްޗެއްނުބުނެ ޢާއިޝަ ސައިކަލް ދުއްވާލިއެވެ.

ގެއަށްދެވުނުއިރު މަޣުރިބު ނަމާދު ބަންގި ގޮވައިފިއެވެ. ހުމޭދާހުރީ ތުނޑިން ދިމާވި ކަންތަކުގައި ވަރަށް ބޮޑަށް ބިރުގަނެފައެވެ. އެކަމަކު އެވާހަކަ އެއްވެސް މީހެއްގާތު ނުބެނެ އަވަސްއަވަހަށް ދިޔައީ ކޮޓަރިއަށެވެ. ގައި ދޮވެލައިގެން ފުރަތަމަ ހުމޭދާ ބޭނުންވީ ނަމާދުކޮށްލާށެވެ. ނަމާދު ކޮށްލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. އަދި ތުނޑިން ދިމާވި ކަންތަކާ ވިސްނާލިއެވެ. ކުއްލިއަކަށް ބޭރުން މީހަކު ގޮވާލި އަޑު އިވުމާއެކު ހުމޭދާގޮސް ދޮރުހުޅުވިއިރު ބޭރުގައިހުރީ ހުމޭދާގެ މަންމަ ހަސީނާއެވެ.

"އައިގޮތަށް އައިސް ކޮޓަރިއަށްވަދެފަ ބޭރަށް ނުނިކުތީމަ މަންމަ މިއައީ ބަލާލަން... ނަމާދު ކުރީތަ މިހާރު... " ކޮޓަރިތެރެއަށް ވަންނަމުން ހަސީނާ ބުނެލިއެވެ.

"އާން.. ނަމާދުކޮށްލައިގެން އޮށޯވެލީ މި... " ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ހުމޭދާ ބުނެލިއެވެ.

އެކަމަކުވެސް ހުމޭދާ ކޮންމެސް ކަމަކާ ކަންބޮޑުވެފައިވާކަން ހުމޭދާގެ މޫނުމަތިން ހަސީނާ ދެނެގަތެވެ.

"ދަރިފުޅު ނުބުންޏަސް މަންމައަށް އިނގޭ ކޮންމެވެސް ކަމެއް ވެއްޖެކަން.. ކިހިނެތްތަވީ... ވީގޮތެއް މަންމަ ކައިރީގައި ބުނެބަލަ... " ވީގޮތެއް ސާފު ކުރުމަށްޓަކައި ހަސީނާ ސުވާލުކުރިއެވެ.

ތުނޑިން ދިމާވި ހުރިހާ ހާދިސާއެއް ހުމޭދާ އޭނާގެ މަންމައަށް ކިޔައިދެމުންދިޔައިރު ހަސީނާ އެވާހަކަތައް ކަނުލާ އަޑުއަހަން އިނެވެ.

"މަންމައަކަށް އެއްގޮތަށްވެސް ނުފެނެ ދެން ދަރިފުޅު ބޭރަށްދާކަށް.. ކޮންމެފަދަ ގޮތެއްވެސް ވެދާނެ.... މިހާރު އެހަރަ ޢިޝާ ނަމާދު ގަޑިޖެހެނީ... ނަމާދުކޮށްލައިގެން ބޭރަށް އާދޭ... ޤާދިރުބޭވެސް ނަމާދުކޮށްގެން އަންނާނެ... " ހުމޭދާގެ ބޮލުގައި ފިރުމާލަމުން ހަސީނާ ބުނެލިއެވެ.

ޢިޝާ ނަމާދުން ފައިބައިގެން ޤާދިރުބޭ އައެވެ. ޤާދިރުބޭ އައިސް ހުމޭދާއަށް ކަންތައް ދިމާވެފައިވާގޮތް ވަރަށް ރަނގަޅަށް ސާފުކުރިއެވެ. އަދި ފަހަކަށް އައިސް ކަންކަން ވަމުންދިޔަގޮތް ހަސީނާ ޤާދިރުބެއަށް ކިޔާދިނެވެ. ހަސީނާމެންގެ ވާހަކަތައް އަޑު އެހުމަށްފަހު ޤާދިރުބޭ ބައެއް ކަންކަން އިތުރަށް ބަލަން ބޭނުންވިއެވެ.

"އިތުރަށް ބައެއްކަންކަން ބަލާލަން ބޭނުންވޭ އެބަ... ފެންތައްޓެއް ގެނެސްދީބަލަ... " ޤާދިރުބޭ ހަސީނާއަށް ބަލާލަމުން ބުނެލިއެވެ.

ހަސީނާގޮސް ފެއްތަށްޓެއް ހިފައިގެން އައިސް ޤާދިރުބެއާއި ދިމާއަށް ދިއްކޮލިއެވެ. ޤާދިރުބެ އެފެންތަށިން ފެންފޮދެއް އަތަށް އަޅާލުމަށްފަހު ހުމޭދާގެ ދެފައިގެ ދައްފުށުގައި ހާކާލުމަށްފަހު އެއްޗެއް ކިޔަވަން ފެށިއެވެ. ކިޔަވަން ފެށުމާއެކު ހުމޭދާގެ ބޮލުގައި ރިއްސަންފެށިއެވެ.

"ބޮލަށް ތަދުވަނީ.... ވަރަށްބޮޑަށް ތަދުވޭ... " ހުމޭދާ އޭނާގެ ނިތްކުރީގައި އަތްޖައްސާލަމުން ބުނެލިއެވެ.

ޤާދިރުބޭ އެކަމަށް އަޅައެއް ނުލައެވެ. ކިޔެވެލި ބާރުކުރަމުން ގެންދިޔައެވެ. ބޮލުގައި ރިއްސުން ގަދަވެ އެންމެފަހުން ހުމޭދާއަށް ކެތްނުވެގެން ތެޅިފޮޅެން ފެށިއެވެ. ޤާދިރުބޭ ކިޔެވުން މަޑުމަޑުންގޮސް ނިންމާލިއެވެ.

"މިކަމެއް މީނާއަށް ވެފައި ހުންނަތާ ވަރަށް ގިނަދުވަސް ވެއްޖެކަމަށް ފެންނަނީ... ޖިންނިއެއް އަވަލަވާފަ... މިކަން ރަނގަޅު ކުރެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރާނަން... " ކިޔެވެލި ނިންމާލާފައި ގޮނޑީގައި އިށީންނަމުން ޤާދިރުބޭ ބުނެލިއެވެ.

"އަހަރުމެން ބޭނުންވޭ ކޮންމެ ގޮތަކުންވެސް މިކަން ރަނގަޅު ކުރަން... ކިހިނެތް ހަދަންވީ... " ހުމޭދާގެ ބޭބެ ޚާލިދު ބުނެލިއެވެ.

"އިރާދަކުރެއްވިއްޔާ މިކަން ރަނގަޅުކޮށްދޭނަން... މާދަމާރޭ ފަށާނީ.. މާދަންރޭވެސް މިގަޑީގައި އަންނާނަން... ހުދު ފޮތިގަނޑަކާއި، ފިނިފެން ފުޅިއެއް ހޯދާފަ ބަހައްޓާތި އިނގޭ... ދެން އެއްގޮތަށްވެސް މީނާ ބޭރަށް ދިޔަ ދީގެން ނުވާނެ.. މިކަންކުރާ ދުވަސްކޮޅު ފޯނު ކަހަލަ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރެވޭނެ.. އެހެންވީމާ މާދަމާރޭ ފަށާނީ... " ޤާދިރުބޭ ޚާލިދާ ވާހަކަ ދެއްކިއެވެ.

ނާޝިދު އާދައިގެ މަތިން މިއަދުވެސް ހެނދުނު ހޭލައިގެން އޮފީހަށް ދާން ތައްޔާރުވެލިއެވެ. ކަޅު އަތްދިގު ގަމީހަކާއި، ކަޅު ފަޓްލޫނަކާއި، ކަޅުކުލައިގެ ޓައިއެއް އަޅައިގެން އޮފީހަށްދާން ނިކުތްއިރު ނާޝިދުގެ މަންމަ ސަމީރާ ސައި ތައްޔާރުކޮށްފައި ހުއްޓެވެ.

"ދަރިފުޅާ އާދޭ ސައިބޯން.... " ނާޝިދު ކޮޓަރިން ނިކުތުމާއެކު ސަމީރާ ބުނެލިއެވެ.

"ނެތޭ ވަގުތެއް... އެކަމަކު ސައިކޮޅެއް ބޯލައިގެން ދާނީ......" މޭޒުކައިރީގައި އިށީންނަމުން ނާޝިދު ބުނެލިއެވެ.

"ރާއިދު ކޮބައިތަ މިހާރު.. ؟ ނުފެންނަތާ ދެ ދުވަހެއް ވެއްޖެ.. " ސައިތަށި ގިރާލަމުން ސަމީރާ އެހިއެވެ.

"ރާއިދުވީ އޮފީސް ކަމަކު ކޮންމެސް ރަށެއްގައި.... ދެދުވަހެއްގެ ތެރޭގައި މާލެ އަންނާނެހެން ހީވަނީ... " ނާޝިދު ސައިތަށި ދަމާލަމުން ބުނެލިއެވެ.

"ހުސް ސައިތަށިތަ ބޯލަނީ ... " ޕާން ފޮއްޗެއް ނަގަމުން ސަމީރާ ބުނެލިއެވެ.

"ނެތޭ ވަގުތެއް.. އޮފީހަށްގޮސް ދެން ރަނގަޅަށް ސައިބޯނީ.. ދެން ދަނީ އިނގޭ.." ތެދުވަމުން ނާޝިދު ބުނެލިއެވެ.

ނާޝިދު އޮފީހަށްގޮސް ވަދެ ކުރަންހުރި މަސައްކަތްތައް ނިންމާލުމަށްފަހު ހުމޭދާގެ ހާލު ބަލާލުމަށްޓަކައި ހުމޭދާއަށް ގުޅާލިއެވެ. ތުނޑިން ދިމާވި ހާދިސާ އާއި އަދި ޤާދިރުބޭ ދެއްކި ހުރިހާ ވާހަކަތަކެއް ހުމޭދާ ނާޝިދަށް ކިޔައިދިނެވެ. އަދި ރުޤްޔާ ކުރަންޖެހޭ ކަމާއި، އެދުވަސްކޮޅު ފޯނުވެސް ނުގެންގުޅެވޭނެ ކަމަށް ޤާދިރުބޭ ބުނެފައިވާ ވާހަކަވެސް ހުމޭދާ ނާޝިދަށް ކިޔައިދިނެވެ.

"ދެން ކިހިނެތް ހުމޭގެ ހާލު ނާޝިދު ބަލާނީ.. ހުމޭއަށް ރަނގަޅަށް އިނގޭނެގެ ހުމޭގެ ޚަބަރެއްނުވެ އެއްދުވަސްވެސް ނާޝިދަކަށް ނުހުރެވޭނެކަން.. " ނާޝިދު ހާސްވެފައިހުރެ ބުނެލިއެވެ.

"އިނގެޔޭ ތިކަން.. އެކަމަކު ކެތްކުރަންވާނެއެއްނު... " އިރާދަކުރެއްވިއްޔާ ރަނގަޅު ވެގެން މާލެ ދެވުނީމަ އަބަދުވެސް ނާޝިދަށް ހުމޭ ފެންނާނެއޭ... " ހުމޭދާ ނާޝިދު ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރިއެވެ.

"އެކަމަކުވެސް ހެޔޮ... ހުމޭގެ ޚަބަރެއް ނުވަންޏާ ނާޝިދު ތިކޮޅަށްދާނީ... " ނާޝިދު ބޮޑާހާކާލިއެވެ.

"މިގޭގަ އުޅޭ ޢާއިޝާގެ ނަންބަރު ފޮނުވާނަން.. އޭރުން ހުމޭގެ ހާލު ބަލަންވީމަ ޢާއިޝާ އަށް މެސެޖްކޮށްލާ... ނޫނީ ގުޅާ.. އޭރުން ވާނުވާ ޢާއިޝާ ކިޔައިދޭނެ... އޯކޭދޯ އެގޮތް... " ހުމޭދާ ހީނލާފައި ބުނެލިއެވެ.

"ތިގޮތުންވެސް ހުމޭގެ ޚަބަރެއް ވަންޏާ އޯކޭ.. ނޫނީ ނާޝިދު ދާނީ.. " ނާޝިދު ސީރިއަސް ރާގެއްގައި ބުނެލިއެވެ.

އޮފީހުގެ މަސައްކަތްތައް ގިނަކަމުން ހުރިހާކަމެއް ނިންމާލުމަށްފަހު އޮފީހުން ނިކުތްއިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. އޮފީހުން ނިކުމެ ސައިކަލާ ދިމާއަށް ހިނގާގަތް އިރު ސައިކަލު މަތީގައި މީހަކު އިށީނދެލައިގެން އިނެވެ. ނަމަވެސް އެމީހަކު ފުރަގަސްދީގެން އިނުމުން އެއީ ކާކުކަން ނާޝިދަށް ފާހަގައެއް ނުވިއެވެ.

ނުނިމޭ.. ވާހަކައިގެ އާ ބައެއް، 03 އޮކްޓޯބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް