ކަންފަތާއި ވަރަށް ކައިރިން ވައިއަޅުވާލާފައި އުދުހިފައި އެދިޔައީ ބޮޑު ދޫންޏެކެވެ. ދެފަރާތަށް ފިޔަގަނޑުތަޅަމުން އެދޫނި ވަކި ހިސާބަށްގޮސް އެތާހުރި ބޮޑުގަހެއްގެ ގޮފިގަނޑުގައި ޖައްސަންދެން ހުމޭދާ ބަލަހައްޓައިގެން އިނެވެ. އާދަޔާ ޚިލާފު ބޮޑު ދޫންޏަކަށްވާތީ ފޮޓޯއެއް ނެގުމަށް ފޯނު ސެޓްކޮށްލުމަށްފަހު ދެން ބަލާލިއިރު އެދޫނި އުދުހިގެން ގޮއްސިއެވެ. ފެންނަ ހިސާބުގައިވެސް ނެތެވެ. މެންދުރުފަސްވަންދެން ތުނޑީގައި ސަރަކާތް ޖަހަން އުޅުމަށްފަހު ގެއަށް ދެވުނުއިރު 2 ޖަހައިފިއެވެ. އެހާގިނައިރު ވީއިރުވެސް ހުމޭދާ ގެއަށް ދާހިތެއް ނުވިއެވެ. ތުނޑިން ފެންނަ ރީތި މަންޒަރުތައް ފޮޓޯ ނެގުމާއި، ގޮނޑުދޮށަށް ޖަހާ ބިޔަ ރާޅުތަކަށް ބަލަބަލައި ހުންނަން ހުމޭދާ ބޭނުންވިއެވެ. ގެއަށްގޮސް މެންދުރުގެ ކެއުމާއިގެން އުޅުނުއިރުވެސް ހުމޭދާ ބޭނުންވީ ތުނޑީގައި ހުރެގެން އިރުއޮއްސޭ މަންޒަރު ބަލާލަން ދިއުމަށެވެ. ޤާދިރުބޭ ވެސް އަންނަން ބުނެފައިއޮތީ މަޣުރިބު ނަމާދުން ފައިބައިގެން ކަމަށްވާތީ، ހުމޭދާ ބޭނުންވީ ހަވީރުވެސް ތުނިޑއަށް ގޮސްލުމަށެވެ. ޢާއިޝާ އަކީ ސައިކަލް ދުއްވާ ކުއްޖަކަށްވާތީ ސައިކަލްގައި ތުނޑިއަށް ގޮސްލުމަކީ މާއުނދަގޫ ކަމަށްނުވާނެއެވެ.
"މަންމާ... ޢާއިޝާއާ އެކީ ފޮޓޯ ނަގަން ތުނޑިއަށް ގޮސްލަންތަ...؟ އިރުއޮއްސޭއިރު ތުނޑީގެ ފޮޓޯތައް ވަރަށް ރީތިވާނެހެން ހީވަނީ...!" ހުމޭދާ އައިސް ސިޓިންގ ރޫމުގެ ގޮނޑި ސެޓްގައި އިށީންނަމުން ބުނެލިއެވެ.
"މަޣުރިބު ނަމާދުން ފައިބައިގެން ގާދިރުބޭ އަންނާނެ ވާހަކަ ބުންޏެއްނު....." ހަސީނާ ބުނެލިއެވެ.
"ބޭބެ ބުނީ ގާދިރުބޭ ބުންޏޯ އަންނާނީ އިޝާ ނަމާދުކޮށްގެންނޭ... އެހެންވީމާ ގޮއްސަ އާދެވޭނެއެއްނު... ޢާއިޝާ އާ އެކީ ސައިކަލުގައޭ ދާނީ.... " ހުމޭދާ ބުނެލިއެވެ.
އެހެންވިއްޔާ ދޭ...... އެކަމަކު ލަސްނުވެ އަންނާތި.... !" ހަސީނާ އެކަމަށް އެއްބަސްވުމުގެ ގޮތުން ބުނެލިއެވެ.
ހުމޭދާ ވީ އުފަލުން ޢާއިޝާއާއި އެކީ ސައިކަލުގައި ތުނޑިއަށް ދިޔައެވެ. އިރުއޮއްސެން ކައިރިވެފައިވާތީ، އުޑުމަތީގައި ހިސާބަކަށް ރަތްވިލާ ހުއްޓެވެ. އިރުއޮއްސެން ކައިރިވަމުންދިޔައިރު ފެންނަ މަންޒަރުތައް ވަރަށް ރީއްޗެވެ. ހުމޭދާ ވަރަށް ގިނަ ފޮޓޯތައް ނަގަންމުން ގެންދިޔައެވެ. ހިތްހަމަޖެހޭ ވަރަށް ފޮޓޯ ނެގުމަށްފަހު އިރުއޮއްސުމުން ގެއަށް ދިއުމަށްޓަކައި ސައިކަލް ކައިރިއަށް ދިޔައިރު ސައިކަލުގެ ފަހަތު ފުރޮޅުންހުރީ ވައިގޮއްސައެވެ.
"ދެން ކިހިނެތް ހަދާނީ.. މިހިސާބުގަ ގަރާޖެއްވެސް ނުހުންނާނެ.... އެހާދުރަށް ސައިކަލް ދަމާފަ ކިހިނެތް ގެންދާނީ... " ސައިކަލްގެ ފަހަތު ފުރޮޅަށް ބަލާލަމުން ޢާއިޝާ ބުނެލިއެވެ.
"ސައިކަލް ބަހައްޓާފަ ދާންވީނު... ފަހުން ޢާއިޝާ ބައްޕަ، ސައިކަލް ގެންގޮސްދީފާނެ އެއްނު... " ހުމޭދާ ބުނެލިއެވެ.
"ހާދަދުރޭ އެއީ... ހިނގާފަ ކިހިނެތްދާނީ... ދަންނަ މީހަކު މިހެންދޭތޯ މަޑުކުރަމާ... އޭރުން ގެއަށް ގޮއްސަ ބައްޕަގެ ސައިކަލުގަ ހުމޭ ބަލާ އަންނާނަން... މާދަން ދެން މިސައިކަލު ގެންދާނީ... " ޢާއިޝާ ބުނެލިއެވެ.
"ތިވެސް ގޮތެއް... ދަންނަ މީހަކު ފެންނަންދެން ހިނގާ އެޖޯލިފައްޗަށް... " ދުރުގަހުރި ޖޯލިފައްޗެއް ދައްކާލަމުން ހުމޭދާ ބުނެލިއެވެ.
"މަޑުކޮށްލާ... އެއޮތް އަންނަނީ ދަންނަ ކުއްޖެއް... އޭނަ ގެންގޮސްދީފާނެ ކަންނޭނގެ..." ތަންކޮޅެއް ދުރުން ސައިކަލުގައި އަންނަ ކުއްޖަކަށް އިޝާރާތްކޮށް ޢާއިޝާ ބުނެލިއެވެ.
ޢާއިޝައަށް ހީވީ ހަމަ ރަނގަޅަށެވެ. އެއީ ދާނިޝްއެވެ. ޢާއިޝާ އާއި އެއް ގްރޭޑެއްގައި ދެއަހަރު ކުރިން ކިޔެވި ކުއްޖެކެވެ.
"ދާނިޝް.. ކޮންތާކަށް ތިދަނީ... ޢާއިޝާ ގެއަށް ލާދީބަލަ... ސައިކަލް ހަން ފަޅައިގެންގޮސްގެން މިއުޅެނީ...." ކުރިމަތިން ދިޔަ ދާނިޝްއަށް ގޮވާލަމުން ޢާއިޝާ ބުނެލިއެވެ.
"އާން... އާދޭ.. އަހަރެން މިދަނީވެސް ތި ދިމާއަށޭ... " ސައިކަލް ހުއްޓާލަމުން ދާނިޝް ބުނެލިއެވެ.
"ދަނީ އިނގޭ... ހުމޭ މަޑުކުރޭ... ގެއަށްގޮއްސަ ބައްޕަ ސައިކަލްގައި އެބައަންނަން އިނގޭ... ދުރަށް ނުގޮސް މިތާ މަޑުކުރާތި.... އޯކޭ ޖޯލިފަތީގަ މަޑުކުރިޔަސް... " ޢާއިޝާ ސައިކަލަށް އަރަމުން ބުނެލިއެވެ.
ހުމޭދާ، އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު ދުރުގަހުރި ޖޯލިފައްޗާ ދިމާއަށް ބަލާލިއެވެ. ޖޯލިފަތީގައި ކޮންމެވެސް މީހަކުވެސް އިނެވެ. އެކަމަކު އެ ސަރަޙައްދުގައި އިށީނދެލާނެ އިތުރު ތަނެއް ނެތުމުން ހުމޭދާ ހިނގާގަތީ ޖޯލިފައްޗާ ދިމާއަށެވެ. އިސްޖަހައިގެން މަޑުހިނގުމެއް ފޯނާއި ކުޅެމުން ހުމޭދާގޮސް ޖޯލިފަތީގައި އިށީނެވެ. އިތުރު މީހަކު ޖޯލިފަތީގައި އިނުމާއެކު ހުމޭދާ އިށީނީ ތަންކޮޅެއް ދުރުގައެވެ. ލިޔަންއިން މެސެޖް ފޮނުވާލުމަށްފަހު ހުމޭދާ އިސްއުފުލާ ބަލާލިއެވެ. ޖޯލިފަތީގައި އިނީ ޒުވާން ފިރިހެން ކުއްޖެކެވެ. އެކުއްޖަކު އިނީ ހުމޭދާއާއި ދިމާއަށް ބަލާށެވެ. ކުޑަކޮށް ހެވިފައެވެ. ހުމޭދާވެސް ހީލިއެވެ.
"މިގަޑީގައި އެކަނިމާއެކަނި މިހިސާބުގަ ކީއްކުރަނީ.... " ހުމޭދާއާއި ދިމާއަށް ބަލަންއިނދެ އެޒުވާނާ ސުވާލުކޮށްލިއެވެ.
"ރައްޓެއްސަކާއެކީ މިތަނަށް އައިތަނާ ސައިކަލުގެ ހަން ފަޅައިގެން ގޮސްގެން މަޑުކޮށްލީމި... އެބައާދޭ އޭނަ... " ހުމޭދާ ބުނެލިއެވެ.
"ގެއަށް ގެންގޮސްދީފާނަން.. ސައިކަލުގައި މިއުޅެނީ... " އެޒުވާނާ ބުނެލިއެވެ.
"ނޫނޭ... އިރުކޮޅަކުން އެބަ އާދެ ބަލާ..." ފޯނަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"އޯކޭ... ދަނީ... " އެޒުވާނާ ތެދުވެގެން ހިނގައިގަންނަމުން ބުނެލިއެވެ.
ހުމޭދާ އިނީ އެޒުވާނާއާ ދިމާއަށް ބަލާށެވެ. އެޒުވާނާ މަޑުމަޑު ހިނގުމެއްގައި ހިނގާފައިގޮސްވަނީ އެދިމާއިން ގަސްތަކުގެ ތެރެއަށެވެ. އަދި ގަސްތަކުގެ ތެރެއަށް ވަނުމާއެކު އެގަސްތަކުގެ ތެރެއިން ބާރު އަޑަކާއެކު އަލިފާންގަނޑެއް މައްޗަށް ބުރައިގެން ދިޔަތަން ފެނުނެވެ. ހުމޭދާ ޖޯލިން ތެދުވެގެން މަގާއި ދިމާއަށް ދުއްވައިގަތެވެ. އެވަގުތު ގަސްތަކުގެ ތެރޭން ބާރު އަޑަކުން ހުމޭދާއަށް ގޮވާލިއަޑު ގުގުމައިގެން ދިޔައެވެ. ހުމޭދާ ދުވެފައި މަގުމައްޗަށް ނިކުންވަގުތު ބާރު ސްޕީޑުގައި އައި ސައިކަލެއްގައި ނުޖެހި ސަލާމަތްވީ ހަމަކިރިޔާއެވެ. އެވަގުތު ސައިކަލް ބުރެކި ނުޖެއްސިނަމަ ހުމޭދާ ސައިކަލުގައި ޖެހުނީއެވެ.
"ހާދަބާރަކަށް ތިދުވަނީ.. ކިހިނެތްވީ.... ؟" ސައިކަލްގައި އައި މީހާ ސައިކަލުގެ ބުރަކި ޖައްސަމުން ސުވާލުކުރިއެވެ.
"ކަމެއް... ނުވެ... ކަމެއް ... ނުވެ... " ބިރުން މާނޭވާލަމުން ހުމޭދާ ބުނެލިއެވެ.
"ހާދަބިރުގަނެފަ.... ކިހިނެތްވީ... ދުވެފަ ކޮންތާކަށް ތިދަނީ.. ގެންގޮސްދޭންވީތަ.... " ސައިކަލްގައި އައި މީހާ އެއްފަހަރާ ދެ ސުވާލުކޮށްލިއެވެ.
ހުމޭދާ ބަލާލީ އަލިފާންތައް ބުރައިގެން ދިޔަދިމާއިން ގަސްތަކާ ދިމާއަށެވެ. އޭރުވެސް ގަސްތަކުގެ ތެރެއިން އަލިފާނުގެ އަސަރު ފެންނަން ހުއްޓެވެ. އަދި ހުމޭދާއަށް ގޮވާލި ބާރުއަޑު ހުމޭދާގެ ކަންފަތުގައި ހަރުލާފައިހުއްޓެވެ.
"އެދިމާއިން ކޯއްޗެއް ފެންނަނީ..." ސައިކަލުގައި އައި ޒުވާނާ ހުމޭދާ ބަލަންހުރި ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"އަލިފާން ގަނޑެއް.... ކަނިތައް އަދިވެސް އެހެރަ އަރަނީނު... " ހުމޭދާ އެދިމާއަށް އިޝާރާތް ކޮށްލިއެވެ.
"އެވެދާނޭ ކުނިގޮނޑު އަންދަނީ ކަމަށް..." އެދިމާއަށް ބަލާލަމުން ސައިކަލުގައި އިން ޒުވާނާ ބުނެލިއެވެ.
އެވަގުތު ހުމޭދާގެ ކަންފަތުގައި ޖެހުނީ ޢާއިޝާގެ އަޑެވެ.
"ހުމޭ...... ހުމޭ... އާދޭ ދާން... މަގުމެދުގައި ހުރެގެން އެކަނިމާއެކަނި ކޮންވާހަކަ ތަކެއް ތި ދައްކަނީޔޯ.." ސައިކަލްގައި އައިސް މަޑުކޮށްލަމުން ޢާއިޝާ ބުނެލިއެވެ.
ހުމޭދާ ޢާއިޝާއާއި ދިމާއަށް ބަލާލުމަށްފަހު ސައިކަލްގައި އިން ޒުވާނާއަށް ބަލާލުމަށް އެނބުރިލީވަގުތު އަނެއްކާވެސް ހުމޭދާއަށް ފެނުނީ ގަސްތަކުގެ ތެރޭން ކުރިން ފެނުނު ގޮތަށް އަލިފާންގަނޑެއް އަރައިގެން ދިޔަތަނެވެ. ކައިރީގައިހުރި އެ ޒުވާނާއެއްވެސް ނެތެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 01 އޮކްޓޯބަރ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް