ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ. މިކަން އަދި މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ.
ނަމަވެސް "ދުވަސް"އާ ވާހަކަދައްކަވަމުން ބައެއް މަޖިލިސް މެންބަރުން ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމާފައިވާ ކަމަށާއި މެންބަރުންނަށް މިހާރު މަޖިލީހުގެ އިދާރާއިން މެސެޖު ފޮނުވަމުންދާ ކަމަށެވެ.
މަޖިލީހުގެ ފުރަތަމަ ދައުރުގެ މަސައްކަތް ނިންމާލީ47 ޖަލްސާ ބޭއްވުމަށްފަހު މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. ނަމަވެސް ސަރުކާރުން ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާއި ގުޅިގެން ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތައް ފެށިއެވެ. އެގޮތުން ތިން ޖަލްސާއެއް ދައުރުން ބޭރުން ފެށިއެވެ. އަދި އިއްޔެ ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވެސް ކުރިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބައްދަލުކުރައްވާ ވިދާޅުވީ މަޖިލީހުގެ ފުރަތަމަ ދައުރަށް އެމަނިކުފާނު ދެއްވާނީ "ބީ ޕްލަސް"އެއް ކަމަށެވެ. އަދި ވިދާޅުވީ ދެވަނަ ދައުރުގައި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް