ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ދިނުމަށް ސަރުކާރުން ހުޅުވާލި ރަޖިސްޓްރީ ވުމުގެ ޕްރޮގްރާމު ގަލޮޅު ދަނޑުގައި ބޭއްވުމުގެ އިންތިޒާމް އިކޮނޮމިކް މިނިސްޓްރީއާ ޔޫތު މިނިސްޓްރީ ގުޅިގެން ފަށައިފިއެވެ.
މި ޕްރޮގްރާމަށް ބިދޭސީންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ބިދޭސީން އަންނަނީ އިކޮނޮމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓުމަންޓު ކައިރީގައި ކިއު ހަދަމުންނެވެ. އެ ކިއު މަޖީދީ މަގު ސިވިލް ސާވިސް ކޮމިޝަން ދޮރުމައްޗާއި ހަމައަށް އޮވެއެވެ. އަދި ކޮންމެ ދުވަހަކުވެސް ހިދުމަތް ދެނީ 150 ނަންބަރަށް ކަމަށްވާތީ ބައެއް ބިދޭސީން އަންނަނީ ދަންވަރު ކިއު ހަދަމުންނެވެ. ވެހޭ ވާރެއެއްގައި ވެސް ބިދޭސީން އެގޮތަށް ކޮޅަށް ކިއު ހަދައިގެން ތިބޭތީ ބައެއް އާއްމުން ވަނީ ސަރުކާރުން އެނޫން ގޮތެއް އެކަމުގައި ހަމަޖައްސައި ދިނުމަށް އެދިފައެވެ.
އެކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ދެވަނަ ފުރުސަތު ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް އިތުރު ގޮތެއް ވަރަށް އަވަހަށް ހޯދާނެ ކަމަށެވެ.
ޔޫތު މިނިސްޓަރު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީވުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި ޕްރޮގްރާމުގައި ބިދޭސީން ކިއު ހަދައިގެން ކޮޅަށް ތިބެންޖެހޭ މައްސަލައަށް ނިމުމެއް ގެނައުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި އެކުގައި ގަލޮޅު ދަނޑު މިއަދު ބަލާފައިވާ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މަސައްކަތް ބަދަލު ކުރާނެ ކަމަށް މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެ ކުރި ފަރާތަށް ވެސް އޮންލައިންކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީއަށް ގޮސް އެކަން ކުރަންޖެހޭނީ ވަޒީފާގައި ނޫޅޭ ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް