ހިތްހަމަ ނުޖެހުނަސް ފިޔަވަޅު އަޅާނަން: ނަހުލާ

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ މެދު ހިތްހަމަ ނުޖެހިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަފާތު އެކި ތަންތަނުގައި އެއްޗެހި ކިޔާކަން އެނގޭ ކަމަށާއި، ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އެކަމާއި ފ...

01 Oct 2019 | 06:05

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ މެދު ހިތްހަމަ ނުޖެހިގެން އެ މިނިސްޓްރީގެ މުވައްޒަފުން ތަފާތު އެކި ތަންތަނުގައި އެއްޗެހި ކިޔާކަން އެނގޭ ކަމަށާއި، ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އެކަމާއި ފަހަތަށް ނުޖެހޭނެ ކަމަށް އަދި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މުވައްޒަފުންނަށް އަޅާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

ވަޒީފާ އިން ވަކިކުރުމުގެ ބިރު އުފެދިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ހަފްތާ އާދިއްތަ ދުވަހު ޕެޓިޝަނެއް ވަނީ ހުށަހަޅާފަ އެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އޭރު ބުނެފައިވަނީ، މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމަށް ބުނެ ބިރު ދައްކާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް ފަރުވާ ކުޑަވާނަމަ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. ސަންގު ޓީވީން ވަނީ މިނިސްޓަރު ނަހުލާ މުވައްޒަފުންނާއި ބައްދަލުކޮށް ދެއްކި ވާހަކައިގެ އޯޑިއޯއެއް ގެނެސްދީފައެވެ. އެ އޯޑިއޯގައި މިނިސްޓަރު ވަނީ މުވައްޒަފުން ފަރުވާކުޑަ ކަމަށް ވިދާޅުވެފައެވެ. އަދި ބައެއް މުވައްޒަފުން ބޭނުން ގަޑިއަކަށް އަންނާތީ ވަނީ އެކަމާ ވެސް ނުރުހުންވެ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގައި ވެސް މަސައްކަތްކުރަން ޖެހޭ ވަގުތު މުވައްޒަފުންނަށް އޮޅިފައެއް ނޯންނާނެ ކަމަށާއި ކޮންމެ މިނިސްޓްރީއެއްގައި ވެސް ވަޒީރު ފިޔަވައި އެހެން އެއްވެސް މުވައްޒަފަކަށް ބޭނުން ގަޑިއަކު އޮފީހަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޓްރާންސްޕޯޓު އޮތޯރިޓީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ ވަރަށް ހިތާމަވެރިކޮށް، "ވަރަށް ދެރަވަރު ފެންވަރުގައި" މަސައްކަތްކުރާ ބޭފުޅުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވާހަކަ، ހިތްހަމަނުޖެހިގެން ކިތަންމެ ވަރަކަށް ދެއްކިއަސް އަޅުގަނޑަށް ވާނެ ކަމެއް ނޯންނާނެ. ވަރަށް ސާފުކޮށް މި ދަންނަވަނީ،" ނަހުލާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތީ މިނިސްޓަރަށް ލިބިވަޑައިގަންނަވާ 60،000 ނުވަތަ 70،000 ރުފިޔާގެ މުސާރައިގެ ބޭނުމުގައި ނޫން ކަމަށާއި އެގޮތަށް އެއްވެސް މުވައްޒަފަކު ހީ ނުކުރުމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެ މުސާރަ ނުލިބުނު ނަމަވެސް ލިބޭނެ އެއްވެސް އުނިކަމެއް ނިކަމެތި ކަމެއް ނޯންނާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ ދެއްކެވި މި ވާހަކަފުޅާއި ގުޅިގެން އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް