އެމްއެންޔޫގެ 53 ވަނަ އަހަރީ ދުވަސް ކުޅިވަރާއި އެކުވެރިކަމުގެ ހަރަކާތްތަކާ އެކު ފާހަގަކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަށް 53 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވި ތަފާތު ކުޅިވަރު ހަރަކާތްތަކެއް ބާއްވައިފިއެވެ. ހެނވޭރު ސްޓޭޑިއަ...

01 Sep 2026 | 16:53
N/A

N/A

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އަށް 53 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިއަދު ދަރިވަރުންނާއި މުވައްޒަފުން ބައިވެރިވި ތަފާތު ކުޅިވަރު ހަރަކާތްތަކެއް ބާއްވައިފިއެވެ.

ހެނވޭރު ސްޓޭޑިއަމްގައި ފެށި މި ހަރަކާތުގައި ދަރިވަރުންނާއި މުވައްޒަފުން އެއް ތަނަކަށް ޖަމާވެ "އެމްއެންޔޫ ވިތް ޔޫ" ގެ ނަމުގައި ފަސްޓް ރެސްޕޮންސް ސަޕޯޓް ލައިނެއް (1558) ތައާރަފްކޮށްފައިވެއެވެ. ޔުނިވަރސިޓީގެ މުޖުތަމައުގެ މެންބަރުންނަށް އެހީ ފޯރުކޮށްދިނުން ފަސޭހަކުރުމުގެ މަގުސަދުގައި ފެށި މި ލައިން އިފުތިތާހުކުރުމަށް ފަހު ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ހަފުލާ ހުޅުވައިދެއްވައިފައެވެ.

ޔުނިވަރސިޓީގެ 53 ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުމާއި ފޮޓޯ ނެގުމަށް ފަހު ގިނަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެ ގޮތުން އަންހެން ފުޓްސަލް ތިންމުގޯލި ބެލޫން ބަޑީ ލެމަން ރޭސް ފައިގަތަޅާ ގޯނި ރޭސް އޮބްސްޓެކަލް ރޭސް އަދި ވާދެމުން ފަދަ ހަރަކާތްތަކުގައި ދަރިވަރުންނާއި މުވައްޒަފުން ފޯރީގައި ބައިވެރިވެފައިވެއެވެ.

މިރޭ ގަލޮޅު ގައުމީ ސްޓޭޑިއަމްގައި އެމްއެންޔޫ މުވައްޒަފުންނާއި ދަރިވަރުން އަދި ކުރީގެ ދަރިވަރުން ހިމެނޭ ޓީމުތަކެއް ބައްދަލުކުރާ ފިރިހެނުންގެ ފުޓުބޯޅަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމް އެ މެޗު ފައްޓަވައިދެއްވާ ގޮތަށް ހަމަޖެހިފައިވާ އިރު މިއީ އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކައިލުމުގެ ފުރުސަތެއް ކަމަށް އެ ޔުނިވަރސިޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ހަރަކާތްތަކުގެ ބޭނުމަކީ އާންމު ތައުލީމީ އަދި ވަޒީފާގެ މާހައުލުން ބޭރުގައި ދަރިވަރުންނާއި މުވައްޒަފުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުން ކަމަށް އެމްއެންޔޫން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް