ލިވަޕޫލައި އާސެނަލް ވާދަކުރި މެޗުގެ ތެރެއިން..
އިނގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ
ދަނޑުގައި އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗު، ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން
ކާމިޔާބުކޮށް ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ
ނުވަ ޕޮއިންޓާއެކު ލިވަޕޫލް އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި އާސެނަލް ލީގުގައި
ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ
ތިންވަނައިގައެވެ.
ލީގުގައި ލިވަޕޫލު އެންމެ ފަހުން ކުޅުނު މެޗުގައި
3-2 ގެ ނަތީޖާއަކުން ނިއުކާސަލް އަތުން މޮޅުވެފައިވާއިރު، އާސެނަލް އެންމެ ފަހުން ކުޅުނު
މެޗުގައި އެޓީމުން ވަނީ ފަސޭހަކަމާއެކު 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ލީޑްސް ޔުނައިޓެޑް
ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗު ވެސް ނިމިފައިވަނީ 2-2
ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި
ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ އާސެނަލްގެ ފޯވާޑް
ނޯނީ މަޑުއެކޭ އަށެވެ. ނަމަވެސް މުޅިން ހުސްކޮށްހުރެ މަޑުއެކޭ ފޮނުވާލި ހަމަލާ ލިވަޕޫލްގެ
ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން
ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި
އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލް އިން ވަނީ އެޓީމުގެ
ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ
ހާފުގައި އެޓީމުން ވަނީ އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި
މިމެޗުގެ ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުވެ 83 ވަނަ މިނެޓުގައި ލިވަޕޫލަށް
ކާމިޔާބުކޮށްދިނީ އެޓީމުގެ ހަންގޭރީ މިޑްފީލްޑަރު ޑޮމެނިކް ސްބޮސްޒްލާއި އެވެ.
ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު މިމަހުގެ
13 ވަނަ ދުވަހުގެ ރޭ ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް އާސެނަލް އިން ނުކުންނައިރު، މިމަހުގެ
14 ވަނަ ދުވަހުގެ ރޭ ލިވަޕޫލުން ނުކުންނާނީ ބާންލީ އާއި ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް