ވާހަކަ: ޑައިރީ – ސާޅީސް ހަތަރުވަނަބައި

ކުރީގެ އަދަދާއި ގުޅޭ.... "އެއްކަމެއްވެސް ނުކުރެވޭނެ...! މަ ތިކަން ހަމައަކަށް އަޅުވާނަން...! މަގޭ ފިރިމީހާއަކީ ފުލުހުންގެ އޮފިސަރެކޭ...! މާދަމާ ހެނދުނު އޭނައަށް ގުޅާފަ ތިކަންވީގޮތް އަހަރެން ބުނާނަން......

01 Sep 2024 | 09:45

ކުރީގެ އަދަދާއި ގުޅޭ....

"އެއްކަމެއްވެސް ނުކުރެވޭނެ...! މަ ތިކަން ހަމައަކަށް އަޅުވާނަން...! މަގޭ ފިރިމީހާއަކީ ފުލުހުންގެ އޮފިސަރެކޭ...! މާދަމާ ހެނދުނު އޭނައަށް ގުޅާފަ ތިކަންވީގޮތް އަހަރެން ބުނާނަން...! ދެން ބަލައްޗޭ ވާގޮތެއް...!" އައިލީން ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

"ތިއޭ މިފްޒާލް ބޭނުންވާ ގޮތަކީވެސް..! އެންމެ ފަހުން ރާއިފު އަހަރެން ވަރިކޮށްލާނެ...!" އައިލީން ގަސްދުކުރީ ހުރިހާ ސިއްރެއް މަރިޔަމް އަށް ކިޔައިދޭށެވެ.

އެންމެ ފުރަތަމަ މިފްޒާލް އާއި ބައްދަލުވީ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކަންކަން ވަމުންދިޔަގޮތް އައިލީން، މަރްޔަމް އަށް ކިޔައިދިނެވެ. އައިލީން ދައްކަމުންދިޔަ ވާހަކަތައް މަރްޔަމް ވަރަށް ރަނގަޅަށް އަޑުއަހަން އިނެވެ.

ތިޔަ މިފްޒާލް އަކީ ތިހާ ކެރޭމީހެއް ކަމަށްވަންޏާ، މިހާ ދުވަސްވީއިރުވެސް ތިބުނާ ފޮޓޯގަނޑެއް ރާއިފުއަށް ނުދައްކާ އޭނާ އެ ހުންނަނީ ކީއްވެބާ...؟ އަހަންނަށް ހީވަނީ އޭނަގެ މަޤްޞަދަކީ އެހެން ކިޔައިގެން އައިލީން ބިރުގެންނެވުންހެން...!" އައިލީން ދެއްކި ހުރިހާ ވާހަކަތަކެއް އަޑުއެހުމަށްފަހު މަރްޔަމް ބުންޏެވެ.

"އޭނައަށް މިހާރު އެނގޭނެ އެހެން ހެދިޔަސް ވަކިއޭނައަށް މޮޅުތަކެއް ނުވާނެކަންވެސް...! އެހެންވީމާ އެހެންވެސް ހަދަން ނުކެރިގެން އިރުއިރުކޮޅާ އެހެން ކިޔައިގެން މަށަށް ބިރުދައްކަނީ އެ...! އެކަމަކު މަރީގެ ފިރިމީހާ ގާތުގައި މިވާހަކަ އަދި ނުދައްކާތި އިނގޭ...! އަހަރެން މާލެ ގޮއްސަވެސް މަރީގެ ހެލްޕެއް މިކަމުގައި ބޭނުންވެއްޖިއްޔާ ޚަބަރެއް ވާނަން...!" އައިލީން އަށް ހީވާ އެއްޗެއް އައިލީން ބުންޏެވެ.

މާޔޫސްވެގެން މިފްޒާލް އެގެއިން ނުކުމެގެން ދަނިކޮށް ދުރުގައި ހުރި މީހަކު ހަނާއަޅަން ފެށިއެވެ. މިފްޒާލް ކައިރިއަށް ދިޔައިރު އެއީ އިބްރާހީމެވެ. ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވުމަށްޓަކައި ކައިރި ރަށަކުން އެރަށަށް އައިސްހުރި ބީރައްޓެސެކެވެ. އިބްރާހީމާއި، މިފްޒާލް ދިމާވީ މިފްޒާލް ހުންނަ ގެސްޓްހައުސް އިންނެވެ. އިބްރާހީމްވެސް ހުންނަނީ އެ ގެސްޓްހައުސްގައެވެ.

"ކިހިނެތްވެފަ ކަލޭ ތިހިރީ...؟ މުޅިބޮލާ އެއްޗިހި ހޭވިފައި...! ބޮޑު ހަނގުރާމައެއްތަ ކަލޭކުރީ..؟" މަލާމާތުގެ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.

"ކަލޭ އަންނަންދެން މިތާ މިހިރީ...! ކަލެއަށް ފެންނަނީ މަގޭ ބޯ އެކަނިތަ...؟ މަގޭ އަތުން މިއަންނަ ލެޔެއް ކަލެއަކަށް ނުފެނޭތަ...؟" އިބްރާހީމް، އޭނާގެ ދެއަތްތިލަ މިފްޒާލް އަށް ދައްކާލަމުން ބުންޏެވެ.

"މަ އަންނަންދެނޭ....! އެ ކީއްކުރަން...؟ މަ ވަރަށް ސާފުބަހުން ބުނެފަ އޮންނާނީ ދެން މަށާ ބައްދަލުކޮށްގެން ނުވާނެޔޭ...! އެހެން މަށަކަށް ނުބުނެވޭތަ...؟ ކަލޭ ބުނިވަރަށް ފައިސާވެސް ދީފައި މަ އޮންނާނީ...!" މިފްޒާލް ކުރިއަށް ހިނގައިގަންނަމުން އިބްރާހީމް އާ ދިމާއަށް ބަލާވެސް ނުލާ ބުންޏެވެ.

"ކަލޭ ރުފިޔާ ދިނީ އެކަން ކުރަން...! އަހަރެންނަށް ލިބިފަ މިހިރަ އަނިޔާތަކަށް ފަރުވާކުރާނެ ފައިސާއެއް ނުދެމެއްނު...! އަދި ކަލޭ ނުބުނަމެއްނު އެ ކުއްޖާގެ ނިޔަފަތި ދިގުވާނެ ވާހަކައެއް ވެސް...! ކަލޭ ދެކިބަލަ އަހަރެންގެ މޫނަށާއި ދެއަތަށް ވެފައިހުރިވަރު...! މިކަމާ ކަލޭ ޒިންމާވާން ޖެހޭނެ...!" މިފްޒާލް ކުރިއަށް ދިޔަނުދީ ކުރިބައްދަމުން އިބްރާހީމް ވާހަކަ ދެއްކިއެވެ.

"އަހަރެން އެ ވާހަކަ ނުބުނީ ހަމަ ގަސްތުގަ...! އަހަރެން ކަލޭ ކައިރީ ބުނިންތަ އޭނަ ގައިގައި އަތްލާށޭ...! ކަލޭ އޭނަ ގައިގައި އަތްލީމަ ވީގޮތް ތިއީ...! ތިކަމުގައި އަހަރެން ޒިންމާވާކަށް ނުޖެހޭނެ...! އަހަރެން ކަލޭ ކައިރީގައި ބުނީ އޭނަ ބިރުގަންނަވާށޭ...! ދެން ކަލޭނުޖެހޭދޯ ގޮސް އޭނައާ ބެހޭކަށް...! އަހަރެން ބުނިގޮތަށް ކަންތައް ނުކުރީމަ ކަލެއަށް ތިލަނޑު މިރޭ ލިބިފަ ތިހިރީ...! އެއްބަސްވުމާ ކަލޭ ޚިލާފުވީމަ...! މަބުނި ގޮތަށް ކަލޭ ކަންތައް ނުކުރީމަ ކަލޭ ޖެހޭނީވެސް މަށަށް އަނބުރާ ލާރިދޭން...! މަ ދިން ރުފިޔާ ހަމަމިހާރު މަށަށް ދީ...!  މިފްޒާލް އަމުރުވެރި ރާގަކަށް ވާހަކަ ދެއްކިއެވެ.

"އެހެންތަ....؟ ކަލޭ ހީކުރީ ކަލެއަށް މަށަށްވުރެ ނުބައި ވެވިދާނެ ކަމަށްތަ....؟ އެކަހަލަ ކުށްހީއެއް ނުކުރޭ...! މާދަމާ އިރުއެރުމުގެ ކުރިން ކަލޭ އިތުރަށް މަށަށް ލާރި ނުދީފިއްޔާ ކަލޭގެ ހުރިހާ ކަމެއް މުޅި ރަށަށް ބޭޒާރު ކޮށްލާނަން...! އަހަރެން މިރަށުން ފުރައިގެންދާނީ އެކަންކޮށް ނިންމާފައި...! ކަލޭ ހީކުރާގޮތް ދޯ....!" އިބްރާހީމްވެސް ރުޅި އައިސްގެން ވާހަކަ ދެއްކިއެވެ.

މިފްޒާލް ހިތްހަމަނުޖެހިފައި ހުރި ވަގުތެއްގައި އިބްރާހީމް އެގޮތަށް އިންޒާރު ދިނުމުން، ކުރިން ނުވާގޮތެއް މިފްޒާލް އަށް ވިއެވެ. ރުޅި ކޮންޓުރޯލުން ނެއްޓިގެންގޮސް ހޭންފެށުނީއެވެ. އެއީ ފިނިވުމުން ތުރުތުރުއެޅުން ކަހަލަކަމެކެވެ. ތުރުތުރުއަޅަނީ، ޤުދުރަތީ ގޮތުން ހަށިގަނޑު ހޫނުވެ ފިނިން ސަލާމަތްވުމަށްޓަކައެވެ. ހަމަ އެގޮތަށް މިފްޒާލްގެ ހަށިގަނޑު މަސައްކަތްކުރީ ރުޅި ކޮންޓުރޯލު ކުރެވޭތޯއެވެ.

"ކީއްވެގެން މާ ބާރަކަށް ތި ހެނީ...؟ އަހަންނަށް މި ބުނެވުނީ ކަލޭ މާ އުފާވާކަހަލަ ވާހަކައެއްތަ...؟ އެހެން ނޫނީ ކަލޭ ތިވަރަށް ތިހެނީ މަ ބިރުގަންނާނެ ކަމަށްތަ...؟" ރުޅިއައިސްފައި އިބްރާހީމް ވާހަކަ ދެއްކިއެވެ.

"ނޫނޭ...! ހަމަ އެއްވެސް ކަމެއް ނުވޭ...! ކަލޭ ތިދައްކާ ވާހަކަތަކުން ހަމަ ހެވުނީ...! އެއްހާސް ފަސްސަތޭކަ ރުފިޔާ ދޯ...؟ ތި ކަން ހަމަޖެހޭނެ...! ތި ފައިސާ ޔަޤީނުންވެސް ކަލެއަށް ލިބޭނެ...! ފައިސާ ދޭން މިރޭ އަހަރެން ގުޅީމަ އަހަރެން ބުނާތާކަށް ލާރިބަލާ ކަލޭ އާދޭ...!" މިފްޒާލް މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.

ޤައުމީ ދުވަހުގެ ޙަރަކާތްތައް ނިމުމާއެކު ޤައުމީ ދުވަހުގެ ޙަރަކާތުގައި ބައިވެރިވުމަށް އަތޮޅުގެ ރަށްރަށުންނާއި މާލެއިން އެރަށަށް ވަޑައިގެންނެވި ބޭފުޅުން ފުރިއެވެ. އިބްރާހީމް އާއެކު އެރަށަށް އައިޓީމުގެ މީހުން ފުރަންވެގެން އިބްރާހީމް ހޯދާހޯދާ ނުފެނިގެން އެމީހުން ފުރައިގެން ދިޔައީއެވެ. އެހެން ނަމަވެސް އިބްރާހީމް ފެނޭތޯ ރަށުގެ ފުލުހުންނާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔައެވެ. މިގޮތުން އެމީހުން ކުރަމުން ގެންދިޔަ މަސައްކަތުން އެންމެފަހުން އިބްރާހީމް ފެނުނީ އޭގެ ދެދުވަސް ފަހުން ރަށުގެ ހުޅަނގު ފަރާތު ވަލުތެރޭގައިހުރި ބޮޑު ގަހެއްގައި ދަންޖެހިފައި ހުއްޓައެވެ. އެހިސާބަކީ ރަށުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ވަރަށް ދުރު ހިސާބެކެވެ. އިބްރާހީމް ފެނުމާއެކު އެމައްސަލަ ތަޙްޤީޤް ކުރުމުގެ ކަންތައް ފުލުހުން ކުރިއަށް ގެންދަން ފެށިއެވެ.

ދަތުރު ނިންމާލުމަށްފަހު މިފްޒާލް މާލެ އައިސް ދަތުރުގައި ނެގި ފޮޓޯތައް ރައްކާކުރީ ކޮމްޕިއުޓަރުގައެވެ. މިފްޒާލް ނަގާފައިހުރި ފޮޓޯތަކުގެ ތެރޭގައި ދަންޖެހިފައިހުރި އިބްރާހީމްގެ ބައެއް ފޮޓޯތައް ހިމެނެއެވެ. ސަލާމަތްވުމަށްޓަކައި އިބްރާހީމް މަސައްކަތް ކުރަމުންދާތަން އެފޮޓޯތަކުން ފެންނަން ހުއްޓެވެ.

މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ފްލައިޓް ޖެއްސުމާއެކު އެއަރޕޯޓްގެ ކަންކަން ނިމިގެން އައިލީން ފޮށި ހިފައިގެން ބޭރަށް ނުކުމެ ހޯދާލިއިރު ރާއިފު ފެންނާކަށް ނެތެވެ. އައިލީން އެއަރޕޯޓުގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު ދެފަހަރަކު ރާއިފުގެ ނަންބަރަށް ގުޅާލިއެވެ. ނަމަވެސް ފޯނު އޮފް ކޮށްލާފައި އޮތުމުން ޓެކްސީ ކިޔުއަށް ގޮސް ޓެކްސީއަކަށް އަރައިގެން އައީ ގެއަށެވެ. ގެއަށް އައިއިރު ގޭގައިވެސް ރާއިފުއެއް ނެތެވެ. ގެއަށް އައިސްވެސް ދެތިން ފަހަރު ރާއިފުގެ ފޯނަށް ގުޅިއެވެ. އޭރު ފޯނު ރިންގ ވެއެވެ. އެހެން ނަމަވެސް ފޯނެއް ނުނަގައެވެ. އެއަރޕޯޓަށް އައިސް އައިލީން ފޯނު ހުޅުވާލުމާއެކު މިފްޒާލްގެ ކޯލަކަށްފަހު ކޯލެއް އައިލީންގެ ފޯނަށް އަންނަމުން ދިޔައެވެ. އައިލީން އެކޯލްތަކެއް ނުނަގައެވެ. އަދި ފުލުފުލުގައި މެސެޖުތައްވެސް ކުރަމުން ގެންދިޔައެވެ. އެހެން ނަމަވެސް އެއިން އެންމެ މެސެޖެއްވެސް އައިލީން ނުކިޔައެވެ. އަންނަ ކޮންމެ މެސެޖެއް އައިލީން ޑިލީޓްކޮށްލައެވެ. އުދަގޫ ބޮޑުވެގެން އެންމެފަހުން ފޯނުގެ ރިންގ އޮފް ކޮށްލިއެވެ. ރާއިފު ގެއަށް އަންނަތަނާ ފޯނުގެ އަޑު އިވިދާނެތީއެވެ. ރޭވެގެން ދިޔައިރުވެސް ރާއިފުގެ އެއްވެސް ޚަބަރެއް ނުވިއެވެ. ފޯނެއް ނުނަގައެވެ. ވީނުވީ ތަނެއްވެސް ނޭނގެއެވެ. އައިލިންގެ ހިތަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ.

"އެނެއްކާ ރާއިފުއަށް ކަމެއް ފަޅާއެރީބާއޭ...!" އައިލީންގެ ހިތަށް އަރަމުން ދިޔައެވެ.

އެހެންނަމަވެސް އެންމެފަހުން އައިލީން ނިންމީ އެއީ ވަހުމެއް ކަމުގައެވެ. ރާއިފު އެރޭ ގެޔަށް އައީ ދަންވަރު ބާރަވެސް ޖެހިފަހުންނެވެ. އައިލީން ފެނުނުއިރު ވެސް ރާއިފުހުރީ ރުޅިއައިސް ރަތްވެފައެވެ. ވާހަކައެއް ނުދައްކައެވެ. އައިގޮތަށް އައިސް ނިދާ އެއްޗެހި ލައިގެން އެނދުގައި އޮށޯތީއެވެ. އައިލީން ގަސްތު ކޮށްގެންހުރީ އެދުވަހު މާލެއައިސް ހުރިހާ ވާހަކައެއް ރާއިފުއަށް ކިޔައިދޭށެވެ. ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ.

"ކޮންތާކުން ތިޔައީ...؟ ފޯނަކާ ނުވެސް ގުޅޭ...! ކާނަންތަ...؟" އައިލީން ބިރުންހުރެ މަޑުމަޑުން ސުވާލުކޮށްލިއެވެ.

"ވަރަށް ބޮޑަށް ބަނޑު ފުރިފަ...!" އައިލީން އާ ދިމާއަށް ބަލާވެސް ނުލާ ރާއިފު ޖަވާބު ދިނެވެ.

"ހުންނާނެ އެރަށުން ހާލުފޮޅި ގެނެސްފައި...! ދިޔައިރު ބުނީމެއްނު ވަރަށް މީރުއެއްޗެކޭ...! ގެންނަންޗޭ...! އައިލީން މަސައްކަތްކުރީ ކޮންމެވެސް ވާހަކައެއް ފެއްޓޭތޯއެވެ.

"ނުކާނަމޭ...! ވަރަށް ބޮޑަށް ބަނޑު ފުރިއްޖެއޭ...!" އަނެއްކާވެސް ހަމަ އެޖަވާބު ރާއިފު ދިނެވެ.

"އެރަށުގައި ހަދާ ބޮނޑިވެސް ވަރަށް މީރު...! ހުންނާނެ ބޮނޑިވެސް ގެނެސްފަ...! ބޮނޑިއެއް ގެންނަންތަ މިގަޑީގަ ކާލަން...؟" އަނެއްކާވެސް އައިލީން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"ބޮނޑިއޭ...! މަށަށް ދެވުނު ބޮނޑި އަދިވެސް ކުޑައީތަ...؟" އައިލީން އާ ދިމާއަށް ބަލާލަމުން ރާއިފު ބުންޏެވެ.

"ކީއްވެ ތިހެން ތި ބުނީ...؟ އަހަރެން ބަލާ އެއަރޕޯޓަށް ދިޔައީކީ ނޫން...! ރާއިފުގެ ފޯނަކަށް ގުޅުނީކީ ނޫން...! އުޅޭ ތަނެއް އެނގެނީކީ ނޫން...! އަހަރެންގެ ހާލު އަހާލީކީ ނޫން...! އެހެންވީމާ ކާކަށްތަ ބޮނޑި މި ލިބުނީ...؟" އައިލީން ޝަކުވާކުރާ ރާގެއްގައި ވާހަކަ ދެއްކިއެވެ.

އެވަގުތު އެނދުގައި އޮތް ރާއިފު ފުންމައިގެން ތެދުވެ ބާރަށް ހިނގާފައިގޮސް އަލަމާރި ހުޅުވާލުމަށްފަހު އަލަމާރިން ނެގި ފޮޓޯތަކެއް އައިލީން އާ ދިމާއަށް އުކާލިއެވެ.

"މިއަށް ބަލާބަލަ...! އޭރުން އެނގިދާނެ މަށަށް ދެވުނީ ކިހާވަރެއްގެ ބޮނޑިއެއްކަން...!" ރާއިފު ރުޅި ކޮންޓުރޯލު ކުރުމަށް މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

މުޅި ކޮޓަރިތެރެއަށް ވިއްސިވިހާލިވެފައިވާ ފޮޓޯތަކުން އައިލީންގެ ހުރިހާ ސިއްރުތައް ބޭޒާރުވަމުން ދިޔައެވެ. އެއްވެސް އިތުރު ހެއްކެއް އިތުރު ތަފުސީލެއް ބޭނުން ނުވާ ވަރަށެވެ. އަންބެއްގެ ބޭވަފާތެރިކަމާއި ފިރިމީހާއަށް ޚިޔާނާތްތެރި ވެފައިވާ މިންވަރު އެފޮޓޯތަކުން ވަރަށް ބޮޑަށް ހާމަވެއެވެ. ގިނަ ފޮޓޯތަކަކީ ޚުދު އައިލީންއަށްވެސް އެފޮޓޯތަކަށް ބަލާލަން ނުކެރޭވަރުގެ ފޮޓޯތަކެވެ. ރާއިފުއަށްވަނީ ރޮވިފައެވެ. އައިލީންވެސް ހަމަ ވަގުތުން ރޯންފެށިއެވެ. އަދި އައިލީން އެފޮޓޯތައް ނަގާ ވީދަން ފެށިއެވެ.

"ފޮޓޯތައް ވީދާލުމުން ތިފޮޓޯތަކުގެ ޙަޤީޤަތްވެސް ހަމަ ތިގޮތަށް ވީދާލެވޭނެތަ...؟" ރޮވިފައި ހުއްޓަސް ރާއިފުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 03 ސެޕްޓެމްބަރ، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް