ކުއްލިއަކަށް ދޮރުމަތީގައި މީހަކު ހުރިހެން ހީވެގެން އައިލީން އާއި މަރިޔަމް އަށް އެއްފަހަރާ ބަލާލެވުނީ ދޮރާ ދިމާއަށެވެ. އޭރު ހުޅުވާފައި ދޮރުގެ ކުރިމަތީގައި ހުރީ މިފްޒާލް އެވެ. މިފްޒާލް ފެނުމާއެކު އައިލީންގެ ހިތް ކުރިއަށްވުރެވެސް ބާރަށް ތެޅެން ފެށިއެވެ. މިފްޒާލް ހުރީ ވަރަށް ދެރަވެފައެވެ. މަރްޔަމް ވެސް ދޮރާދިމާއަށް ބަލަން އިނެވެ. އެކަމަކު ދޮރުމަތީގައި ހުރީ ކާކުކަމެއް މަރިޔަމް އަކަށް ނޭނގެއެވެ.
"ކާކު ހޯދަން...؟ މިވަގުތު އިތުރު މީހަކު މިގެއަކުން ނެތް...! ޖަލްސާއަށް ގޮއްސަ އަދި ނާދޭ...!" އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ދޮރުމަތީގައި ހުރި މީހާއާ މުޚާޠަބު ކޮށް މަރިޔަމް ބުންޏެވެ.
"އަހަރެން މިއައީ އައިލީން ހޯދަން...! އަހަރެން މިއީ އައިލީންގެ ރައްޓެއްސެއް...! އަހަރުމެން ދެމީހުން ވާހަކަ ދައްކާލަން ޗާންސެއްދީފައި ކަލޭ އިހަށް މިކޮޓަރިން ނުކުމެދާނަންތަ....؟" ޖެހިލުންކުޑަ އެހެންނަމަވެސް އޯގާތެރި ރާގެއްގައި މިފްޒާލް އެދުނެވެ.
އެވަގުތު އައިލީން ކުއްލިއަކަށް މަރިޔަމްގެ އަތުގައި ހިފެހެއްޓިއެވެ. އޭރު އައިލީން ތުރުތުރު އަޅަމުންދާވަރު މަރްޔަމް އަށް އިޙްސާސް ކުރެވެމުންދިޔައެވެ. އަދި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަންވެސް މަރިޔަމް އަށް އެނގުނެވެ. އޭރު އައިލީންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ.
"ޕްލީޒް މަރީ ނުދާތި....! އަހަރެން އެކަނިކޮށްފަ ނުދާތި...! އޭނަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ...! އޭނަ ވަކިން އަހަންނާ ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ...! އަހަރެން ކައިރީގައި ވާހަކައެއް ދައްކަން ބޭނުމިއްޔާ އޭނަ އެވާހަކައެއް ދައްކަންޖެހޭ މަރިޔަމްވެސް ހުއްޓާ...! މިގޮތަށް ވާހަކަ ދައްކަން ބޭނުން ނޫނިއްޔާ އޭނަ ކައިރީގައި ބުނޭ މިތަނުން ދާށޭ...! އައިލީން، މަރްޔަމްގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ.
އެ ހިސާބުން ދޮރުމަތީގައިހުރީ ކާކުކަން މަރްޔަމް އަށް ވިސްނުނެވެ. އެވަގުތު މަރްޔަމް، ވަރަށް ރަނގަޅަށް މިފްޒާލްގެ މުޅި ހަށިގަނޑަށާއި، އަތަށް ބަލާލިއެވެ. އެއްވެސް ކަހަލަ އާދަޔާޚިލާފު އަސަރެއް ނުވަތަ އެއްވެސް ކަހަލަ ޒަޚަމެއްގެ އަސަރެއް ފެންނަން ހުރިތޯއެވެ.
"މައްސަލައެއް ނެތް....! އައިލީން ލަދުގަންނާނީ ވެސް...! ކީއްވެ އައިލީން ކުއްލިއަކަށް އަހަރެން ދެކެ ތިހާ ބިރުގަންނަން ތިފެށީ...؟ އެކަނި އަހަންނާ ބައްދަލު ކުރަން ބޭނުން ނޫނިއްޔާ އަހަރެން އެހެން މީހެއް ހުއްޓަސް ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދައްކަފާނަން...!" މިފްޒާލް ދޮރުމަތީގައި އެހުރިގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.
"މިގަޑީގައި ތިހެން އަހަންތަ ކަލޭ މިތަނަށް ތިއައީ...؟ ހާދަ ހީނުވޭ...! ހީވަނީ ކޮންމެވެސް އެހެން ކަންތައް ގަނޑެއްވެސް އެބައުޅޭހެން...!" މިފްޒާލް ކުރި ސުވާލަށް ޖަވާބުދިނީ މަރްޔަމް އެވެ.
“އަހަރެން ވާހަކަ މި ދައްކަނީ ކަލެއަކާ ނޫން...! އަހަރެން މިވާހަކަ ދައްކަނީ އައިލީން އާ...! ކަލޭ ކޮންމެހެން މިތާކަށް އަނގަބާނާކަށް ނުޖެހޭ...! މަޑުން ހުރޭ...! " މިފްޒާލް ހިތްހަމަ ނުޖެހިފައި ޖަވާބު ދިނެވެ.
"ކަލޭ އައިލީން އާ ވާހަކަ ދެއްކިޔަސް، އައިލީން ނޫޅެޔޭ ކޮންމެހެން ކަލޭގެ ސުވާލުތަކަކަށް ޖަވާބު ދޭކަށް...! ކަލެއަށް ޖަވާބު މިދެނި އަހަރެން...! އެހެންވީމާ އަހަރެން ދައްކާވާހަކަ ކަލޭ މިރޭ އަޑުއަހަން ޖެހޭނީ...!" މަރިޔަމް ރުޅިއައިސްގެން ދޮރާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.
"އަނެއްކާވެސް އަހަރެން މި ބުނަނީ އަހަރެން މިވަގުތު ވާހަކަ ދައްކަން ބޭނުންވަނީ އައިލީން އާ އޭ....! އައި... ލީން..އާ..!" އަޑަށް ބާރުލާފައި ލަސްލަހުން މިފްޒާލް ބުންޏެވެ.
"ކަލޭ މިތަނަށް މިގަޑީގަ ތި އައީ ކަންދައްކަންވެގެނެ...! ކަލޭ ކުރި ކަންތަކުގެ ސަބަބުން ކަލޭ ބޭނުންވީ އައިލީން ބިރުގެންފަ ހުރިވަރެއް ބަލާލަން...! މާ އާޓް ދައްކަން ނޫޅެބަލަ...!" މަރިޔަމް ގޮސް ދޮރު ލެއްޕުމަށްޓަކައި ދޮރުގައި ހިފާލަމުން ބުންޏެވެ.
"އޭނ...! ބިރުގެންފަހުރި ވަރެއް ބަލާށޭ...! މާނައަކީ...؟ ކޮންކަމަކާ ބިރުގެންފަ ހުރިވަރެއް...؟ އެހެން ނޫނަސް ކަލޭތީ ކާކު މިދޭތެރެއަށް ވަންނަން....!" މަރްޔަމް ދޮރު ލެއްޕުމަށް ހުރަސް އަޅަމުން ލެއްޕެމުންދިޔަ ދޮރު މިފްޒާލް ގަދަކަމުން ހުޅުވާލިއެވެ.
"ހޫނ...! އެއްޗެއް ނޭނގޭ ކަމަށް ހެދިގެން މާ މަޢުޞޫމް ވާނެ ކަމެއްނެތް އިނގޭ...! އަހަންނަށް އެނގޭ އަހަންނާ ބެހުނީ މިފްޒާލް ނޫނީ މިފްޒާލް ފޮނުވި މީހެއްކަން...!" އައިލީން ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.
"ކޮންވާހަކައެއް ތިދައްކަނީ...! އަހަންނަކަށް ނުވިސްނޭ ތިކިޔާ އެއްޗެއް...! އަހަރެން އެއްވެސް މީހަކު ނުފޮނުވަން...! ކީއްކުރަން އަހަރެން މީހަކު ފޮނުވަންވީ...؟ އެކަމަކު އަހަރެން ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް...! މީސް މީހުންނަށް އައިލީން އާ ބެހެވެނީ އައިލީން ޙިމާޔަތް ކުރާނެ މީހަކު އަބަދު ގާތުގަ ނުހުންނާތީ...! ފިރިއެއް ތި ހުންނަނީ ހަމަ ނަމަކަށް...! އައިލީންއަށް މިހާރު ބޭނުންވާނީ އަބަދު އައިލީންއަށްޓަކާ ވަގުތު ހުސްކުރެވޭ މީހެއް...! އެއީ އަހަރެން ކަހަލަ އަބަދުވެސް އައިލީންއަށްޓަކައި ޤުރުބާންވާ ކަހަލަ ފިރިއެއް..." މޭގައި އަތްޖަހާލުމަށްފަހު ހިނިތުންވެލަމުން މިފްޒާލް ބުނެލިއެވެ.
"އެކަން ސާބިތުކޮށްދޭންދޯ ހުރިހާ ރޭވުމެއް ތިރޭވީ...! ބަލަ މިހިރަ މޮޔަޔާ...! ތިއީ، ލޯތްބެއް ނޫނޭ...! ތިއަށް ކިޔަނީ ދެވިހިފުން...! ތި ކަހަލަ މީހުންދެކެ އަންހެންކުދިން ބިރުގަންނާނެ...! ނުފެނޭތަ އައިލީންއަށް ވަމުންދާ ގޮތެއް...! ދާންއުޅޭ މި ތަނުން...! މީހުންގެ އަނބިންގެ ފަހަތުން ތި ގޮތަށް އަޅައިގަނެގެން އުޅުމަކީ ވަރަށް ހުތުރުކަމެއް...! ކަލޭ ތިއުޅޭ ގޮތުން ވެއްޓޭނީ ފިރިހެނުންގެ އަގު...! ފިރިހެނުންގެ އަގުވައްޓާލަންތަ ތި އުޅެނީ...؟" މަލާމާތުގެ ރާގަށް ހީނލާފައި މަރިޔަމް ބުންޏެވެ.
މަރިޔަމްގެ މިވާހަކަތަކުން މިފްޒާލް ރުޅިއައިސް ރަތްވިއެވެ. އަދި އެދިޔަގޮތަށްގޮސް މަރިޔަމްގެ ކަންފަތް މަތީ ވަރަށް ބާރު އެތިފަހަރެއް ޖެހިއެވެ.
"މިފްޒާލް މޮޔަވީތަ...؟ ކަލޭ ނުޖެހޭ މިތަނަށް އައިސް އޭނައަށް އަނިޔާކުރާކަށް...! ކިހާބޮޑު ކަމެއްތަ މީ ދެން...! ތިމާ ވަރުގެ މީހެއް ނެތިގެން އެބައުޅެއެއްނު...! ހަމަ މިހާރު މިތަނުން ދުރަށްދޭ...! ފަހަތު އަޅައިގަނެގެން ބޮޑު އުނދަގުލެކޭ...!" އައިލީން ރުޅި އައިސްގެން ހަޅޭއްލަވައި ގަތެވެ.
"ތިމާއާ ނުބެހޭ ކަންތައްތަކާ ނުބެހި ހުންނާނީ...! އަހަރެން މިތަނަށް އައިސް ވަރަށް ރީތިކޮށް މިބުނީ އަހަރެން އައިލީން އާ ވާހަކަ ދައްކާލަން ވަގުތުކޮޅެއް ދޭށޭ...! ކަލޭ ނުޖެހޭ މިދޭތެރެއަކަށް ވަންނާކަށް...! މިއީ އަހަރުމެން ދެމީހުންގެ ކަމެއް...!" އައިލީން ދައްކަމުން ދިޔަ ވާހަކަ އަޑުއެހުމެއްނެތި މިފްޒާލް، މަރިޔަމް އާ ދިމާއަށް އިނގިލި ދިއްކުރުމަށްފަހު ވާހަކަ ދައްކަމުން ގެންދިޔައެވެ.
"އަހަރެން ހިއެއްނުކުރަން ތީ ތިހާ އަނިޔާވެރި މީހެއް ކަމަކަށް...! މިތަނަށް އައިސް ނުވެސް ދަންނަ މީހެއް ގައިގައި ތި ތަޅައިގަތީ...! ތިމާމީހާއަށް ކެރޭކަން އަންގަންވެގެން...!" އައިލީން ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.
"އަނިޔާވެރިޔޭ...! އައިލީން މަށަށް ތި ކުރާ އަނިޔާ ވަކި ކުޑަތަ...؟ ބަލަ ހުރިހާ އަނިޔާއެއް ބޭރުފުށަކުން ނުފެންނާނެ..! ފިރިހެނުން އަނިޔާވެރި ބަޔަކަށް ހަދަނީ ކަލޭމެން...! ދެން ކޮން ޝަކުވާއެއް ކުރާކަށް...! އަހަރެން ނުވެސް ދެނަހުރިކަމެއް އަހަރެންގެ ބޮލުގައި ތި އެޅުވީ...! އައިލީން ވިސްނަބަލަ...! އަހަރެން ބޭނުން ވެއްޖެއްޔާ ހަމަ މިހާރު ވެސް ކަލޭ ފަޟީޙަތް ކޮށްލެވިދާނެ...! އެކަމަކު ނުކުރަމެއްނު...! ދެންކީއްކުރަން މީހަކު ފޮނުވައިގެން އެކަހަލަ ކަމެއް ކުރަންވީ...!" މިފްޒާލްގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.
"އިރުއިރުކޮޅާ ފަޟީޙަތް ކުރެވިދާނެއޭ ކިޔައިގެން މަ ބިރުގަންނަވަންތަ ތިއުޅެނީ...! ކަލެއަކަށް ނުކެރޭނެ ތިކަމެއް ކުރާކަށް...! ކުރަން ކެރޭނެނަމަ މިހާރު އޮންނާނީ ކޮށްފައި...! ކަލޭ ރޯން ފެށީމަ އެކަމުން އަހަންނަށް އަސަރުކާރު ކަމަށްތަ ތިހީކުރީ...؟ އެހެން ކަމަށްވާނަމަ އެއީ ކުށްހީއެއް... ތިހާ ހިތްބަލި މީހަކުނަމަ ތިގޮތަށް މިތަނަށް އައިސް މީހުންގެ ގަޔަށް ބޮލަކަށް ނާރާނެ... އަދި އެބައުޅެއެއްނު މާ އަވަހަށް ހިތުގައި ޖެހޭ މީހަކަށް ހެދިގެން...! މަ ކުޑަކޮށްވެސް ދެރައެއް ނުވޭ...!" އައިލީން ހުރީ ރުޅިއައިސް ރަތްވެފައެވެ.
"ތިއީ ހިތްހަރު މީހެއްކަށް މަށަށް އެނގެޔޭ...! މަށަށް ވަރިހަމަ ކަލޭ ދެރަވިޔަސް، ނުވިޔަސް...! ފަރުވާލެއް ނެތް...!" މިފްޒާލް ހަޅޭއްލަވައިގަތެވެ.
"ކޮން ހަޅޭކެއް ތިލަވަނީ...! މިތަނުގައި ހަޅޭއްލަވާނެ ކަމެއް ނެތް...! މި ތަނުން ދާންއުޅޭ...! ދެން މަށާދިމާއަށް ބަލާލައިގެން ވެސް ނުވާނެ...! އަހަރެން ނޫޅެން ތިކަހަލަ މޮޔައަކާ އެއްވެސް ގުޅުމެއް ބާއްވާކަށް...! ރުޅި އައިސްފައި އައިލީންވެސް ވާހަކަ ދައްކަމުން ގެންދިޔައެވެ.
އެއީ ތެދެކެވެ. މިފްޒާލް އަކީ މިހާރު މޮޔައެކެވެ. އެ ކަން ޚުދު މިފްޒާލްވެސް ގަބޫލުކުރެއެވެ. އެހެން ނަމަވެސް މިފްޒާލް ދުނިޔެއަށް އުފަންވީ މޮޔައެއްގެ ގޮތުގައެއް ނޫނެވެ. އޭނަ މޮޔައަކަށް ހެދީ އައިލީން އެވެ. އައިލީންގެ ލޯތްބެވެ. އެ ލޯތްބަށްޓަކައި، ތިމާގެ ހުރިހާ އުފަލެއް ޤުރުބާންކޮށްފައި އައުމުންވެސް އައިލީން ފުރަގަސްދިނީއެވެ. އެއްވެސް ރަޙުމެއް ޙަމްދަރުވީއެއްނެތި މިފްޒާލް ބާކީކޮށްލީއެވެ. މިފްޒާލްގެ ކުށަކީ ލޯބިވެވުމެވެ. އެއްވެސް މީހަކުދެކެ ނުވާ ވަރަށް އައިލީން ދެކެ ލޯބިވެވުމެވެ. އެހެން ނަމަވެސް އައިލީން ދެކެ މިފްޒާލް އަށް އެވަރަށް ލޯބިވެވުނީ އެކަމަށް އެދި އައިލީންގެ ފަރާތުންވެސް ލިބުނު ދަޢުވަތުގެ ސަބަބުންނެވެ.
"މިވަގުތު މިތަނުގަ އެހެން މީހަކު ހުރީމަ، އަހަންނާ ދިމާއަށް ހިތުހުރިހާ އެއްޗެއް ކިޔާލިޔަސް ހަނދާންކުރާތި، މާދަމާ އައިލީން ޙިމާޔަތް ކުރާނެ މީހަކު ނުހުންނާނެ...! އަނެއްކާ އައިލީން އެކަނި ބޭނުންވިޔަކަސް ޓަސްލާފައި ތިހެން ރުޅިއެއްވެސް ނުވެވޭނެ...! ހަނދާންކުރާތި... ހީނުކުރާތި އަހަންނަކީ އެހާ އަވަހަށް ހަތިޔާރު ބަހައްޓާނެ މިހެކޭ...!" މިފްޒާލް އިންޒާރެއް ދިނުމަށްފަހު ދާން ހިނގައިގަތެވެ.
މިފްޒާލް ހިނގައިގަތުމާއެކު މަރިޔަމް ދޮރު ލައްޕާ ތަޅުލިއެވެ. އައިލީން ރޯން ފެށިއެވެ.
"ރޯނެކަމެއް ނެތް...! އެއީ އައިލީން ބިރުގަންނަވަންވެގެން އޭނަ ދެއްކި ވާހަކަތަކެއް...! އެއްކަމެއްވެސް އޭނައަކަށް ނުކުރެވޭނެ...! ހަމަ ރަނގަޅަށްވެސް އެއީ އައިލީންއާ އެކަށީގެންވާ ވަރުގެ މީހެއް ނުނޭ....!" އައިލީންއަށް ވިސްނާދެވޭތޯ މަރްޔަމް މަސައްކަތް ކުރަމުން ގެންދިޔައެވެ.
މަރީއަކަށް ނޭނގޭނެ، އެއީ ވަރަށް ބިރުކުޑަ ނުބައި މީހެއް...! އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ...!" އައިލީން ރޮމުން ރޮނުން ވާހަކަ ދެއްކިއެވެ.
"އެއްކަމެއްވެސް ނުކުރެވޭނެ...! މަ ތިކަން ހަމައަކަށް އަޅުވާނަން...! މަގޭ ފިރިމީހާއަކީ ފުލުހުންގެ އޮފިސަރެކޭ...! މާދަމާ ހެނދުނު އޭނައަށް ގުޅާފަ ތިކަންވީގޮތް އަހަރެން ބުނާނަން...! ދެން ބަލައްޗޭ ވާގޮތެއް...!" އައިލީން ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 01 ސެޕްޓެމްބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް