މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޚާއްސަ އިނާމާ ބެހޭ ކޮމިޓީން މިއަދު މި ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އިނާމު މިފަހަރު ތިން ގިންތިއަކަށް ދޭން ނިންމާފައިވާއިރު، ފުރަތަމަ ގިންތިއަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯދާފައިވާ ފަރާތްތަކެވެ.
ދެވަނަ ގިންތިއަކީ، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ތިންވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއަހަރު ކޮމިޓީން ގެންނެވި މުހިންމު ބަދަލަކީ، މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކަށްވެސް އިނާމު ލިބޭގޮތަށް ހަމަޖެއްސެވުމެވެ.
ޚާއްސަ އިނާމަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ދެއްވުމުގެ ބައްދަލުވުމެއް، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ބާއްވަވާގޮތަށް ވަނީ ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރައީސް އޮފީހާ ގުޅުއްވައި، ނަން ނޯޓު ކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް