ދިވެހިންގެ ޑިޖިޓަލް ލައިފްސްޓައިލަށް ހެޔޮ ބަދަލުތަކެއް ގެނައުމުގައި އަބަދުވެސް ދެމިތިބޭނެ ކަމުގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.
އުރީދޫ އަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި ނަޖީބް ޚާން ދެއްވި ޚާއްސަ މެސެޖުގައި ވިދާޅުވީ، އުރީދޫއަށް މިއަދު 14 އަހަރު ފުރޭއިރު އުރީދޫގެ މި ދަތުރަކީ ވަރަށް އުފާވެރި ދަތުރެއް ކަމަށެވެ.
ދުނިޔެ ޑިޖިޓަލް ވަމުން އަންނައިރު އުރީދޫގެ ޑިޖިޓަލް އެޖެންޑާ ރާއްޖެއަށް ފުޅާ ކުރަމުން އަންނަކަމަށް ފާހަގަކޮށް ނަޖީބް ޚާން ވިދާޅުވީ، މަގޭ ޕްލޭން، މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ ބޮޓްސް ތަކާއި އެޕްސް ތަކަކީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި އުރީދޫއަށް ލިބޭ ކުރިއެރުމުގެ ނަތީޖާ ކަމުގައެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސާއި ރޮބޯޓިކްސް އަދި ވާޗުއަލައިޒޭޝަންގެ ވާހަކަ ދައްކަމުން އަންނައިރު އުރީދޫން ވެސް މި ތިބީ މި ބަދަލުތަކާއެކު އުރީދޫގެ މި ދަތުރު ކުރިއަށްގެންދިއުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ނަޖީބް ޚާންގެ ވާހަކަފުޅުގައި، އުރީދޫގެ ވެންޑަރުންނަށާއި، ޕާޓްނަރުންނަށާއި އަދި ވަކިން ހާއްސަ ގޮތެއްގައި، ކާމިޔާބު ކުންފުންޏަކަށް އުރީދޫ ހެދުމުގައި މަސައްކަތް ކުރަމުން އަންނަ އުރީދޫގެ ހީވާގި މުވައްޒަފުންނަށް ވަނީ ޝުކުރު ދަންނަވަވާފައެވެ. އަދި މި ދަތުރު ނިޔާމަ ދަތުރަކަށް ވުމުގައި ދިވެހި ސަރުކާރުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ވެސް ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
އުރީދޫގެ ކުރިއަށް މި އޮތް އަހަރަކީ ދިވެހިންގެ ޑިޖިޓަލް ލައިފްސްޓައިލަށް ހެޔޮ، އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ އަހަރަކަށް ވެގެންދާނެ ކަމަށް ނަޖީބް ޚާން ވަނީ ފާހަގަކޮށްފައެވެ.
އުރީދޫގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުރީދޫ އިން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރޭ އުރީދޫގެ މުވައްޒަފުން ވަނީ ވެމްކޯގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ބޮނޑިބަތް ބަހައިފައެވެ. އަދި މިއަދު ހެނދުނު ރާއްޖޭގެ ބައެއް ސުކޫލުތަކަށް ޒިޔާރަތްކޮށް، ދަރިވަރުންނާއި ޓީޗަރުންނާއި އެކީ ވަނީ އަހަރީ ދުވަސް ފާހަގަކޮށްފައެވެ.
14 އަހަރު ނިމި، ރާއްޖޭގައި 15 ވަނަ އަހަރު ފަށާފައިވާއިރު، އުރީދޫ އިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތަކުގެ އެހީގައި ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ކުރިއެރުވުމަށް ކަމަށް އުރީދޫ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް