މޭރީ މަރާލި މައްސަލައިގާ މާވިން އުމުރަށް، ލަމްހާ 15 އަހަރަށް ޖަލަށް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) 25 އަހަރަށް އަދި އެކަމުގައި ބައިވެރިވި ދިވެހި ...

01 Jul 2026 | 11:40
N/A

N/A

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) 25 އަހަރަށް އަދި އެކަމުގައި ބައިވެރިވި ދިވެހި ނަރުސް ހަލީމަތު ލަމްހާ 15 އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އޮކްޓޫބަރު 2021 ގައި މޭރީއަށް ހަމަލާދީ މަރާލުމަށް ފަހު، މޭރީ ދަންޖެހިގެން މަރުވީ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔައީ މާވިންއެވެ. ނަމަވެސް ދައުލަތުން ތުހުމަތުކުރީ މޭރީ މަރާލީ މާވިން ކަމަށާއި، އެކަމުގައި ލަމްހާ ބައިވެރިވީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެމުން ކަމަށެވެ. މޭރީ މަރާލި ވަގުތު އެ ދެމީހުންގެ ދަރިފުޅު ބެލެހެއްޓުމާ ލަމްހާ ހަވާލުވެ، އެ ކުއްޖާ ގޮވައިގެން އެހެން ގެއަކަށް ދިޔަ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.

މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ ދެ މީހުންގެ ވެސް އަދަބު މަތިކުރުމަށެވެ. މާވިންގެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް، މޭރީގެ އެއްވެސް ކުށެއް ނެތި މަރާލާފައިވުމާއި، މަރު ފޮރުވަން މަސައްކަތްކުރުމާއި، ދަރިފުޅު މަންމަގެ ލޯބިން މަހުރޫމްވެފައިވާތީ އަދަބު އަށް ދަރަޖަ މަތިކޮށް 25 އަހަރު ކަނޑައެޅުއްވީއެވެ.

ލަމްހާގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. ގާޒީ ވިދާޅުވީ ލަމްހާ އެ ކުށުގައި އެންމެ މަތީ ދަރަޖައަށް ބައިވެރިވެފައިވާ ކަމަށާއި، ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު ދުރާލާ ރާވައިގެން ހިންގި އަމަލެއް ކަމަށެވެ. އެ ތިން ދައުވާގެ ޖުމްލަ އަދަބެއްގެ ގޮތުގައި 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވެވީއެވެ.

މާވިން ބަންދުގައި ހަތަރު އަހަރާއި ހަ މަހާއި ހަތަރު ދުވަސް ހޭދަކޮށްފައިވާތީ، ބާކީ ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި ފަސް ދުވަހެވެ. ލަމްހާ ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު އޭނާގެ އަދަބުން އުނިވާނެއެވެ. މާވިން ވަނީ ޖަލުގައި ހުރެ އިސްލާމްވެ، ނަން ޔޫސުފަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް