އިންޑިއާގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެއް ގާތު ޕަބްޖީ ކުޅުން ހުއްޓާލުމަށް އެންގުމުން، އެ އެންގުން އެންގި އޭނާގެ ބޭބެ މަރާލައިފިއެވެ.
ފުލުހުންނާއި ހަވާލާދީ ޑެކަން ހެރާލްޑުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 19 އަހަރުގެ މުހައްމަދު ޝައިޚް ނަމަކަށް ކިޔާ މީހެކެވެ. މުހައްމަދަށް އެ ހަމަލާދިނީ އުމުރުން 15 އަހަރުގެ އޭނާގެ ކޮއްކޮއެވެ.
ރިޕޯޓްކޮށްފައިވާގޮތުގައި މުހައްމަދުގެ ބޯ ފާރާލާ ފިއްތާލައި އެއަށްފަހު ހަށިގަނޑަށް އެތައް ފަހަރަކު، ކަތުރުން ހަމަލާ ދީފައިވެއެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ފަހުންނެވެ.
މި މައްސަލަ އިންޑިއާގެ ޕީނަލް ކޯޑުގެ 302 ވަނަ މާއްދާގެ ދަށުން މިހާރު ރަޖިސްޓްރީކޮށްފައިވާކަމަށްވެސް ފުލުހުންނާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.
ދާދިފަހުން ހަމަ އިންޑިއާގައި އުމުރުން 16 އަހަރުގެ ކުއްޖަކުވެސް ޕަބްޖީ އާއި ގުޅުންހުރި މަރަކުން މަރުވެފައި ވެއެވެ. އޭނާ މަރުވީ ހުއްޓުމެއް ނެތި އެތައް ގަޑިއިރަކު ޕަބްޖީ ކުޅުމަށްފަހު ހާޓް އެޓޭކެއް ޖެހިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް