ނަމާދު ވަގުތަށް ކުޅިވަރު ހުއްޓާލާ ނިންމުމަށް ދީނީ ޢިލްމުވެރިންގެ ތަރުޙީބު

ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލާ ގޮތް ހެދުމަށް ސަރުކާރުން ނިންމި ނިންމުމަށް ދީނީ ޢިލްމުވެރިން ތަރުޙީބު ފާޅުކޮށްފިއެވެ. ޝައިޚް ޒަމ...

01 Jun 2026 | 10:23
އިލްމުވެރިންގެ ގުޅުމުން މިދިޔަ އަހަރުގެ އޯގަސްޓްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އިލްމުވެރިންގެ ގުޅުން

އިލްމުވެރިންގެ ގުޅުމުން މިދިޔަ އަހަރުގެ އޯގަސްޓްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އިލްމުވެރިންގެ ގުޅުން

ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލާ ގޮތް ހެދުމަށް ސަރުކާރުން ނިންމި ނިންމުމަށް ދީނީ ޢިލްމުވެރިން ތަރުޙީބު ފާޅުކޮށްފިއެވެ.

ޝައިޚް ޒަމްޒަމް ފާރިޝް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، 2025 ވަނަ އަހަރުގެ އޮގަސްޓް 18 ވީ ހޯމަ ދުވަހު ޢިލްމުވެރިންގެ ފަރާތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާ ބައްދަލުކޮށް، ކަންބޮޑުވުން ފާޅުކުރި ކަންކަން ޙައްލުކޮށްދެއްވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅުގައި ކުލަ ޖެހިގެންދާ ކަމީ ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމެއް ކަމަށެވެ.

ޢިލްމުވެރިންގެ ގުޅުމުން 2025 ވަނަ އަހަރުގެ އޮގަސްޓް 20 ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި، ނަމާދު ގަޑިތަކާ ދިމާކޮށް ބޭއްވޭ ކުޅިވަރު މުބާރާތްތަކުގެ މައްސަލައާއި، ކުޅިވަރު މައިދާންތަކުގައި ވުޟޫކޮށް ނަމާދުކުރެވޭނެ ގޮތް ހެދުމާއި، ހުކުރު ވަގުތަށް ކުޅިވަރު މައިދާންތައް ބަންދުކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޔޯގާ މައްސަލައާއި ކުޅިވަރަށް ބޭނުންވާ އުޞޫލުތައް ދީނީ އިމުގެ ތެރެއިން އެކުލަވާލުމާ ގުޅޭ ގޮތުން ވެސް ވަރަށް ތަފްޞީލީ ގޮތެއްގައި މަޝްވަރާކުރެވުނު ކަމަށް އެ ޕޯސްޓުގައިވެއެވެ.

ޝައިޚް ޢަލީ ޒައިދު ވެސް ވަނީ މި ނިންމުމާ ގުޅޭ ގޮތުން ޝުޢޫރު ފާޅުކޮށްފައެވެ. ޒައިދު ޕޯސްޓެއްގައި ބުނީ، ކޮންމެ ހޯމަ ދުވަހެއްގެ ރޭ ޢިޝާ ނަމާދަށް ވިޔަފާރިވެރިންގެ މިސްކިތަށް ދާ އިރު، ބަންގިއާއި ނަމާދުގެ ޙުރުމަތަށް ބެލުމެއް ނެތި ސްޓޭޑިއަމުގައި ކުޅިވަރު ކުޅެމުންދާ މަންޒަރު ފެންނަ ކަމަށެވެ. ނަމާދު ގަޑިތަކަށް ކުޅިވަރު ހުއްޓާ ގޮތް ހަދަން އުޅޭ ޚަބަރު ލިބި ވަރަށް އުފާވެއްޖެ ކަމަށް ވެސް ޒައިދު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް