''ހަމްޒާގެ ބައްޕައޭ ތޯ........ ކިހިނެއްވީތޯ.........'' ލަޔާލް އަހާލިއެވެ. ހަމްޒާގެ ބައްޕަ އޭ ލަޔާލް ބުނި އަޑު އިވުމުން ނޫރާއަށް ވެސް ޝޮކެއް ލިބުނު ކަހަލައެވެ. ކުއްލިއަކަށް ބަލާލެވުނީ ލަޔާލްގެ މޫނަށެވެ.
''ހަމަ ޔަޤީނެވެ. ހަމްޒާ މާލެގޮސް، އޭނާގެ މަންމައާ ބައްޕަ ކައިރީގައި ނޫރާއާ މެރީ ކުރަން ބޭނުންވާ ވާހަކަ ދެއްކީއެވެ...... ހަމްޒާގެ ބައްޕަ ދައްކަން އެއުޅޭ ވާހަކަ އަކީ ކައިވެނި އަވަސް ކުރަން ބޭނުންވާ ވާހަކަ ނޫންބާވައެވެ........'' ނޫރާ ހިތާހިތުން ކިޔާލިއެވެ. އެހެން ހިތަށް އެރުމާއެކު ނޫރާއަށް ކުރެވުނު ފޮނި އިހްސާސަކުން ލަދުން އިސްޖަހާލެވުނެވެ.
''ލަޔާލް..... ލަޔާލް ހަމްޒާ ލައްވާ ތިކުރުވާ ކަންތައް ހުއްޓާލާ......... ނޫރާއާ ހަމްޒާ ގުޅުން އެއީ އަހަރެމެން އެދޭ ކަމެއް ނޫން.......'' މުސްތަފާގެ ބަސްތަކުގައި ހަރުކަށިކަން ހުރިނަމަވެސް އޭނާ ވާހަކަ ދެއްކީ ރީތިކޮށެވެ.
ލަޔާލް އަވަސް އަވަހަށް ކާރުން ފައިބައިފިއެވެ. ނޫރާއަށް އެ ދައްކާ ވާހަކަ ކުޑަކޮށްވެސް އަޑުއިވެން އޭނާ ބޭނުން ނުވާތީއެވެ.
''އަޅުގަނޑު ހަމްޒާ ލައްވާ އެއްވެސް ކަމެއް ނުކުރުވަން.......... ނޫރާއާ ހަމްޒާ ވާހަކަ ދައްކަނީ ހަމްޒާ ބޭނުންވެގެން...... އަދި ނޫރާވެސް ބޭނުންވެގެން..........'' ލަޔާލްއަށް ބުނެވުނީ އެހިސާބަށެވެ. މުސްތަފާ ވާހަކަ ދައްކަން ފެށިއެވެ.
''އާނ...... ނޫރާ ބޭނުންވެގެން ކުރާ ކަމަކުން އަހަރެމެންގެ މުޅި ދިރިއުޅުމުގެ ހަމަޖެހުން ގެއްލިއްޖެ....... ހަމްޒާގެ މަންމައަކީ ހިތުގެ ބަލި މީހަކަށްވީރު، ތިވާހަކަ އިވުނީއްސުރެ އެ މަންމަ އޮންނަންޖެހުނީ ހޮސްޕިޓަލުގަ.......މިއީ މީހަކަށް ދެވޭ ވަރަށްބޮޑު އަނިޔާއެއް.......... އަހަރެން ތިކަންކަން ހިނގިގޮތާ ހިނގާގޮތް ވަރަށް ރަނގަޅަށް ބަލައިފިން........ ލަޔާލް ވެސް ބައިވެރިވެގެން ހަމްޒާ ލައްވާ ތިކަމެއް ތިކުރުވަނީ....... އެކަމުން ކަލޭމެނަށް ވާން އޮތް ފައިދާއަށް ވިސްނާފަ، ހަމްޒާގެ ބޮލަށް އެރިގެން ތިކަން ތި ކުރިއަށް ގެންދަނީ......... ލަޔާލް ބުނޭ......... ކިހާވަރެއް ބޭނުމީ........ ކަލޭމެންގެ ދިރިއުޅުން ރަނގަޅު ފެންވަރަކަށް ގެންނަން އަހަރެން އެހީވެދޭނަމޭ ....... ބަދަލުގަ ކަލޭމެން ހަމްޒާ ލައްވާ ތިޔަ ކުޅުވާ ކުޅިގަނޑު ހުއްޓާލާ.........'' މުސްތަފާ އެކީ އެކައްޗަކަށް އޭނާ ކިޔަންބޭނުން ހުރިހާ އެއްޗެއް ކިޔާލިއެވެ. ހީވަނީ ކުރިން ފަރިތަކޮށްފައިވާ އިބާރާތްތަކެއް ކިޔާލިހެންނެވެ.
''ކީއްވެ އެއްޗެކޭ ނުބުނީ.........'' ލަޔާލް އެއްޗެއް ނުބުނެ ހުންނަންފެށުމުން މުސްތަފާ އަހާލިއެވެ.
''ހަމްޒާ ކުރާ ކަމެއް ހުއްޓާލެވޭނީ ހަމްޒާއަށް....... ތިޔަކަމުގަ އަހަންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް........ އަދި ހަމްޒާ ބައްޕަ އަތުން އެންމެ ފައިސާފޮއްޗެއްވެސް އަހަރެން ބޭނުމެއް ނޫން.......'' ލަޔާލް ސާބިތުކަމާއެކު ބުނެލިއެވެ.
މުސްތަފާ އިތުރުއެއްޗެކޭ ނުބުނެ ފޯނު ބޭއްވިއެވެ. ފޯނު ކެނޑުމުން ހަމްޒާ ބައްޕަ ގުޅި ނަމްބަރު ސޭވް ކޮއްލިއެވެ. ފޯނު ޖީބަށް ލުމަށްފަހު ކާރަށް އަރާ އިށީނެވެ. ހުންގާނުގައި ދެއަތުން ހިފަހައްޓާ ބާރުކޮށްލުމަށްފަހު ފުންނޭވާއެއް ބޭރުކޮއްލިއެވެ.
''ކިހިނެތްވީ....... ހާދަ ފާޑަކަށް......... ކާކުތަ ގުޅީ........؟ ލަޔާލް ގެ މޫނަށް ބަލާލަމުން ނޫރާ އަހާލިއެވެ. ކުއްލިޔަކަށް ލަޔާލްގެ މޫނުގައި ހުރި ހިތްހަމަޖެހުން ފިލާ، މޫނުމަތީން ފެންނަންހުރި ނުތަނަވަސްކަން ނޫރާއަށް ފާހަގަ ކުރެވުނެވެ. އަދި އޭނާގެ ހަރަކާތްތައް ހުރިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެއޭ ނޫރާގެ ހިތަށް އެރިއެވެ.
އެވަގުތު ނޫރާގެ ފޯނު ރިންގުވާންފެށިއެވެ. ލަޔާލްގެ ހިތް ތެޅިގަތެވެ. މުޅިގަޔަށް ފިނިގަނޑެއް އަރައިގެން ދިޔަހެންހީވިއެވެ.
''މިހާ ލަސްކޮށް ކާކުބާ........ އަހަރެން ލަސްވެގެން މަންމަ ކަންނޭގެ ދޯ އެގުޅަނީ......... '' ދަބަސްތެރެއިން ރިންގުވަމުން ދިޔަ ފޯނު ނެގުނީ އިރުކޮޅެއް ފަހުންނެވެ. ސްކްރީންއަށް އަރާފައި އޮތީ ނޫރާ ދަންނަ ނަންބަރެއް ނޫނެވެ. ނޫރާއަށް ނޭނގުނަސް ލަޔާލް އަށް އެ ނަމްބަރު އެނގެއެވެ. ހަތަރު ނުވައެއް ކުރިއަށް އިން އެ ނަމްބަރަށް ލަޔާލް ޖަވާބު ދިނީ ހަމަ ދެންމެއެވެ.
''ނޫރާ ތިޔަ ކޯލަށް ޖަވާބު ދޭނެ ކަމެއް ނެތް........'' ލަޔާލްއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ލަޔާލް އެހެން ބުނުމުން ނޫރާ ހައިރާންވިއެވެ.
''ކީއްވެ........؟ ލަޔާލްއަށް އެނގޭތަ މިނަމްބަރު.......'' ނޫރާ ސުވާލުކޮށްލިއެވެ.
''ނޫން........ ނޭނގޭ....... އެކަމަކު މިހާ ދަންވަރު އަންނަ ނުދަންނަ މީހުންގެ ކޯލުތަކަށް ޖަވާބު ދިނުން ރަނގަޅެއް ނުވާނެ........'' ލަޔާލް ކާރު ދުއްވާލަމުން ބުނެލިއެވެ. އެވާހަކަ ނޫރާއަށްވެސް ޤަބޫލު ކުރެވުނެވެ.
ކޯލު ކެނޑުނެވެ. އެހެނަސް މާ ގިނައިރެއް ނުވެ ދެވަނަފަހަރަށް ގުޅިއެވެ. ހަމަ އެ ނަމްބަރުންނެވެ.
ލަޔާލްއަށް ކާރުގެ ބުރަކި ޖައްސާލެވުނީ ބޭ އިޚްތިޔާރުގައެވެ. ގޯޅިއަޅަށް ދިޔަ ވަގުތު ކަމުން ކާރަށް އެރި ލޮޅުމުގައި ނޫރާ އަރިއަޅާލިއެވެ. އަރިވެގެން ދިޔަ ގޮތުން ނޫރާއަށް ހިފަހައްޓާލެވުނީ ލަޔާލް ހުންގާނުގައި ހިފަހައްޓައިގެން އިން އަތުގައެވެ. ހުންގާނުގެ ކޮންޓްރޯލް ނެއްޓި ކާރު ފާރުގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. ވާރޭ ވެހެމުންދާތީ މަގުމަތީގައި ދުއްވާ އެއްޗިހި މަދުވުން އެއީ އެމީހުންގެ ނަސީބެވެ. ނޫރާ އަވަސްއަވަހަށް ލަޔާލްގެ އަތުން ދޫކޮށްލުމަށްފަހު، ޝީޓުގައި ހަމަޖެހިލިއެވެ.
އެމީހަކު އެހާ ގިނައިން އެގުޅަނީ ޔަގީނުންވެސް ކޮންމެވެސް މުހިއްމުކަމެއް އޮތުމުން ކަމުގައި ނޫރާއަށް ގަބޫލު ކުރެވުނެވެ. ފަހަރެއްގައި އެ ގުޅަނީ ހަމްޒާ ނޫންބާވައޭވެސް ނޫރާ ހިތަށް އެރިއެވެ. ފަހަރެއްގައި ނޫރާއަށް ސަޕްރައިސެއް ދިނުމުގެ ގޮތުން ހަމްޒާ ގުޅަނީ ނޫންބާވައޭވެސް ހީވިއެވެ.
''ކޮންމެވެސް ކަމަކު ހެން ހީވަނީ އެވަރަށް އެ ގުޅަނީ........ ފޯނު ނަގަންތަ؟......'' ނޫރާ މަޑުމަޑުން އަހާލިއެވެ.
ތަކުރާރުކޮށް އެ ނަމްބަރުން ގުޅަމުންދާތީ ލަޔާލްވެސް އިނީ އިންތިހާއަށް ނުތަނަވަސް ވެފައެވެ. އެ ގުޅަނީ ކާކުކަން އެނގޭތީ، ލަޔާލް އިނީ ދެންވެދާނެ ގޮތަކާދޭތެރޭ ވިސްނާށެވެ. މުސްތަފާ ދެއްކި ހުރިހާ ވާހަކައެއް އޭނާގެ ކަންފަތުގައި ހަރުލާފައި އެބަހުރިމެއެވެ. ލަޔާލްއަށް އެ ވާހަކަތަކަށް ކެތް ކުރެވުނަސް ނޫރާއަށް ކެތް ނުވާނެކަން ލަޔާލްއަށް އެނގެއެވެ.
ލަޔާލްއަށް ވިސްނުނީ ނޫރާ ގެއަށް ދާ ފަހުންވެސް އެ ކޯލު އަންނާނެކަމެވެ. އަދި ނޫރާ އެކަނި ހުރެ އެ ކޯލަށް ޖަވާބުދީފިނަ ދެންވާނެ ގޮތަކާ ދޭތެރޭގައި އޭނާ ކަންބޮޑުވިއެވެ. އަވަސް ހަރަކާތަކާއެކު ނޫރާ ކަންފަތުގައި ފޯނު ޖައްސާލިއެވެ.
''ނޫރާ..........'' ކާރު މަގުގެ އެއްފަރާތަށް ޖައްސާލުމަށްފަހު ލަޔާލް ނޫރާ އަތުން ފޯނު ދަމައިގަތެވެ. ލަޔާލް ބަލަން އިނީ ނޫރާގެ މޫނަށެވެ. ލަޔާލްގެ މޫނުން ފެންނަންހުރި ހާސްކަމާ ނުތަނަސްކަން ނޫރާއަކަށް ސިއްރެއް ނުވިއެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް އެނގެއެވެ. އެހެންނޫނަމަ ލަޔާލްގެ މޫޑު ބަދަލެއް ނުވާނެއެވެ.
''ހަލޯ....... ނޫރާ........ މީ ހަމްޒާގެ ބައްޕަ..........'' ފޯނު ދަމައިގަތުމުގެ ތެރޭގައި ކޯލު އޮތީ ސްޕީކަރަށް ލެވިފައެވެ.
''ހަމްޒާ ބައްޕަ....... ދީބަލަ ފޯނު.......'' އަތް ދިއްކޮލަމުން ނޫރާ އެދުނެވެ. ލަޔާލް ނޫރާގެ އަތަށް ފޯނު ދިނެވެ.
''ހަލޯ.....ހަމްޒާ ބައްޕަ ހާލު ކިހިނެތްތޯ........'' ކަންފަތުގައި ފޯނު ޖައްސާލަމުން ނޫރާ ޖަވާބުދިނެވެ. ފުރަތަމަ ފަހަރަށް ހަމްޒާގެ ބައްޕައާ ވާހަކަ ދައްކަން ޖެހުމުން ނޫރާ އިނީ ފިނިވެފައެވެ.
''ނޫރާ ކައިރިން ވަރަށް ބޮޑު ކަމަކު އެދެންވެގެން މި ގުޅާލީ.........'' މުސްތަފާ ވާހަކަ ފެށިއެވެ. އޭނާ ބޭނުންވާ އަމާޒަށް ވާސިލްވުމަށް ފަސޭހަ ވާނެގޮތް ބަލައިގެންނެވެ.
''ނޫރާއަށް އެނގޭތަ ހަމްޒާގެ މަންމަ އަކީ ހިތުގެ ބަލިމީހެއްކަން...... ހީވަނީ ހަމްޒާ ބުނެފަހެން އޮންނާނީ......'' މުސްތަފާ ވާހަކަ މެދުކަނޑާލީ ނޫރާއަށް އެކަމާ ދޭތެރޭ އެނގިފައިވާ އެއްޗެއް ދެނެގަތުމަށްހެން ހީވެއެވެ. ލަޔާލް ނޫރާ އަތުން ފޯނު އަތުލާ ސްޕީކަރަށް ލިއެވެ. އެދައްކާ ވާކަހަ ލަޔާލްއަށްވެސް އިވެން ޖެހޭނެކަމަށް ފެންނާތީއެވެ.
''ނޭނގި އޮތިއްޔާ އަޑުއަހާ........ ހާލު ސީރިއަސްވެ، ހަމްޒާ މަންމަ މިވަގުތުވެސް އެއޮތީ ހޮސްޕިޓަލުގައި....... އެނގޭތަ ކާކުގެ ސަބަބުންކަން.......... ނޫރާގެ ސަބަބުން....... މިހެން ބުނީމާ ނޫރާ ހައިރާންވެސްވެދާނެ....... ނޫރާއާ ހަމްޒާ ގުޅެން ބޭނުންވިކަން އެނގުނު ވަގުތުން ފެށިގެން، ހަމްޒާގެ މަންމަގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހިއްޖެ...........ސަބަކީ ހަމްޒާ ނޫރާއާ ގުޅެން ހަމްޒާގެ މަންމަ ނުރުހޭތީ....... ހަމްޒާގެ ކައިވެނި އެހެން ކުއްޖަކާ ކުރުމަށް ނިންމާފައިވާތީ .......މިއީ މާކުރިން ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ.........'' މުސްތަފާ ބޭނުންވީ ކޮންމެފަދަ ދޮގެއް ހަދައިގެން ވިޔަސް ހަމްޒާއާ ނޫރާ ދުރުކުރުވާށެވެ.
''އެހެންވީމާ މީ ހަމްޒާ ދެކެ ނޫރާ ލޯބިވާކަމަށް ތިކުރާ ދަޢުވާ ސާބިތު ކޮށްދޭންވީ ވަގުތު ކަމަށް ބަލާ...... ނޫރާއަށްވެސް އެނގޭނެ މައިންބަފައިންގެ ނުރުހުމުގައި ކުރާ ކައިވެންޏެއް ގިނަދުވަހަކަށް ދެމިއެއް ނޯންނާނެކަން....... ހަމްޒާ ދެކެ ނޫރާ ލޯބި ވަންޏާ.......... ހަމްޒާގެ މައިންބަފައިންނަށްޓަކައި ނޫރާ ހަމްޒާއާ ދުރަށް ޖެހިލާ..........
އަހަރެމެން ވަރަށް އާދޭހާއެކު ނޫރާގެ ކިބައިން އެދޭ ހަމައެކަނި އެދުން ފުރިހަމަކޮށްދީ ނޫރާ ........ ބަދަލުގައި ނޫރާ ބޭނުން ވާކަމެއް އޮތިއްޔާ އެކަމެއް އަހަރެމެން ކޮށްދޭނަން........ ފައިސާ ކަމަށްވިޔަސް ހެޔޮ..........ނޫރާ ބޭނުން ކޮންމެ އަގެއް އަހަރެމެން މިތިބީ ދޭންތައްޔާރަށް..........'' މުސްތަފާ ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން އިން އިރު ނޫރާ އިނީ ބަސްހުއްޓިފައެވެ. ހިތަށް ކުރަމުންދިޔައީ ބަޔާންކޮށްދޭން ދަތި އަސަރުތަކެވެ. ނަތީޖާއެއްގެ ގޮތުން، އެ ރީތި ދެލޯފުރި ކޯތާފަތްމަތިން ކަރުނައިގެ ކޯރެއް ދެމުނުތާ ކިތަންމެ އިރެކެވެ.
''އެހެންވީމާ އުންމީދުކުރަން ހަމްޒާގެ މައިންބަފައިން މި އެދުނު ކަންތައް ނޫރާ ކޮށްދޭނެކަމަށް........ ހަމްޒާގެ މަންމަގެ ފުރާނައަށްޓަކައި........ އަދި އެއްވާކަހަ ބުނެލާނަން........ އަހަރެން މި ދެއްކި ވާހަކައިން އެއްވެސް މިންވަރެއް ހަމްޒާ އަށް އަންގަން މަސައްކަތް ނުކުރާތި........ އެކަން އެގޮތަށް ކުރަން މަސައްކަތްކޮށްފިނަމަ، ނަތީޖާ ވަރަށް ގޯސްވާނެކަން ހަންދާންކުރާތި........... ނޫރާ އަޅާ ކަތިފިޔަވަޅެއްގެ ސަބަބުން ހަމްޒާގެ މަންމަގެ ހާލު ބޮޑުވެ ލިބޭ ކޮންމެ ގެއްލުމެއްގެ ޒިންމާ ނަގަންޖެހޭނީ ނޫރާ ކަންވެސް ހަނދާންކުރާތި.......... '' މުސްތަފާ ފޯނު ކަނޑާލުމާއެކު ނޫރާ މޫނުގައި ދެއަތް އެޅުމަށްފަހު ރޯންފެށިއެވެ. ބާރަށެވެ. ގިސްލަމުންނެވެ. ހިތްފަޅައިގެން ދާހާ ވޭން އެ އަޑުގައި އެކުލެވިގެންވެއެވެ.
''ނޫރާ....... ދެން ހުއްޓާލާ........... '' ލަޔާލް މަޑުމަޑުން ނޫރާގެ މޫނުން ދެއަތް ނެއްޓޭތޯ އިނގިލިތަކުގައި ހިފާ ދަމާލިއެވެ. ބަދަލުގައި ނޫރާގެ ގިސްލުންވީ ހައްތަހާ އިތުރެވެ. ނޫރާ އެގޮތަށް ރޯތަން ބެލުމަކީ ލަޔާލްއަށް ކުޅަދާނަކަމެއް ނޫނެވެ.
''ނޫރާ ޕްލީސް ........ ދެން ނުރޮއި ހުއްޓާލާ......... ނޫރާ ތިގޮތަށް ރޯތީ އަހަރެން ވަރަށް ދެރަވޭ.........'' ލަޔާލް ދެވަނަ ފަހަރަށްވެސް މަސައްކަތް ކުރީ ނޫރާގެ މޫނުގައި އަޅާފައިވާ ދެއަތް ނައްޓާލެވޭތޯއެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވިއެވެ. އެންމެފަހުން ލަޔާލް ބޭނުންވީ ނޫރާ ބޭނުން ވަރަކަށް ރޯން އޭނާ ބޭންދުމަށެވެ. ބައެއްފަހަރު ރޯލުމަކީވެސް ހިތަށް ލުއިކަން ލިބޭ ކަމެކޭ ބުނާތީ އޭނާއަށްވެސް އިވިފައިވެއެވެ.
''މި ގުޅަނީ ހަމްޒާއަށް........'' އެތައް އިރެއްވީ އިރުވެސް ނޫރާ ރުއިން ހުއްޓާ ނުލުމުން، ލަޔާލް ބޭނުންވީ ހަމްޒާއަށް ގުޅާށެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 03 އޭޕްރީލް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް