ވާހަކަ: ލޯބިވޭ އިންތިހާ – ތޭވީސް ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ''އާނ......... އެހެންވީމަ އެ ދިޔައީތާ ދޯ........ ދެދުވަހެއް ފަހުން ދާ ވާހަކަ ބުނެފަ ދަތުރު އަވަސްކޮއްލީ ތޯއްޗެއް.......އެކަމަކު ހަމްޒާ އަށް ތި ވިޔަފާރީގެ ވާހަކަ އަދި ދައްކާނެ ކ...

27 Mar 2025 | 08:43

ކުރީގެ އަދަދާއި ގުޅޭ...

''އާނ......... އެހެންވީމަ އެ ދިޔައީތާ ދޯ........ ދެދުވަހެއް ފަހުން ދާ ވާހަކަ ބުނެފަ ދަތުރު އަވަސްކޮއްލީ ތޯއްޗެއް.......އެކަމަކު ހަމްޒާ އަށް ތި ވިޔަފާރީގެ ވާހަކަ އަދި ދައްކާނެ ކަމެއްނެތް........ އަދި ވިޔަފާރީގެ ތެރެއަށް ވަދެވޭވަރެއް އޭނާއަކަށް ނުވޭ...........'' މުސްތަފާ ބެލީ އޭނާގެ އާއިލާގެ ޤަދަރާ އަގު ވެއްޓިދާނެ ފަދަ ކަމެއް ހިނގައިގެން އުޅޭކަން އެއްވެސް މީހަކަށް ނާންގާވޭތޯއެވެ. އެހެންކަމުން ސައުދަށް ޝައްކެއްވެސް ނުވާނޭ ހެން ވާހަކަ ހަމަޖައްސާ ނިންމާލިއެވެ. ފޯނު ބޭއްވި އިރު މުސްތަފާގެ މޫނުމަތިން ހިތްހަމަ ނުޖެހުމާ ރުޅިވެރިކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.

ހަވީރެއްގެ ހިތްގައިމު ވަގުތެވެ. މާލޭގެ ހަލަބޮލި މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ސަކީނާ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ގެއަކީ ހަތް ބުރިއަށް ހަދާފައިވާ ގެއެއްކަމުން ޓެރަހުގައި ހުންނައިރު ނިކަން ހިތްގައިމު ވައިރޯޅީގެ ފިނިކަން އިހްސާސް ކުރެވެއެވެ. ދުއްވާ އެއްޗެއްސާ މީހުން ތޮއްޖެހިފައިވާ މާލޭގައި،  ހިރަފުހާ ދުއްވާ އެއްޗިހީގެ ވިހަ ދުންތަކާ ނުލާ އަންނަ ވައިރޯޅިއެއްގެ އިހްސާސް ކުރެވޭނީ މިކަހަލަ ގޮތަކަށެވެ.

ޓެރަސްގެ އެއްފަރާތެއްގައި ބަހައްޓާފައި ހުރި އުނދޯއްޔެއްގައި މުސްތަފާއިނެވެ. އަތުގައި ހުރި ކޮފީތަށިން އިރުއިރުކޮޅާ ކޯވަރެއް ބޯލައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސަކީނާއާ ދިމާއަށެވެ. މުސްތަފާ އިންގޮތުން ހީވަނީ ނިކަން ފުން ވިސްނުމެއްގައި އިންހެނެވެ.

''ކޮންކަމަކާ ތިޔަ ވިސްނަނީ....... ވިޔަފާރީގެ ކަމެއްތަ؟.........'' މުސްތަފާ އިށީދެ އިން އުނދޯއްޔާ ދިމާއަށް އެނބުރިލަމުން ސަކީނާ އަހާލިއެވެ. ނޭވާ ލުމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް ހުއްޓަސް، މިހާރު ސަކީނާ އަންނަނީ ރަނގަޅުވަމުންނެވެ. ގޭތެރޭގައި ހެލިފެލިވެ އުޅުމަށް ސިއްހަތު ތަން ނުދިން ނަމަވެސް، ގޭތެރެއަށް ނުކުމެ މީހުން ފެންނަހިސާބުގައި ގިނަ ވަގުތު ހޭދަކުރުމަށް އޭނާ ސަމާލުކަން ދެއެވެ. އެއީ ޑޮކްޓަރުންވެސް އޭނާއަށް އިރުޝާދު ދެއްވައިފާވާގޮތެވެ.

''މިހާރަކަށް އައިސް މާ ބޮޑު ފިކުރެއްގައި އިންނަހެން ހީވާތީ އަހާލީ.......'' މުސްތަފާގެ މޫނަށް ފުންކޮށް ބަލާލަމުން ސަކީނާ ބުނެލިއެވެ.

''އާނ........ ފިކުރު ނުކޮށެއް ވާކަށް ނެތެއްނު........ކަންތައްތައް މިހިރަ ވާގޮތުން ފިކުރުވެސް ކުރެވޭނެ........'' ފުން ވިސްނުމުގެ ތެރޭގައި އިނދެ މުސްތަފާ ޖަވާބު ދިނެވެ.

''ކަންތައްތަކޭ........ އަނެއްކާ ކިހިނެއްވީ........ ވިޔަފާރީގެ ކަމެއް ގޯސްވީތަ؟.......'' އުނދޯލީގެ އެއްފަރާތެއްގައި ހުރި ސޯފާ ގޮނޑިއެއްގައި ސަކީނާ އިށީދެލިއެވެ.

''ނޫނޭ........ އެކަހަލަ ކަމެއް ނޫން........ މި ވިސްނަނީ އެކުދިން ކައިރިއަށް މެލޭޝިޔާއަށް ގޮސްލަން ކަމަށް..........ދުވަސްކޮޅަކަށް އެކުދިންކައިރިއަށް ދިރިއުޅުން ބަދަލުކޮއްލާނަމޭ މިހިތަށްއަރަނީ....... މިހާރު އެކުދިންވެސް ތިބޭނީ އަހަރެމެން ދެކޭހިތުން........ ބޮޑުމަންޖެވެސް ކިހާވަރަކަށް އެކިޔަނީ މަންމަ ގޮވައިގެން އަންނާށޭ........ އެކުދިން ބުނާގޮތްވެސް ހަދަންވާނެ....... އަނެއްކޮޅުން ސަކީނާ ޑޮކްޓަރަށް ދައްކާލާ ޗެކަޕް ހަދާލަންވެސް އެކޮޅު މާ ރަނގަޅުވާނެއޭ މިހިތަށްއަރަނީ..........'' މުސްތަފާ ކިޔައިދިނީ އޭނާ ވިސްނަމުންދާ ކަންތައްތަކުން ކުޑަ މިންވަރެކެވެ. ސަކީނާއަށް އަންގަން ޖެހޭ ކަންތައްތަކާ އަންގަން ނުޖެހޭ ކަންތައްތައް ނުހަނު ރަނގަޅަށް މުސްތަފާއަށް އެނގެއެވެ.

''އެކަމަކު ހަމްޒާ އެކަނި ބަހައްޓާފަ ކިހިނެތްދާނީ........'' ސަކީނާ ކަންބޮޑުވީ ހަމްޒާއާ ދޭތެރޭގައެވެ.

''ހަމްޒާ ދާނެ..........'' މުސްތަފާ ޖަވާބު ކުރުކޮއްލިއެވެ.

''އެސޮރު ބުނި މާދަމާ ރިސޯޓުން އަންނަވާހަކަ......ދަތުރު މަޖާކަމުން އިތުރު އެއްދުވަސް މަޑުކުރާ ވާހަކަ އިއްޔެ ގުޅާލީމަ ބުނީ . ހަމްޒާ އައިމަ އެވާހަކަ ދައްކާލަންވީނު....... '' ކުރިމަތީގައި ހުރި މޭޒުމަތީން ދުފާތަބަށް ނަގަމުން ސަކީނާ ބުނެލިއެވެ.

''އާނ ދަތުރު........ މަޖާވާނެތާދޯ.........'' މުސްތަފާ އާދައިގެ ގޮތަކަށް ބުނެލިއެވެ. އެ ބުނިއެއްޗެއްގެ ހަޤީގީ މާނަ އެނގެނީ ހަމައެކަނި މުސްތަފާއަށެވެ.

''ދާނެ ދުވަހެއް ނިންމާނި ހަމްޒާ އައިމަ ދޯ ......... އެސޮރު ބޭނުންގޮތެއްވެސް ބަލާލަން ވާނެ........'' ސަކީނާއަށް ވިސްނެނީ ހަމްޒާ އާ ދޭތެރޭގައެވެ. ހަމްޒާ ނުރުހިދާނެތީވެސް އޭނާ ކަންބޮޑުވެއެވެ.

'ކޮންމެ ފަހަރަކު އެތައް ބަހަނާއެއް ދައްކާ ނުދާންވެގެން އުޅޭނީ ........ ހަމްޒާ އެހާ ގަޔާވާ ކަމަކަށް ނުވޭ އެކޮޅަށް ބަދަލުވާކަށް........''  ސަކީނާ ބަލާލީ މުސްތަފާގެ މޫނަށެވެ.

''ކޮންމެ ކަމަކަށް ހަމްޒާގެ ރުހުން ހޯދަން ވެއްޖެއްޔާ، އެއްވެސް ކަމެއް އަހަރެމެން ބޭނުންވާ ގޮތަކަށް ނުކުރެވޭނެ........ ސަކީނާ މާބޮޑަށް ދޫދޭތީ ހަމްޒާ ކަންކަމުގަ ބޮޑާހާކާ ދެކޮޅު ހަދަނީވެސް ........ މައިން ބަފައިންނަށް ވީތީ އަހަރެމެންގެ ބަސް އޭނާގެ މައްޗަށް ހިނގަންޖެހޭނެ ............'' މުސްތަފާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ހުރިކަމުގައި ސަކީނާއަށް އިހްސާސް ކުރެވުނެވެ. ހަޤީގަތުގައި މުސްތަފާ އިނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އެހެނަސް ސަކީނާއަށްޓަކައި އެ ހިތްހަމަނުޖެހުންވެސް އޭނާ އެއިނީ އެތެރޭގައި ހިފަހައްޓާލއިގެންނެވެ. ސަކީނާއަށް ވެދާނެ ގޮތަކާ ދޭތެރޭ މުސްތަފާ ވިސްނާލެއް ބޮޑުކަމުންނެވެ.

*******

ޖެހިގެން އައި ދުވަހެވެ. ހަމްޒާ އަށް އެއާޕޯޓުން ގެއަށް އާދެވުނީ އިރާކޮޅުއެވެ. އޭރު ނުވައެއް ޖަހައިފިއެވެ. ގޭތެރެއަށް ވަންއިރު މަންމަ އޭނާގެ އިންތިޒާރުގައި ސިޓިންރޫމު ސޯފާގައި އިނެވެ. އެއީ އޭނާއަށް މާކުރިންވެސް އެނގޭކަމެކެވެ. ހަމްޒާ ކިތަންމެ ކުރު ދަތުރަކު ރަށުން ބޭރަށް ދިޔަޔަސް އޭނާގެ މަންމައަށް ހީވާނީ އެތައް ދުވަހެއް ވާހެނެވެ. އަންނަ ދުވަހަކާ ގަޑިއަށް ދަންދެން ބަލާނެއެވެ.

''ދަރިފުޅާ..........  ހިނގާ ދަބަސް ބަހައްޓާފަ ކާން......... މަންމަ ވެސް ނުކައި މި އިނީ ދަރިފުޅު އަންނަވާހަކަ ބުނެފަ އޮތީމަ..........'' ހަމްޒާ ފެނުމާއެކު ސަކީނާ ހިނިތުންވެލިއެވެ.

''މަންމާ........ކިހިނެތް........ މިހާރު ރަނގަޅުތަ؟......... ސޮރީ މަންމަ ބަލިވެ ހޮސްޕިޓަލުގައި އޮއްވާ ދާން ޖެހުނީމަ.......... '' ހަމްޒާ ކޮނޑުގައި އަޅުވާފައިއޮތް ދަބަސް ނައްޓުވާލަމުން ތިރީގައި ބެހެއްޓިއެވެ. އަދި  އޭނާގެ މަންމަގެ ގާތުގައި ސޯފާގައި އިށީނދެލިއެވެ.

''މަންމަ މިހާރު ހަމަ ރަނގަޅު އިރާދަކުރެއްވީތީ......... އެކަމަކު ދަރިފުޅު ހީވޭ ކަޅުވެފަ ހުރިހެން.......... މޫދަށް ދިޔައީމަދޯ މާގިނައިން.........'' ސަކީނާ ނިކަން ލޯބިން ހަމްޒާގެ ބޮލުގައި ފިރުމާލިއެވެ.

''މަންމަ ދައްކާ ވާހަކަ........ ކަޅު މީހުން ދެން އިތުރަށް ވާނެ ކަޅެއް އޮންނާނެތަ........އަހަރެންމީ ދޮންމީހެއް ނޫނެއްނު.......މިހިރީ..........'' ހަމްޒާ އޭނާގެ އަތުގެ މުލައްދަނޑި އޭނާގެ މަންމަ އަށް ދައްކާލަމުން ހީލިއެވެ.

''ދޮންތަމެންހާ ދޮން ނުވިޔަސް......... ދަރިފުޅުވެސް ނުކިޔާނެ ކަޅު މީހަކަށް........'' ސަކީނާ ވާހަކަދެއްކީ ނިކަން ލޯބިންނެވެ.

''އާން އަހަންނަށް ލިބިފަ މިހުރީ ބައްޕަގެ ކުލަވިއްޔާ ދޯ........ '' ހަމްޒާ ސޯފާމައްޗަށް ދެފައި އަރުވާލަމުން އޭނާގެ މަންމަގެ ފައިގައި ބޯއަޅާލިއެވެ. ސަކީނާ ނުހަނު ލޯބިން އޭނާގެ ލޯބިވާ ދަރިފުޅުގެ  އިސްތަށިގަނޑު އަތުން ތަރުތީބު ކޮއްލިއެވެ. ލޯމަރާލައިގެން އޮތް ހަމްޒާގެ މޫނަށް ބަލާލުމާއެކު މައިވަންތަ ކަމުގެ ލޯބިން އޭނާގެ ހިތް ފުރި ބަންޑުންވިއެވެ.

''ހަމްޒާ........ އައީތަ........؟' ސިޑިން ފައިބައިގެން ތިރިއަށް އައި މުސްތަފާ ބުނެލިއެވެ. އެ ދެމައިންގެ ވާހަކަ އަޑުއަހަން މުސްތަފާ ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. ހަމްޒާ އައިތަނަކާ، ދިޔަތަނަކާ އުޅުނުގޮތެއް މުސްތަފާއަށް އެނގެއެވެ. އެހެންނަމަވެސް މުސްތަފާ ހަމަ އެއްވެސް ކަމެއް ދެނެހުރިކަމަކަށް ނުހަދައެވެ.  ހަމަ އާދައިގެ ގޮތަކަށް ވާހަކަ ދައްކާލުމަށްފަހު ނުކުމެގެން ދިޔައީ މިރޭ އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށް ބުނަމުންނެވެ.

މުސްތަފާ އެދިޔަގޮތަށް ދިޔައީ ޓިކެޓް ކަންތައް ހަމަޖައްސާށެވެ. ހަމްޒާގެ ޕާސްޕޯޓް ކޮޕީއެއް އޮތަތީ ހަމްޒާއަށް އެނގުމަކާ ނުލާ އެކަން ނިންމާލެވޭގޮތް ވިއެވެ. ޓިކެޓް ކަންތައް ނިންމާލުމަށްފަހު އޭނާ ބޭނުންވީ އޭނާގެ ވިޔަފާރީގެ މަސައްކަތްތައް ކުރިއަށްގެންދާ އޮފީހުގައި މަޑުކޮށްލާށެވެ. މުސްތަފާ އިންތިޒާރު ކުރަމުންދަނީ ގަޑިން އެގާރަޖަހާނެ އިރަކަށެވެ.

*******

އާދައިގެ މަތިން ނޫރާ ނިމޭގަޑިއަށް ލަޔާލް ނޫރާ ބަލާއައެވެ.

''ނުނިމޭތަ.........ބޭރުގައި އެބަ ހުރިން އިނގޭ ........'' ލަޔާލް ފިހާރައިގެ ދޮރުން އެތެރެއަށް ބޯދިއްކޮއްލަމުން ބުނެލިއެވެ. އޭރު ނޫރާ އިނީ އެރޭ ލިބުނު ފައިސާގެ ހިސާބު ބެލުމުގައެވެ. ކައިރީގައި ނާޝިދާވެސް އިނެވެ.

''ބަލާ އައީދޯ...... ނޫރާ  ހާދަ ނަސީބު ރަނގަޅޭ....... ލަޔާލް ކަހަލަ ރީތި ޒުވާނެއް ލިބޭނީ ވަރަށް ނަސީބު ރަނގަޅު މީހަކަށް.......'' ނާޝިދާ ނޫރާއާ ދިމާކޮއްލުމުގެ ގޮތުންބުނެލިއެވެ.

''ކޮބާ ނިމުނީތަ........ ސައުދުބެއަށް މިރޭ މިވަދެވުނީ މާލަހުންދޯ....... ދެން ތިޔަކުދިން ގެޔަށް ދިޔަޔަސް އެންމެ ރަނގަޅު........ ހީވަނީ ވަރަށް ބޯކޮށް ވާރޭވެސް އަންނަންއުޅޭހެން........ ސައުދުބެ ނިންމާލާނަން ބާކީހުރިބައި........'' އެވަގުތު ފިހާރަތެރެއަށް ވަދެގެން އައީ ސައުދެވެ. ބޮލުގައި ހުރި ފެންތައް ފޮޅާލަމުން ކައުންޓަރު ކައިރިއަށް އޭނާ ޖެހިލިއެވެ. ސައުދުގެ ރަނގަޅުކަމަކީ އެއީއެވެ. ފިހާރައިގައި މަސައްކަތްކުރާ ކުދިންނާ ދޭތެރޭވެސް އޭނާ ކަންތައްކުރަނީ ނިކަން ހިތްހެޔޮކަމާ އޯގާތެރިކަމާއެކުގައެވެ. ބާރަށް އެއްޗެކޭ ނުބުނެއެވެ. ހިތްހަމަ ނުޖެހޭ ކަމެއް ދިމާވިޔަސް، މަޑުމައިތިރިކަމާއެކު އެކަމެއްގެ ވާހަކަ ދައްކާ ވިސްނައިދެއެވެ. ކުރަންވީ ކަންތައްތައް ބުނެދީ، ކުރާގޮތްބަލާ ރަނގަޅު ކުރަންވީ ކަންކަން ކިޔައިދީ ބުނެދެނީވެސް އެހާ ގާތްކަމާއެކުގައެވެ.

ކައުންޓަރުގެ ވަތްގަނޑު ލައްޕާލުމަށްފަހު ނޫރާ ތެދުވިއެވެ. އޭރު ނާޝިދާ ބޭރަށް ނުކުމެއްޖެއެވެ.

ނޫރާވެސް ދަބަސް ހިފައިގެން ބޭރަށް ނުކުތެވެ. ލަޔާލް ފެންނަންނެތުމުން ދެކޮޅު ހޯދާ ބަލާލިއެވެ. އޭރު ތުނިތުނިކޮށް ވާރޭ ވެހެއެވެ. ވައި ބާރެވެ. ދެންމެ ދެންމެ ވާރޭ ބޯކޮއްލާފާނެހެން ހީވެއެވެ.

ކާރު ސްޓާޓް ކޮއްލި އަޑު އިވުމުން، ހެދުން ގަޔާލާ ބޮނޑިކޮއްލަމުން ނޫރާ އެދިމާއަށް ފިޔަވަޅު އަވަސްކޮށްލިއެވެ.

''އަދިވެސް ވިއްސާރަ ރީތިވާކަށް ނޫޅޭދޯ........'' ނޫރާ ކާރަށް އަރާ ހަމަޖެހިލުމުން ލަޔާލް ކާރު ދުއްވާލިއެވެ.

މާ ގިނަ އިރުތަކެއް ނުވެ ލަޔާލްގެ ފޯނު ރިންގުވާންފެށިއެވެ.

''ލަޔާލް ތަ؟'' ފޯނު ކަންފަތުގައި ޖައްސާލުމާއެކު އެކޮޅުން އަހާލިއެވެ. ވާހަކަ ދައްކަނީ ފިރިހެނެކެވެ.

'' ލައްބަ ލަޔާލް މީ...... ކިހިނެއްބާވީ....."؟ އެއަރ ޕޮޑް ވެސް ނެތުމާއެކު ލަޔާލު ފޯނު ސްޕީކަރަށް ލީ ދުއްވަމުން ވާހަކަ ދައްކަން ފަސޭއަކަށެވެ.

''ލަޔާލް ކައިރިން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން މި ގުޅާލީ.......ވަގުތުކޮޅެއް އެބަ ބޭނުންވޭ........މިވަގުތު އެންމެ ރަނގަޅުތަ..........'' މީގެ ކުރިން އިވިފައިވާ އަޑެއްހެން ހީނުވާތީއާ ވާހަކަ ދައްކަންފެށިގޮތުން ތަންކޮޅެއް ސީރިއަސް ކޯލެއް ކަމަށް ހީވާތީ ލަޔާލް މަގުގެ އެއްފަރާތަށް ކާރު މަޑުކުރިއެވެ. އަދި ފޯނުގެ ސްޕީކަރު ކަނޑާލަމުން ކަންފަތުގައި ޖައްސާލިއެވެ.

''ކުރިއަށް ގެންދަވާ........ އަދި ތީ ކާކު ކަމެއް އަޅުގަނޑަކަށް ނޭނގުނު..........'' ލަޔާލް ނިތްކުރިއަށް ރޫ އަރުވާލިއެވެ.

'' މީ މުސްތަފާ......... މުސްތަފާއޭ ބުނީމަ ފަހަރެއްގައި ނޭނގިދާނެ .......... ގައިމުވެސް ހަމްޒާގެ ބައްޕަ އޭ ބުނީމަ އެނގޭނެ ......''

''ހަމްޒާގެ ބައްޕައޭ ތޯ........ ކިހިނެއްވީތޯ.........'' ލަޔާލް އަހާލިއެވެ. ހަމްޒާގެ ބައްޕަ އޭ ލަޔާލް ބުނި އަޑު އިވުމުން ނޫރާއަށް ވެސް ޝޮކެއް ލިބުނު ކަހަލައެވެ. ކުއްލިއަކަށް ބަލާލެވުނީ ލަޔާލްގެ މޫނަށެވެ.

''ހަމަ ޔަޤީނެވެ. ހަމްޒާ މާލެގޮސް، އޭނާގެ މަންމައާ ބައްޕަ ކައިރީގައި ނޫރާއާ މެރީ ކުރަން ބޭނުންވާ ވާހަކަ ދެއްކީއެވެ......  ހަމްޒާގެ ބައްޕަ ދައްކަން އެއުޅޭ ވާހަކަ އަކީ ކައިވެނި އަވަސް ކުރަން ބޭނުންވާ ވާހަކަ ނޫންބާވައެވެ........'' ނޫރާ ހިތާހިތުން ކިޔާލިއެވެ.  އެހެން ހިތަށް އެރުމާއެކު ނޫރާއަށް ކުރެވުނު ފޮނި އިހްސާސަކުން ލަދުން އިސްޖަހާލެވުނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 01 އޭޕްރީލް، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް