މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީގެ ވެބްސައިޓު މެދުވެރިކޮށް ކަސްޓަމަރުންނަށް އޮންލައިންކޮށް ހިދުމަތް ދެވޭގޮތް ހަދައިފިއެވެ.
މި ހިދުމަތް ތައާރަފް ކޮއްދީފައިވަނީ އެމްޑަބްލިޔުއެސްސީގެ 24 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ދެވޭ ހިދުމަތް އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށާއި، 24 ގަޑިއިރު ހިދުމަތް ދެވޭނެ ނަންބަރު 105 ތައާރަފުކުރި ފަހުން 90 ޕަސެންޓް ކަސްޓަމަރުންގެ ޝަކުވާ މަދުވެފައިވާ ކަމަށެވެ.
އަދި ރައްޔިތުން ބޭނުންވަނީ އެމްޑަބްލިޔުއެސްސީގެ ހިދުމަތް ހޯދަން އެ އޮފީހަށް ނުގޮސް ގޭގައި ތިބެ އޮންލައިންކޮށް ހިދުމަތް ހޯދަން ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ތައާރަފް ކުރި ހިދުމަތަކީ ވެބްސައިޓް މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެންވެސް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ހިދުމަތަށް ފަސޭހަކަމާއެކު ހުށަހެޅޭނެ ހިދުމަތެކެވެ. އަދި ވެބްސައިޓު މެދުވެރިކޮށް ބިލްގެ ޖުމްލަ ބަލައިލުމާއި އޮންލައިންކޮށް ފައިސާ ދެއްކޭނެގޮތާއި ހިދުމަތަށް އެދި ފޯމް ވެސް ހުށަހެޅޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް