އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގުތައް މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.
އަގުތަކަށް ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، ކުރިން 240 ރުފިޔާއަށް ވިއްކަމުން އައި ހަނޑޫ ބަސްތާއެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 199 ރުފިޔާއަށެވެ. 241 ރުފިޔާއަށް ވިއްކަމުން އައި ހަކުރު ބަސްތާގެ އަގު 200 ރުފިޔާއަށް ވަނީ ދައްވެފައެވެ. އަދި 190 ރިފިޔާއަށް ވިއްކަމުން އައި ފުއްބަސްތާއެއް ދެން ވިއްކާނީ 149 ރުފިޔާއަށެވެ.
އެސްޓީއޯއިން ވަނީ މި އޭޕްރިލް މަހުން ފެށިގެން މާލެއެކޭ އެއް އަގެއްގައި އަތޮޅުތެރޭގައި ކާޑުގެ ބާވަތްތައް ވިއްކަން ފަށާނެ ކަމަށް ބުނެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގައި ހެޔޮ އަގުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯއިން ވަނީ ކާޑު އޭޖެންޓުން ހޯދުމުގެ މަސައްކަތްވެސް ފަށާފައެވެ.
އެގޮތުން އަތޮޅުތެރޭގައި ކާޑުގެ ބާވަތްތައް ވިއްކުމުގައި މަޖޫރީންގެ ފީ އާއި ރަށްރަށަށް ގެންދާ ކާޑުގެ ބާވަތްތަކުގެ ނާލަށް ވާ ފައިސާގެ ކަންކަން ހަމަޖައްސާނީ އެސްޓީއޯއިން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވިއްކާ ކާޑުގެ ބާވައްތައް އަގު ހެޔޮކޮށް، ކާޑުގެ ބާވަތްތައް މާލެއާ އެއްއަގެއްގައި ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް