ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ޙަސަން ޝިޔާމްގެ ސާބިތު ދަރަނީގެ ދެ މައްސަލައެއް ސުޕްރީމް ކޯޓުގައި މިހާރުވެސް ހިނގަމުންދާ ކަމަށް އެ ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމުގައި ފާހަގަކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިކަން ފާހަގަކޮށްފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ވީބީ ޝިޔާމްގެ ކެންޑިޑޭސީ ބަލައިނުގަތުމުން، އިލެކްޝަންސްއާ ދެކޮޅަށް އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ ތިންވަނަ ނަންބަރުގެ ތަފްސީލުގައެވެ
މީގެ އިތުރުން ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ހުކުމުގައި ބުނެފައިވާ ގޮތުން، ވީބީ ޝިޔާމްގެ މައްޗަށް ސާބިތުވެފައިވާ ސާބިތު ދަރަނީގެ އިތުރު ދެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ކުރިއަށް އެބަދެއެވެ. އެއީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅުނު ދެ ލައްކަ ހަތްދިހަ ނުވަހާސް ރުފިޔާގެ ސާބިތު ދަރަނީގެ މައްސަލައަކާ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ސާޅިސް ތިން ހާސް ދުވިސައްތަ ރުފިޔާގެ ސާބިތު ދަރަނީގެ މައްސަލައެކެވެ.
ސުޕްރީމް ކޯޓުގެ ހުކުމުން ފާހަގަކުރެވިފައިވާ ގޮތުގައި ވީބީ ޝަވީދުގެ މައްޗަށް ސާބިތުވެފައިވާ އެއް މިލިއަން ހަ ލައްކަ އަށާވީސްހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ އަށްޑިހަ ލާރީގެ ސާބިތު ދަރަނީގެ މައްސަލަތަކެއް މަތީ މަރުހަލާގެ ކޯޓުތަކުގައި އަދި ނުނިމި އެބަހުއްޓެވެ. ދޮޅު މިލިއަނަށްވުރެ ގިނަ ރުފިޔާގެ ސާބިތު ދަރަނީގެ މައްސަލަތައް ވީބީ ޝިޔާމާ ދެކޮޅަށް މަތީ މަރުހަލާގެ ކޯޓުތަކުގައި ނުނިމި ހުރިނަމަވެސް، ސުޕްރީމް ކޯޓުން އިއްޔެ ހުކުމްކޮށްފައިވަނީ އޭނާގެ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ "ފުރިހަމަނުވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް" ކަމަށެވެ.
ސާބިތު ދަރަންޏެއް އޮތް މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް ނަމަވެސް އެ ދަރަންޏަކީ މަތީ ކޯޓަކަށް އިސްތިއުނާފުކޮށްފައިވާ ދަރަންޏަކަށްވާނަމަ، އިންތިހާބުގައި ވާދަ ކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުންވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް