ބަދިގެއަށް އައިސް ވަން އިޒްވާ ކާ މޭޒު ކައިރީގައި އިށީނދެ ތައްޓަކަށް ކާއެއްޗެހި އަޅަން ފެށިއެވެ. އެކި ބާވަތް ބާވަތުގެ ކާއެއްޗެހިން ތަބަށް ފުރާލުމަށްފަހު އެހިފައިގެން އަރްހާންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެކޮޓަރީ ކުރިމައްޗަށް ހުއްޓެމުން ފުންނޭވައެއް ދޫކޮށްލިއެވެ. ޓަކި ޖަހަން އަތް ހިއްލާލާފައިވެސް ފަސްޖެހެވުނެވެ. އަރްހާން އޭނާއަށް ބަވާލަފާނެތީއެވެ. ނަމަވެސް ކޮންމެ ހާލެއްގައިވެސް އަރްހާނަށް ކާންދިނުން މުހިންމުވާތީ ހިތްވަރުކޮށްލާފައި ދޮރުގައި ޓަކި ޖަހާލައިފިއެވެ.
"ކާކު.. ؟ ދޮރު ހުޅުވާފައި ހުންނާނީ.. " އެތެރެއިން އަރްހާން ބުނި އަޑު އިވުނެވެ. އިޒްވާ ޖަވާބު ދޭން ޖެހިލުންވިއެވެ. ހަމަ އެހެންމެ ދޮރު ހުޅުވާފައި ހުއްޓަސް ދޮރު ހުޅުވާލާކަށް ނުކެރުނެވެ. އެހެންވެ އަނެއްކާވެސް ޓަކި ޖަހައިލިއެވެ.
"މަންމަތަ؟ ދޮރު ހުޅުވާފައޭ.. ވަދެބަލަ.. " އަނެއްކާވެސް އަރްހާން ބުނި އަޑުއިވުނެވެ. އިޒްވާ ޖެހިލުންވެ ހުރެފައި މަޑުމަޑުން ދޮރު ހުޅުވާލައިފިއެވެ. ކޮޓަރިއަށް ތެރެއަށް ވެރިވެފައިވީ އަނދިރިކަމުން އެއްވެސް ތަނެއް ފެންނަވަރެއް ނުވިއެވެ. ކުރިއަށް ދާން ނުކެރިފައި ހުރީ އެހެންވެއެވެ.
މޫނުމަތީގައި ބާލީސް އަޅައިގެން އޮތް އަރްހާނަށް ކޮޓަރިއަށް މީހަކު ވަން އަޑު އިވުނެވެ. އަޅާނުލާ އޮތީ ރައިހާނާ ކަމަށް ހީކޮށެވެ. ނަމަވެސް މީހެއްގެ ހިލަމެއް ނުވާތީ މޫނުމަތިން ބާލީސް ނަގާފައި ބަލައިލިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ ކާކުގެ ހިޔަނިކަން ދެނެގަންނަން އަރްހާނަށް އުނދަގުލެއް ނުވިއެވެ. އެނދުމަތިން ފުންމައިގެން ތެދުވެ ލައިޓް ޖައްސާލައިފިއެވެ.
ތަނަށް އަލިވެގެން ދިޔަ ހިނދު އެންމެ ފުރަތަމަވެސް އިޒްވާގެ ލޮލުގައި އަޅައިގަތީ އެނދު ކައިރީގައި ކޮޅަށް ހުރި އަރްހާނެވެ. ހަމަ އެކަނި ސްވެޓް ޕޭންޓެއްގައި ހުރި އަރްހާން ފެނުމުން އިޒްވާއަށް އަނެއްފަރާތަށް މޫނު އަނބުރައިލެވިއްޖެއެވެ. ހިތް އަވަސްވީ ވަރުން އަރްހާންވެސް އެވަރު ނުބަލާ ލައިޓް ޖެއްސުނީއެވެ. އިޒްވާއަށް ވީގޮތް ފެނި އަވަސް އަވަހަށް ކޮނޑުގައި އަޅުވާފައި އޮތް ޓީޝާޓު ނަގައި ބޮލަށް މަހައިލިއެވެ.
"ސޮރީ..! އިޒްވާ ކަމަކުތަ؟ " ހަމަޖެހެން މަސައްކަތް ކުރަމުން އަރްހާން އެހިއެވެ.
"މި.. ނުކައި ހުރީމަ.. ދައްތަ ބުނީ އަރްހާންއަށް ކާން ދޭށޭ... " އެހުރި ގޮތަށް ހުރެ އިޒްވާ ބުންޏެވެ. އަރްހާން ގޮސް އިޒްވާ އަތުގައި ހުރި ތަބަކުގައި ހިފި ވަގުތު އިޒްވާއަށް އަރްހާނާ ދިމާލަށް ބަލައިލެވިއްޖެއެވެ. އެހާ ކައިރިން އަރްހާން ފެނުމުން އިޒްވާއަށް ވީ ތަފާތު ގޮތެކެވެ. އިޒްވާ ތަބަކުން ދޫ ނުކުރާތީ އަރްހާންވެސް އިޒްވާގެ މޫނަށް ބަލައިލިއެވެ. ހަތަރުކަޅި ބައްދަލުވެގެން ދިޔައީ އެވަގުތުއެވެ. އިޒްވާއަށް ހީވީ ހިނދުކޮޅަކަށް ނޭނގޭ ބާރަކުން އޭނާ ހައްޔަރު ކޮށްލިހެންނެވެ. އެހެން ދިމާލަށް ބަލައިވެސް ނުލެވުނެވެ. އަރްހާންގެ އެދެލޮލުން އޭނާއަށް ވާޙަކަތަކެއް ބުނެދޭ ކަހަލައެވެ. އަރްހާނަށްވެސް ހުރެވުނީ ހުއްޓުން އަރާފައެވެ. އިޒްވާގެ ޖާދޫވީ ލޮލުގެ ތެރެއަށް ފީނައިގަންނަން ބޭނުންވެފައެވެ. ހިތްއެދި ގޮވަން ފެށީ އެއަތުގެ ތެރެއަށް އިޒްވާ ގެނައުމަށެވެ. ލޯބިން ނިތުގައި ބޮސްދިނުމަށެވެ. ދެމީހުންނަށްވެސް ސިހުން ގެނުވީ ދޮރަށް އަރާ އަރްހާނަށް ގޮވައިލި ޝިވަންގެ އަޑުއިވިފައެވެ. އަވަސް އަވަހަށް ނަޒަރު ވަކިކޮށްލާ ދުރަށް ޖެހުނު ހިނދު އިޒްވާ ތަބަކުން ދޫކޮށްލިއެވެ. ދޫވާން ދިޔަ ތަބަކުގައި އަރްހާނަށް ހިފުނީ ކިރިޔާއެވެ.
"މިރޭ ކޮޓަރީގައި ކާ ރެއެއްތަ؟ މިހާރުންސުރެ ފަހަރި ލައްވާ ކަން ކަން ކުރުވަން ފެށީތަ؟ " ޝިވަން އައިސް އިޒްވާގެ ކޮނޑުގައި އަތް އަޅުވާލާ ގާތްކޮށްލަމުން ބުންޏެވެ. ސިހުން ލިބުނު ހިނދު އިޒްވާ އޭނާގެ ކޮނޑުމަތީގައި ޝިވަންގެ އަތަށް ބަލައިލިއެވެ. އުނދަގޫވެގެން ކަހަލަ ގޮތަކަށް އިޒްވާ ހަށިގަނޑު ހަރަކާތްކޮށްލިތަން ފެނި އޭނާއަށް އުނދަގޫވިކަން އަރްހާނަށް އެނގުނެވެ. އެހިނދު ޝިވަންގެ އަތުގައި ހިފާ އަރްހާން އޭނާއާ ގާތަށް ދަމައިލިއެވެ.
"ދޮންބެ ހިނގާބަލަ އަހަރެންނާއެކު ކާން.. އެކަނިން ކާންވެގެން ފޫހިވެގެން ތިރިއަށް ކާން ނުދިޔައީވެސް.. ތެންކްސް އިޒްވާ.. " އަރްހާން ޝިވަން ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. ގަދަކަމުން ހިނިތުންވެލުމަށް އިޒްވާ އެތަނުން ނިކުންނަން އެނބުރުނެވެ. އެހިނދު ޝިވަން އިޒްވާއަށް ގޮވައިލިއެވެ.
"މަންމަ ކައިފިތަ؟ ނިދުމުގެ ކުރިން މަންމައަށް ކާއެއްޗެއް ދެވޭތޯ ބަލާލައްޗެ.. " ޝިވަން ބުނެލިއެވެ. ބޯޖަހައިލުމަށްފަހު އިޒްވާ އެތަނުން ނިކުތެވެ. އަރްހާން ޝިވަން މޫނަށް ބަލަހައްޓައިގެން އިނީ ޤަބޫލުނުކުރެވިފައެވެ. އެންމެ ފަހަރަކުވެސް ވާން އުޅޭ އަނބިމީހާ ކޭ ތޯ ޝިވަން ބަލައެއް ނުލިއެވެ. ޝިވަން ހަޤީޤަތުގައިވެސް އިޒްވާ ދެކެ ލޯބިވޭ ބާއޭ ހިތަށް އެރިއެވެ.
*********
ކޮޓަރިއަށް ވަންގޮތަށް އިޒްވާ އެނދަށް ވެއްޓިގަތެވެ. އިރުކޮޅެއް ކުރިން ވެގެން ދިޔަ ކަންތައް ހަނދާނަށް އައުމާއެކު ގައިން ހީބިހި ނަގައިގަތެވެ. އަރްހާންގެ ދެލޮލުން ފެންނަމުން ދިޔަ އަސަރުތައް އެންމެ ހިނދުކޮޅަކަށްވެސް އިޒްވާގެ ހިތުން ފިލައިގެން ނުދެއެވެ. ހިތަށް ފާޑެއްގެ ބިރެއް އިހުސާސްވަމުން ދިޔައީ ވާން އުޅޭ ފިރިމީހާގެ ކޮއްކޮއާ މެދު އެފަދަ ގޮތަކަށް ވިސްނޭތީއެވެ. އެވިސްނުންތަކުން ދުރުވުމަށް އިޒްވާ ގަދަކަމުން ކައިސަންގެ ތަސްވީރު ހިތަށް ގެނައެވެ. އެހިސާބުން އިސާހިތަކު ކައިސަންގެ ހަނދާންތަކުން އިޒްވާގެ މުޅި ސިކުނޑި ހިޞާރުކޮށްފިއެވެ. ނިދުނީވެސް އެހިޔާލުގައި ވަނިކޮށެވެ.
************
ފަތިސް ނަމާދުކޮށްލައިގެން އިޒްވާ އޮށޯތީ ބޮލަށް ބަރުވާ ވަރުންނެވެ. އެހިނދު އަނެއްކާވެސް އިޒްވާއަށް ނިދުނީއެވެ. ހޭލެވުނީ ދިހައެއް ޖަހާ ބޮޑުވި ފަހުންނެވެ. އަވަހަށް ތައްޔާރުވެގެން ކޮޓަރިން ނިކުތީ މަރިޔަމް ކައިރިއަށް ދާށެވެ. ރައިހާނާ މަރިޔަމް އެހެން ކޮޓަރިއަކަށް ބަދަލުކުރި ފަހުން އެކޮޓަރީގައި މަރިޔަމް ކައިރީގައި ނިދަނީ މައިރާއެވެ. ނަމަވެސް އިޒްވާ މަރިޔަމްއާ އެކު ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އިޒްވާ ދޮރު ހުޅުވާލިއިރު ތަޅުގައި އަޅުވާލާފައިވާ ކޮތަޅު ލޮލުގައި އަޅައިގަތެވެ. ކޮތަޅު ނަގާ ބަލައިލިއިރު އޭގައި ރީތި ކުލައެއްގެ ދެ ޝޯލް އޮތެވެ. އެންމެ ފުރަތަމަވެސް ހިތަށް އައީ ޝިވަންގެ ނަމެވެ. ޝިވަން އެހާ ވަރަށް އޭނާއަށް ކަންތައްތައް ކޮށްދޭއިރުވެސް އެންމެ ފަހަރަކުވެސް އޭނާއަށް ޝިވަންއަށް ޝުކުރުއަދާ ނުކުރެވެއެވެ.
ޝިވަން ގެއަށް އަންނާނެ އިރަކަށް އިންތިޒާރު ކުރަން އިޒްވާ ސިޓިންގް ރޫމުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ދިހައެއް ޖަހަން ގާތްވެފައި ވަނިކޮށް ޝިވަން ވަދެގެން އަންނަތަން ފެނުނެވެ. އިޒްވާއަށް ހީނލުމަށްފަހު ޝިވަން ގޮސް ސޯފާއަށް ވެއްޓިގަތެވެ.
"ފެންތައްޓެއް ގެނެސްދީފާނަންތަ؟ " ވަރުބަލިކަމާއެކު ފުންނޭވައެއް ދޫކޮށްލުމަށްފަހު ޝިވަން ބުންޏެވެ. ބޯޖަހައިލުމަށްފަހު އިޒްވާ ކާމޭޒުމަތީގައި ހުރި ފެންޖަގުން ފެންތައްޓެއް އަޅައިގެން އައިސް ޝިވަންއަށް ދިއްކޮށްލިއެވެ.
"އަހަރެން ވާހަކައެއް ބުނަން ބޭނުން.. " އިޒްވާ ބުނެލިއެވެ.
"މިތާ އިށީންނަންވީނު.. ކުޑަ އިރުކޮޅަކުން ވާހަކަ ދައްކާލަން.. " ޖެހިގެން ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން ޝިވަން ބުންޏެވެ. އިޒްވާ ދެބަހެއް ނެތި އެގޮނޑީގައި އިށީނެވެ.
"ދެން ބުނެބަލަ ކޮން ވާހަކައެއް ބުނަން އުޅުނީ..؟ " ޝިވަން އެހިއެވެ.
"އަހަރެންނަށް ޝިވަން ތިކޮށްދޭ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.. ނުވެސް ބުނަނިސް އަހަރެންގެ އިހުސާސްތައް ޝިވަން ދެނެގަންނާތީ އިންތިހާއަށް ޝުކުރުވެރިވަން.. ޝިވަން ދިން ފޯނު އަހަރެންނަށް ވަރަށް ކަމުދޭ.. ޝޯލްތައްވެސް.. " އިޒްވާ ވާހަކަ ދެއްކިއިރު ޝިވަން އިނީ ހައިރާންވެ އަންތަރީސްވެފައެވެ. އިޒްވާ އެކިޔަނީ ކީކޭ ކަމެއް ނޭނގިފައެވެ.
"ކޮން ފޯނެއް؟ ޝޯލްތަކެއް... އިޒްވާއަށް.... " ޝިވަން ހައިރާންވެފައި ބުންޏެވެ.
"ކުރިން ދުވަހު އަރްހާންއަށް ދީފައި ފޮނުވީމެއްނު ފޯނަކާ ފަސް ސަތޭކަ ރުފިޔާ.. ދެން މިއަދު ދޮރުގައި އަޅުވާފައި ހުރި ޝޯލްތައް.. " ޝިވަން ހަނދާން ނެތުނީކަމަށް ހީކޮށް އިޒްވާ ހަނދާން ކޮށްދިނެވެ.
"އަރްހާން އަތަށް ދީފައި....... " އަމިއްލަ މީހާއަށް އިވޭ ވަރަށް ބުނަމުން ޝިވަން ވިސްނާލިއެވެ. ހަޤީޤަތް ދެނެގަންނާކަށް ޝިވަންއަށް އުނދަގުލެއް ނުވިއެވެ. އޭނާގެ ނަމުގައި އިޒްވާއަށް އެއްޗެހި އެދެނީ އަރްހާންގެ އަމިއްލަ ހަރަދުގައެވެ. އިޒްވާގެ ނަޒަރުގައި ޝިވަންގެ ޤަދަރު އުފުލެން އަރްހާން ބޭނުންވާ ކަމެކޭ ޝިވަންއަށް ހީކުރެވުނެވެ.
"އިޒްވާ!!! އަސްލު ތިހުރިހާ އެއްޗަކީ އަހަރެންނަށް ނުވެސް އެނގި އަރްހާން އިޒްވާއަށް ދޭ އެއްޗެހި.. ވަރަށް ބޮޑަށް ސޮރީ.. ހީވަނީ އަހަރެންނަށްވުރެ ބޮޑަށް އަރްހާން އިޒްވާގެ އިހުސާސްތައް ދެނެގަންނަނީހެން.. އިޒްވާގެ ނަޒަރުގައި އަހަރެންގެ އަގު ވެއްޓެން ބޭނުންނުވާތީ އަހަރެންގެ ނަން މެދުވެރިކޮށް އިޒްވާއަށް އެއްޗެހި ދެނީ.. އަހަރެންގެ ކޮއްކޮއާ މެދު ފަޙުރުވެރިވަން.. އިޒްވާއަށް އެއްވެސް ކަމެއް ސިއްރުކުރަން ބޭނުންނުވާތީ ތެދަށް މިކިޔައިދެނީ.. " ޝިވަން ބުންޏެވެ. ހައިރާނަށް ވުރެ ބޮޑަށް އިޒްވާ ލަދުގަތެވެ.
"ވަރަށް ބޮޑަށް ސޮރީ.. އެއީ ޝިވަން ދޭ އެއްޗެއްސެއް ނޫންކަން އެނގޭނަމަ އަހަރެން ނާތްލާނަން.." އިޒްވާ ބުނެލިއެވެ.
"ނޫން ނޫން އެހެން ނުހަދާތި.. އޭރުން އަހަރެން ވަރަށް ދެރަވާނެ.. އަރްހާން އަތުން ދިޔަ ލާރި އަހަރެން އޭނާއަށް އަނބުރާ ދޭނަން.. " ޝިވަން ބުންޏެވެ. " ވަރަށް ވަރުބަލި ދުވަހެއް... މިދަނީ ނިދަން.. އިޒްވާވެސް ދޭ އަވަހަށް ނިދަން.. "
ޝިވަން އިންތަނުން ތެދުވެގެން ދިއުމުން އިޒްވާވެސް ތެދުވިއެވެ. ވިސްނެމުން ދިޔައީ އަރްހާން އެގޮތަށް ކަންތައް ކުރި ސަބަބަކާ މެދުގައެވެ. އަރްހާން ދެކެ ރުޅި އަންނަންވީ ކަމެއް ނޫނީ އަދާކުރަންވީ ޝުކުރުކަމެއް އިޒްވާއަކަށް ނުވިސްނުނެވެ. މިފަދަ ވިސްނުމެއްގައި ހުރެ އިޒްވާ ގޮސް ކޮޓަރިއަށް ވަނެވެ. އުޅެ އުޅެވެސް އިޒްވާއަކަށް ނުނިދުނެވެ. އަރްހާން އެގޮތަށް ކަންތައް ކުރި ސަބަބަކާ މެދު ވިސްނެނީއެވެ. އޭނާ އެގޮތަށް ކަންތައް ކުރީ ޝިވަންގެ އަގު ވެއްޓުނަ ނުދިނުމަށޭ ޝިވަން ބުންޏެވެ. ނަމަވެސް އެއީ ހަޤީޤަތްކަމުގައި ޤަބޫލުކުރަން އުނދަގޫވަނީއެވެ.
************
ނިދިފައި އޮތް އަރްހާނަށް ހޭލެވުނީ ކުއްލިއަކަށެވެ. ގަޑި ބަލައިލިއިރު މެންދަމުން އަނބުރާ އެކެއްޖަހަން ގާތް ވެއްޖެއެވެ. ކަރުހިއްކައިގަނެފައިވާކަން އިހުސާސްކުރެވި އަރްހާން ތެދުވީ ފެންބޯށެވެ. ކޮޓަރީގައި ހުރި ފުރިޖުގައި އެންމެ ފެންފުޅިއެއްވެސް ނެތުމުން ކޮޓަރިން ނިކުމެ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އަރްހާން ހުއްޓުނީ މީހެއްގެ ހިލަމެއް ވެގެންނެވެ. އެނބުރި ބަލައިލިއިރު ޓެރޭސްއަށް އަރަން އޮންނަ ސިޑި މަތީގައި ހުއްޓި ހުރި އަންހެން ކުއްޖެއް ފެނިއްޖެއެވެ. ތަނަށް ވެރިވެފައިވީ އަނދިރީގެ ތެރެއިން ފެންނަން އެހުރި އަންހެން ކުއްޖަކީ ކާކުކަން ދެނެގަންނަން މިފަހަރުވެސް އަރްހާނަށް އުނދަގުލެއް ނުވިއެވެ. އިޒްވާގެ ނަމުން ގޮވާލުމާއެކު ފަހަތް ބަލައިލުމެއް ނެތި އިޒްވާ ސިޑިން މައްޗަށް އަރަން ފެށިއެވެ. އަރްހާނަށް އިޒްވާ ފަހަތުން ހިނގައިގަނެވިއްޖެއެވެ. އަރްހާން ސިޑީގެ ފުރަތަމަ ހަރުފަތްތައް ގިރާކުރަން ފެށިއިރު އިޒްވާ ޓެރޭސްއަށް އަރައިފިއެވެ. އަރްހާންވެސް އަވަސް ފިޔަވަޅުތަކެއްގައި ސިޑިން އަރައިފިއެވެ. ޓެރޭސްއަށް އެރިއިރު އިޒްވާ ފެންނަން ނެތުމުން އަރްހާން އެކި ދިމާ ހޯދައިލިއެވެ. ޓެރޭސްގެ އެއް އަރިއެއްގައި ރެއިލިންގ ކައިރީގައި ހުއްޓިހުރި އިޒްވާ ފެނުމުން އަނެއްކާވެސް އަރްހާން ގޮވައިލިއެވެ. އެހިނދު އިޒްވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެހިނިތުންވުމުގެ ޖާދޫގައި ޖެހި އަރްހާން އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތުނު ފަދައެވެ. އިޒްވާ އަރްހާންއާ ދިމާލަށް އަތް ދިއްކޮށްލުމާއެކު އަރްހާނަށް އެއަތުގައި ހިފަން ހިނގައިގަނެވިއްޖެއެވެ. ނަމަވެސް އަރްހާނަށް އެހިސާބަށް ނުދެވެނީސް އިޒްވާ ފަހަތަށް އަރިއަޅާލައިފިއެވެ. ބަލަބަލާ ހުއްޓާ އިޒްވާ ޓެރޭސް އިން ތިރިއަށް ވެއްޓިއްޖެއެވެ. އެވަގުތު އަޑު ނެތްކޮޅަށް އަރްހާނަށް އިޒްވާއަށް ގޮވައިލެވުނެވެ.
ނުނިމޭ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް