ވާހަކަ: މިހިތުގެ ލޯތްބޭ ތީ – ބާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އަރްހާން އޭނާގެ އިހުސާސްތައް އިޒްވާގެ ކުރިމަތީގައި ބަންޑުންކޮށްލީ ފަސްޖެހުމެއް ނެތިއެވެ. މިވީހާ ދުވަހު އެވާހަކަތައް އެއްވެސް މީހެއް ކައިރީ ދެއްކުމަށް އޭނާވަނީ ނުކުޅެދިފައެވެ. ނ...

30 Jan 2023 | 07:50

ކުރީގެ އަދަދާއި ގުޅޭ...

އަރްހާން އޭނާގެ އިހުސާސްތައް އިޒްވާގެ ކުރިމަތީގައި ބަންޑުންކޮށްލީ ފަސްޖެހުމެއް ނެތިއެވެ. މިވީހާ ދުވަހު އެވާހަކަތައް އެއްވެސް މީހެއް ކައިރީ ދެއްކުމަށް އޭނާވަނީ ނުކުޅެދިފައެވެ. ނަމަވެސް އެހާ ފަސޭހައިން އިޒްވާ ކައިރީގައި އެވާހަކަތައް ދެކެވުމުން ޙުދު އޭނާވެސް އެއިނީ ހައިރާންވެފައެވެ. ހިތުތެރޭގައިވާ ހުރިހާ އިހުސާސްތަކެއް ބޭރުކޮށްލެވުމުން ހިތާއި ސިކުނޑިއަށް ލިބިގެން ދިޔައީ އާދަޔާ ހިލާފު ހަމަޖެހުމެކެވެ. އިޒްވާވެސް އަރްހާންގެ މޫނަށް ބަލަހައްޓައިގެން އިނީ ކަޅިޖަހާލަންވެސް ނޭނގިފައެވެ. އަރްހާން ދެއްކި ވާހަކަތަކުން އޭނާގެ ހިތުގައި އަރްހާންއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. އެއްޗެކޭ ބުނަން އަނގަހުޅުވާލާފައިވެސް އަނގަ ލައްޕައިލިއެވެ. އަރްހާންގެ ހިތަށް ތަސައްލީއެއް ހޯދައިދޭން ބޭނުންވެއެވެ. އެހެންނަމަވެސް އަރްހާން ބުނާނެ އެއްޗެއް ނޭނގޭތީ ނުކެރުނެވެ.

"ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ އިޒްވާ.. ކުރަން ބޭނުންވާ ސުވާލެއް ކޮށްބަލަ.. ހިތްބުނަނީ އަހަރެންގެ ހިތަށް ތަސައްލީއެއް ހޯދައިދެވޭނީ އިޒްވާއަށް އެކަންޏޭ.. އެހެންވެގެންނޭ އަހަރެންނަށް އެހާ ފަސޭހައިން އިޒްވާއާ މިވާހަކަތައް ހިއްސާ މިކުރެވުނީ.. " އިޒްވާ ހައިރާންވިއެވެ. އަރްހާން އޭނާއާ އެހުރިހާ ވާހަކައެއް ހިއްސާ އެކުރީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެސުވާލުކުރަން ބޭނުންވިޔަސް އިހަށް އިޒްވާ ބޭނުންވީ އަރްހާން ބޭނުންވިހެން އޭނާގެ ހިތަށް ތަސައްލީއެއް ހޯދައިދޭށެވެ.

"ތިބުނީ ކޮންކަހަލަ ބަދަލުތަކެއް އަންނަ ވާހަކަ.. ؟ މުޅިން އެހެން މީހެއްހެން އަރްހާންއަށް ހީވަނީ ކީއްވެ؟ " އިޒްވާ އަހައިލިއެވެ.

"ކުރިން އަހަރެންނަކީ ވަރަށް ތަފާތު މީހެއް.. މެންދުރު ބާރަ ޖެހުމުގެ ކުރިން އެންމެ ދުވަހަކުވެސް އެނދުން ހިއްލައެއް ނުލަން.. އަބަދު ރައްޓެހިންނާއެކު އުޅޭނީ.. މިއުޒިކް އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ.. އެއާ ނުލާ އަހަރެންނަށް ނުވެސް ނިދޭނެ.. ދެމަހުން އެއްމަހު ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާ ބަދަލުކުރުމަކީ އަހަރެން އެންމެ ކުރާހިތްވާ ކަމަކީ.. އެއްފަހަރާ ތިން ހަތަރުކުދިންނާ ރައްޓެހިވެގެންވެސް އުޅެން.. އެކަންވަނީ އަހަރެންނަށް ވަރަށް މަޖާ ކަމަކަށް.. ޕާޓީކުރުމަކީ އަހަރެންގެ ކަށީގައި ހިފާފައި ހުރި ކަމެއް ކަހަލަ.. އެކަމަކު އެހުރިހާ ކަމެއް މިހާރު ބަދަލުވެއްޖެ.. މިއުޒިކް ކުރިން އަހަރެންނަށް ދިން ހިތްހަމަޖެހުމެއް މިހާރު ނުދޭ.. ހިތްނުތަނަވަސް ވަނީ.. ލަވައެއް އިވުނަސް އަހަރެން ވަނީ ފޫހި.. ރައްޓެހިންނާއެކު ބޭރަށް ދާން ހިތެއް ނުވޭ.. ނަމާދުނުކޮށް ހުންނަން ބިރުގަންނަން ފަށައިފި. ކިތަންމެ ލަހުން ނިދިޔަސް ބަރާބަރު ފަތިސް ނަމާދު ބަންގިއަށް އަހަރެންނަށް ހޭލެވޭ.. ކުރިން އުޅެވުނު ގޮތް ދެކެ އިންތިހާއަށް ފޫހިވޭ.. އަބަދު ބޭނުންވަނީ ކޮޓަރީގައި އަނދިރީގައި ހޭދަކުރުން.. ދިރިއުޅުމުގެ މަޤްސަދު ގެއްލިފައިވާ ކަހަލަ.. ކުރިން ބުނިހެން ކޮންމެވެސް ކަމެއް ބޭނުންވާކަން އެނގޭ.. ނޭނގެނީ ކޮން ކަމެއްކަން... "

"އަސްލު އަރްހާނަށް ނޭނގުނަސް ތިކަމާ ކުރަންވީ އުފާ.. އިސްލާމްދީނުގެ ހިދާޔަތަކީ ލިބޭ ވަރަށް ބޮޑު ނިޢުމަތެއް.. އަރްހާން ކުރީގެ އުޅުމުގައި އުޅެނިކޮށް މަރު އައިސް ބައްދަލުކުރި ނަމަ ކިހާ ދެރަވީސް.. ކަށްވަޅުގެ އަޒާބާއި ނަރަކަ ބޭނުންވާނީ ކާކު.. މިއަދު އަރްހާންގެ އުޅުމަށް ތިއައީ ވަރަށް ރަނގަޅު ބަދަލެއް. ހިދާޔަތަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫން.. " އިޒްވާ ބުނެލިއެވެ.

"ދެން ކީއްވެ އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބެނީ..؟ ބޭނުންވެގެން މިއުޅެނީ ކޮންކަމެއް ކަމެއް ނޭނގިގެން މިއުޅެނީ ކިއްވެ؟ " ކަންބޮޑުވެފައިވާ ހާލު އަރްހާން އެހިއެވެ.

"ހަމަ އެކަނި ނަމާދު ކޮށްލުމުން ނިމުނީއެއް ނޫން.. ޤުރުއާންވެސް ކިޔަވަން ޖެހޭނެ.. ޒިކުރުވެސް ކުރަން ޖެހޭނެ.. ހަޔާތަށް ކުއްލިއަކަށް ތިއައި ބަދަލެއްގެ ސަބަބުން މާޔޫސްބަލީގެ ޝިކާރައަކަށްވަނީ ކަމަށްވެސް ވެދާނެ.. އެހެންވީމާ އެންމެ މުހިންމުވާނީ ގިނައިގިނައިން އަޅުކަންތައް ކުރުން.. އެންމެ މުހިންމު ކަމަށް ދުއާ ކުރުން. ދުއާ އަކީ މުއުމިނުންގެ ހަތިޔާރު.. ދީނީ އިލްމު އުނގެނޭ ވަރަކަށް ﷲގެ އިރާދަފުޅުން އަރްހާންގެ ހަޔާތް ބާއްޖަވެރިވަމުން ދާނެ.. އަރްހާން ބޭނުންވެގެން ތިއުޅެނީ ކޮންކަމެއްކަން އިސާހިތަކު އެނގިގެން ހިނގައިދާނެ.. ﷲ އެންގެވި ގޮތަށް އުޅުން ދިރިއުޅުމުގެ މަޤްސަދަކަށް ހަދައިފި މީހަކު ނާކާމިޔާބެއް ނުވާނެ.." އިޒްވާ ވާހަކަ ދެއްކީ ކުރިއަށް ބަލަހައްޓައިގެން އިނދެއެވެ. ނަމަވެސް އަރްހާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އިޒްވާއާ ވަތްކެއް ނުވެއެވެ. އިޒްވާ އެދެއްކި ވާހަކަތައް ޤަބޫލުކޮށް އެގޮތަށް އުޅެން ހިތް ގޮވަން ފެށިއެވެ.

"އަހަރެން އަވަހަށް ގެއަށް ދާން ބޭނުން.. މާމަ މިހާރު އިންތިޒާރުގައި އިންނާނީ.. " އަރްހާންގެ ތޫނު ބެލުމުން އުނދަގޫވެގެން އިޒްވާ ބުންޏެވެ. އަރްހާން އިޒްވާގެ މޫނުން ނަޒަރުން ވަކިކޮށްލައި ފުންނޭވައެއް ދޫކޮށްލިއެވެ.

"އަން!! މީގަ ހިފާ އެހެންނޫނީ ދޮންބެ އަހަރެން ދެކެ ރުޅިއައިސްދާނެ.. " ފޯނާއި ފަސް ސަތޭކަ ރުފިޔާ އިޒްވާ އަތަށް ދިއްކޮށްލަމުން އަރްހާން ބުންޏެވެ. މިފަހަރު އިޒްވާ ދެވަނަ ބަހެއް ބުނުމެއް ނެތި އޭގައި ހިފައިފިއެވެ. އެހިނދު އަރްހާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތްހަމަޖެހިފައި އިނދެ ކާރު ސްޓާޓް ކޮށްލުމަށްފަހު ކުރިއަށް ދުއްވައިލިއެވެ.

***********

އެއްވެސް މީހަކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ނާންނާތީ އިޒްވާ އިނީ ވި ގޮތެއް ނޭނގިފައެވެ. ވީގޮތެއް ބަލަން އިޒްވާ ގޮސް ރައިހާނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވައިލި ރައިހާނާގެ މޫނުމަތީގެ ކުލަ އޮއްސިފައިވާތަން ފެނި ބަލިވީތޯ އިޒްވާ ސުވާލު ކުރިއެވެ. ޖަވާބުގައި ރައިހާނާ ދެފަރާތަށް ބޯހޫރައިލިއެވެ.

"ހިނގާ ކާން ދާން.. އެއްވެސް މީހަކު ކާކަށް ނާދޭ އެހެންވެ ވީގޮތެއް ބަލައިލަން މިއައީ.. "އިޒްވާ ކަންބޮޑުވެފައި ބުންޏެވެ.

"ކޮންމެ އަހަރެއްގެވެސް މިދުވަހަކީ މިފަދަ ދުވަހެއް.. " ރައިހާނާ ބުނެލިއެވެ.

"ތިބުނީ...؟ " ރައިހާނާ އެބުނި އެއްޗެއްގެ މާނަ ނޭނގި ހައިރާންވެފައި އިޒްވާ އަހައިލިއެވެ.

"ވަދޭ އެތެރެއަށް.. " ބޮޑަށް ދޮރު ހުޅުވައިލަމުން ރައިހާނާ ބުންޏެވެ. ރައިހާނާގެ ކޮޓަރިއަށް އިޒްވާ ވަން މީ ފުރަތަމަ ފަހަރެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެނދާ ދިމާލު ފާރުގައި ހަރުކޮށްފައިވާ ބޮޑު ފޮޓޯ ލޯގަނޑެވެ. ކައިވެނީގެ ހެދުމުގައި ތިބި ދެމަފިރިންނެވެ. ދެމީހުންގެ ތުންފަތްމަތީގައިވެސް ވަނީ ހިނިތުންވުމެކެވެ. ތަންކޮޅެއް ކުރީ ޒަމާނެއްގެ ފޮޓޮއެއްހެން ބަލާލާފައި ހީވެއެވެ. ފޮޓޯގައި އެހުރި އަންހެންކުއްޖާ އެއީ ރައިހާނާކަން އިޒްވާއަށް ވަގުތުން އެނގުނެވެ.

"ތީ އަހަރެންގެ ފިރިމީހާ އަސްގަރު.. މީގެ ދެއަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލިފައިވަނީ.. " ރައިހާނާ ވާހަކަ ދައްކަމުން ގޮސް އެނދުގައި އިށީނެވެ. އިޒްވާ ރައިހާނާއަށް ބަލައިލީ ހައިރާންވެފައެވެ. މިވީހާ ދުވަހު އޭނާ ހީކޮށްގެން އެހުންނަނީ ރައިހާނާގެ ފިރިމީހާ މަރުވެފައިވާ ކަމަށެވެ. އެހެން ހުއްޓާ ރައިހާނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"މިއަދަކީ އަސްގަރު ގެއްލުނުތާ ދެއަހަރުވީ  ދުވަސް... އަސްގަރު ގެއްލުމުން އެންމެ ބޮޑު އަސަރެއް ކުރީ އަރްހާންއަށް.. އަރްހާންވެސް ޝިވަންވެސް ޤަބޫލުކުރާ ގޮތުގައި މިހާރު އަސްގަރު މިދުނިޔޭގައި ނެތް.. އެކަމަކު އަހަރެން ޤަބޫލެއް ނުކުރަން.. އަސްގަރުގެ ހަށިގަނޑު އަހަރެންނަށް ނުފެންނަހާ ހިނދަކު އޭނަ މަރުވެއްޖެކަމަށް އަހަރެން ޤަބޫލެއް ނުކުރާނަން.. " ރައިހާނާގެ އަޑު ކުރެހުނެވެ. އިޒްވާ ރައިހާނާގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހައިގެން އިށީނެވެ. އުނގުމަތީގައި އޮތް ރައިހާނާގެ ދެއަތުގައި ހިފަހައްޓާލިއެވެ.

" ސޮރީ ދައްތާ! ތީ އަދި އަހަރެންނަށް ނޭނގި އޮތް ވާހަކައެއް.. އެނގުނުނަމަ ދައްތައަށް އުނދަގޫކުރަން މިއަދު ނައިމުސް... " އިޒްވާ ދެރަވެފައި ބުންޏެވެ. ރައިހާނާ އިޒްވާގެ އަތުގައި ހިފާފައި ނަގާ އޭނާ ކައިރީގައި ބޭންދިއެވެ.

"އިޒްވާ މާފަށް އެދޭކަށް ނުޖެހޭނެ.. އިޒްވާވެސް މިއާއިލާގެ މެމްބަރަކަށްވާން އުޅޭއިރު މީ އެނގެންޖެހޭ ވާހަކަތަކެއް.. އަސްގަރަކީ ދަރިން ދެކެ ނިކަން ލޯބިވާ ބައްޕައެއް.. ހާއްސަކޮށް ޝިވަންދެކެ ވަރަށް ލޯބިވާނެ.. އަސްގަރަކީ އަބަދުވެސް ހެވިލާފައި ހުންނަ މީހެއް.. އާއިލާއާއި އެކުވެރިންނާ ސަމާސަ ކުރާ މަޖާ މިޒާޖެއްގެ މީހެއް.. އެންމެންނަށްވެސް އެހާ ހެޔޮވާނެ.. އަސްގަރު ހިތާމަ ކުރާ އެންމެ އޮންނާނީ.. އެއީ އަހަރެންނާ އިންފަހުން ދިމާވި ކަމެއް.. އޭރު އަހަރެން އަރްހާންއަށް ބަނޑުބޮޑު.. އޭރު އަސްގަރާ އެކީ މަސައްކަތްކުރާ އަންހެނަކާ އޭނާއާ މެދު ނަހަމަ ގުޅުމެއް ހިނގާކަން އެނގި އަހަރެން އިންތިހާއަށް ދެރަވި.. އެކަމާ އަސްގަރު ކައިރީ އެތަކެއް ޝަކުވާއެއް ކުރެވުނު.. ވަރިވާންވެސް އުޅުނިން.. އެކަމަކު ވަރިނުވުމަށް އެދި އަސްގަރު އަހަރެން ކައިރީ އާދޭސްކުރި.. އަހަރެންދެކެ ލޯބިވާކަމަށް ބުނި އެހެންނަމަވެސް އެއަންހެންމީހާވެސް ދޫކޮށްލެވެން ނެތް ވާހަކަ ބުނީ.. ނަމަވެސް އަހަރެން ޤަބޫލެއްނުވިން.. އެންމެ ފަހުން އަހަރެންގެ ބަނޑުގައިވާ ދަރިފުޅަށްޓަކައި އަސްގަރަށް މަޖުބޫރުވީ އެއަންހެންމީހާ ދޫކޮށްލަން.. އޭގެ މަހެއްހާ ދުވަހެއް ފަހުން އަސްގަރަށް ލިބުނީ ސިޓީއެއް... އޭގައި އޮތީ އެއަންހެންމީހާ ބަނޑުބޮޑު ވާހަކަ.. ނަމަވެސް އޭނާ ހޯދަން ނައުމަށް އެދިފައި އޮތީ.. އެމީހާ ހޯދަން އަސްގަރު ދާން ބޭނުންވި ނަމަވެސް އަހަރެންގެ އާދޭސްތަކުގެ ސަބަބުން އަސްގަރު ޖެހުނީ މަޑުކުރަން.. އޭނާގެ ނުފެނިވާ ދަރިފުޅަށްޓަކައި އަސްގަރު ވަރަށް ހިތާމަކުރާތަން އަހަރެންނަށް ފެނޭ.. އަރްހާނަށް ހަތްއަހަރު  ފުރުނު ފަހުން އަހަރެން ބުނިން އެދަރިފުޅު ހޯދަން ދާން.. މައިންބަފައިން ކުރި ކުށެއްގެ އަދަބު ކުށެއް ނެތް ދަރިއަކަށް ލިބެން ބޭނުންނުވާތީ އަހަރެން އެހެން ބުނީ.. އަސްގަރު ވަކި ޖަވާބެއް ނުދޭ.. މީގެ ދެއަހަރު ކުރިން އަސްގަރު ގެއްލުމުގެ ހަމަހެއްހާ ދުވަސްކުރިން އަސްގަރުގެ އުޅުމަށް ބަދަލުތަކެއް އަންނަންފެށި.. ބައެއް ފަހަރު ހީވޭ މާ ބޮޑަށް ދެރަވެފައި ހުންނަހެން.. ބައެއް ގަޑިގަޑީގައި ވަރަށް ރުޅި އައިސްފައި ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އަޑުއިވޭ.. އަހަރެން ވަރަށް ސުވާލުކުރިން.. ނަމަވެސް އަސްގަރުގެ ފަރާތުން އެދެވޭ ކަހަލަ ޖަވާބެއް ނުލިބޭ.. އަސްގަރު ގެއްލުނީ ވަރަށް ކުއްލި ގޮތަކަށޭ ބުންޏަސް ދޮގަކަށް ނުވާނެ.. އެދުވަހު ގެއިން ނިކުތީވެސް ރޭގަނޑު ކާން ވާއިރަށް އަންނާނަމޭ ކިޔާފަ.. ބުނީ ހުޅުމާލޭގައި ހުރި ފާމް ހައުސްއަށް ދާ ވާހަކަ.. ބޭރުން އަންނަ ބިޒްނަސް ޕާޓްނަރުންތަކެއް އެގޭގައި ހުންނަން އަންނާތީ ކުޑަކޮށް މަރާމާތުކޮށްލުމަށޭ ބުނީ.. އެއީ އަހަރެންނަށް އަސްގަރު ފެނުނު އެންމެ ފަހު ދުވަސް.. އެދުވަހުގެ ފަހުން އަސްގަރު އެނބުރި ގެއަކަށް ނާދޭ.. ފުލުހުންގެ އެއްބާރުލުން ލިބުނުނަމަވެސް އަސްގަރު ހޯދުމުގައި ވީ ނާކަމިޔާބު.. " ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ރައިހާނާއަށް ރޮވިއްޖެއެވެ. އިޒްވާ ރައިހާނާގެ ބުރަކަށީގައި ފިރުމައިލިއެވެ.

"އަރްހާންއާއި ޝިވަންއަށް ހީވަނީ އަސްގަރު މިދުނިޔޭގައި މިހާރު ނެތޭ.. އެމީހުން ބުނާ ގޮތުގައި އަސްގަރު ދުނިޔޭގައި ހުރެ އަހަރެމެން ކައިރިއަށް ނައިސް ނުހުންނާނެ ކަން ޔަގީން.. އެކަމަކު އަހަރެންނަށް ހީވާ އެއްޗެއް ބުނަންތަ؟ އަހަރެންނަށް ހީވަނީ އަސްގަރު އޭނާގެ ލޯބިވެރިޔާއާއި ދަރިފުޅު ކައިރިއަށް ދިޔައީހެން.. " ފަހު ޖުމްލައާއެކު ކުރިއަށްވުރެ ބޮޑަށް ރައިހާނާއަށް ރޮވިއްޖެއެވެ. ރައިހާނާ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން އިޒްވާ އިނެވެ. ހިތަށް ހަމަޖެހުމެއް ލިބޭނީ އެހިތް އެދޭވަރަށް ރޯލެވުމުން ކަމުގައި އިހުސާސްވާތީއެވެ. އެހެން އިން އިރު އިޒްވާއަށް ވިސްނެމުން ދިޔައީ ރައިހާނާ ދެއްކި ވާހަކަތަކާ މެދުގައެވެ. އެވާހަކަތަކަށް ބަލާއިރު އަސްގަރު ރައިހާނާއާއި ދަރިން އެހާ ފަސޭހައިން ދޫކޮށްލާފައި ނުދާނެކަން އިޒްވާއަށް ޔަގީންވިއެވެ. އަސްގަރުގެ ލޯބިވެރިޔާ ކައިރިއަށް ދިޔަޔަސް ރައިހާނާއަށް ހަބަރެއް ނުވެ ހުންނާނޭ އިޒްވާގެ ހިތް ނުބުންޏެވެ. އަރްހާނާއި ޝިވަން ފަދައިން އިޒްވާއަށްވެސް ލަފާކުރެވުނީ އަސްގަރު މިދުނިޔޭގައި ނެތްކަމެވެ.

ހިތްފުރޭވަރަށް ރޯލެވުމުން ރައިހާނާ މޫނު ފޮހެލައި ފުންނޭވައެއް ދޫކޮށްލިއެވެ. އެހުރިހާއިރު ވަންދެން އިޒްވާ ރައިހާނާ ކައިރީގައި އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ.

"މަންމަ މިދެއްކި ވާހަކަ ޝިވަން އަދި އަރްހާން ކައިރީގައި ނުދައްކައްޗެ.. އަސްގަރުގެ ލޯބިވެރިޔަކާ ދަރިއަކު ހުންނަ ކަން އެމީހުންނަކަށް ނޭނގޭނެ.. އެނގިއްޖެނަމަ ފަހަރެއްގައި އެމީހުންގެ ނަޒަރުގައި އަސްގަރަށް އޮތް ލޯތްބާއި އިއްޒަތާއި ޤަދަރު ވެއްޓިދާނެ.. އެހެންވާކަށް އަހަރެން ބޭނުމެއްނޫން.. " ރައިހާނާ ބުންޏެވެ. އެކަމަށް އެއްބަސްވަމުން އިޒްވާ ބޯޖަހައިލިއެވެ.

"ދެން ހިނގާ ކާން ދާން.. ނުކައި ހުންނަނިކޮށް ބަލިވެދާނެ.. " އިޒްވާ ބުންޏެވެ.

"އުނހު.. މިވަގުތު ނިދާލަން ބޭނުންވަނީ.. ކަމެއް ކޮށްދެންޏާ އަރްހާނަށް ކާންދީ.. އަރްހާން ބަލިވެއްޖިއްޔާ ވަރަށް ބޮޑުވަރުވާނެ.. ޔަގީން  މިހާރު އޮންނާނީ ކޮޓަރީގައި އަސްގަރު މަތިން ހަނދާންވެ ދެރަވެފައި.. ޝިވަންއާ ތަފާތުވާނެ އެސޮރު. ޝިވަން ވިއްޔާ ހުންނާނީ ކައިގެން.. " ރައިހާނާ ބުންޏެވެ.

***************

ބަދިގެއަށް އައިސް ވަން އިޒްވާ ކާ މޭޒު ކައިރީގައި އިށީނދެ ތައްޓަކަށް ކާއެއްޗެހި އަޅަން ފެށިއެވެ. އެކި ބާވަތް ބާވަތުގެ ކާއެއްޗެހިން ތަބަށް ފުރާލުމަށްފަހު އެހިފައިގެން އަރްހާންގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެކޮޓަރީ ކުރިމައްޗަށް ހުއްޓެމުން ފުންނޭވައެއް ދޫކޮށްލިއެވެ. ޓަކި ޖަހަން އަތް ހިއްލާލާފައިވެސް ފަސްޖެހެވުނެވެ. އަރްހާން އޭނާއަށް ބަވާލަފާނެތީއެވެ. ނަމަވެސް ކޮންމެ ހާލެއްގައިވެސް އަރްހާނަށް ކާންދިނުން މުހިންމުވާތީ ހިތްވަރުކޮށްލާފައި ދޮރުގައި ޓަކި ޖަހާލައިފިއެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް