ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުން ކޮމިޓީތަކުގެ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައިި ހަރަކާތްތެރި ވާނެ މީހުން ހޯދަން އިއުލާނުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ20 ވަނަ ދުވަހުގެ ނިޔަލަށް އޮފިޝަލަކަށް ވުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މިކަމަށް އެދި ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުން އީސީންނާއި ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކުން ކުރިޔަށް ދާނެ އެވެ.
އޮފިޝަލުންނަށް ވުމަށް ހުށަހަޅާ ފަރާތަކީ ކެންޑިޑޭޓެއްގެ އާއިލީ ގުޅުން އޮންނަ މީހަކަށް ވެގެން ނުވެ އެވެ. އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި އޮންނަ މީހަކަށް ވެގެން ނުވާއިރު ސިޔާސީ ޕާޓީއެއްގެ އިސްވެރިއަކަށް ވެގެން ނުވެ އެވެ. އަދި ތައުލީމާއި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެ އެވެ.
އޮފިޝަލުންގެ އުޖޫރަ ކަނޑައަޅާފައިވާ ގޮތް:
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް1،800 ރުފިޔާ.
ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް1،600 ރުފިޔާ
އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ1،500 ރުފިޔާ
ވޯޓު ގުނާ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ1،200 ރުފިޔާ އަދި
ރިސާވް އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފި ނަމަ500 ރުފިޔާ އެވެ.
އީސީން ބުނީ މި އުޖޫރައަކީ ހަމަ އެކަނި ވޯޓުލުން ކުރިޔަށް ގެންދާ ދުވަހަށް ކަނޑައަޅާފައި އޮންނަ އުޖޫރައެއް ކަމަށެވެ. މީގެ އިތުރުން ކެއުމާއި ސައި އެ ދުވަހު އީސީން ހަމަޖައްސައިދޭނެ އެވެ.
އީސީން ބުނީ އޮފިޝަލަކަށް ވުމަށް ފޯމް ހުށަހެޅިޔަސް އެ ކޮމިޝަނުން ހިންގާ ޓްރެއިނިން ފުރިހަމަ ނުކުރާ ނަމަ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރި ނުވެވޭނެ ކަމަށެވެ. މި ޓްރެއިނިން އޮންނާނީ އަންނަ މާޗު މަހުގެ ތެރޭގައި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް